ސަރުކާރަށް ތާއީދުކުރާ މީހުން ރައްޔިތުންގެ މަޖިލީހުގެ ބޭރުގައި މިއަދު މުޒާހަރާކުރަނީ. އެމީހުން މުޒާހަރާކުރަނީ ބައެއް ވަޒީރުންނަށް ރުހުން ނުދޭން އިދިކޮޅުން ނިންމުން. ފޮޓޯ: މިރާން ނާޝިމް/އަަދަދު
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގެ ބައެއް ވަޒީރުންނަށް ރުހުން ނުދޭން، އިދިކޮޅުން ނިންމުމުން އެކަމާ ދެކޮޅަށް ސަރުކާރުގެ އިސް ބައެއް ވެރިން އިސްވެ މިއަދު ފެށި މުޒާހަރާގެ ތެރެއިން މަޖިލީހުގެ ގޯތި ތެރެއަށް ގާ އުކި ކަމަށް ބައެއް މެމްބަރުން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ދަ ޑިމޮކްރެޓްސް މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) "އަދަދު" އަށް ވިދާޅުވީ މުޒާހަރާގެ ބައިވެރިންގެ ތެރެއިން އެއްލި ގާބުރިއެއް އޭނާއާ ވަރަށް ކައިރިޔަށް ވެއްޓުނު ކަމަށެވެ. މަޖިލީހުގެ ގޯތި ތެރޭގައި އިންނަވަނިކޮށް ގާއުކީ ސީދާ އޭނާއާ ދިމާލަށް ކަމަށް މެމްބަރު ރަޝީދު ތުހުމަތުކުރެއްވި އެވެ.
"ސަރުކާރުގެ އިސް ވެރިން، ޑެޕިއުޓީ މިނިސްޓަރުން ވެސް ބައިވެރިވި މުޒާހަރާއެއްގެ ތެރެއިން މިފަދަ ކަމެއް ހިނގުމަކީ ވަރަށް ދެރަ ކަމެއް. ވަރަށް ގޯސް ހިސާބަކަށް މިކަން މިދިޔައީ އަޅުގަނޑު ދެކޭ ގޮތުގައި،" އޭނާ ވިދާޅުވި އެވެ.
މަޖިލީހުގެ ތެރެއަށް ގާއުކި ކަމަށް އެހެން ބައެއް މެމްބަރުން ވެސް މިނޫހަށް މައުލޫމާތު ދެއްވި އެވެ.
"ފުލުހުންނަށް އެ މަންޒަރު ފެންނާނެ،" މެމްބަރަކު ވިދާޅުވި އެވެ.
ސަރުކާރަށް ތާއީދުކުރާ މީހުން މަޖިލީހުގެ ބޭރުގައި މިއަދު މެންދުރު 1:00 ހާއިރު މުޒާހަރާކުރަން ފެށީ ބައެއް ވަޒީރުންނަށް ރުހުން ނުދޭން އިދިކޮޅު އެމްޑީޕީއާއި ދަ ޑިމޮކްރެޓްސް ނިންމުމުންނެވެ.
އެމްޑީޕީން ރުހުން ނުދޭން ނިންމީ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަދި ބަންޑާރަ ނައިބު މުހައްމަދު އުޝާމް އަށެވެ. ޑިމޮކްރެޓްސްގެ ރުހުން ނުދޭން ނިންމި ވަޒީރުންގެ ލިސްޓުގައި މިނިސްޓަރު ސައީދުގެ ނަމެއް ނެތެވެ. ނަމަވެސް އެ ޕާޓީން ފޮރިން މިނިސްޓަރު މޫސާ ޒަމީރަށް ރުހުން ނުދޭން ވަނީ ނިންމައިފަ އެވެ.
މިނިސްޓަރުންނަށް ރުހުން ދިނުމުގެ ޖަލްސާ ކުރިއަށް ގެންދަން، ސަރުކާރަށް ތާއިދުކުރާ މެމްބަރު މަޖިލީހުގެ މާލަމުގައި ހުރަސް އެޅިއިރު، އެމްޑީޕީގެ ބައެއް މެމްބަރުންނާއި ސަރުކާރުގެ ބައެއް މެމްބަރުންނާ ދެމެދު ވަނީ މާރާމާރީ ވެސް ހިންގައިފަ އެވެ. އަދި އަދި ސަރުކާރުގެ މެމްބަރުން ވަނީ ބައެއް މައިކްތައް ވެސް ފޮރުވައިފަ އެވެ.
0.00%
0.00%
100.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment