Advertisement

ޒަވީ މި ސީޒަނަށް ފަހު ބާސެލޯނާ ދޫކޮށްލަން ނިންމައިފި

28 ޖަނަވަރީ 2024 - 02:32 0


ޒަވީ މި ސީޒަނަށް ފަހު ބާސެލޯނާ ދޫކޮށްލަން ނިންމައިފި

28 ޖަނަވަރީ 2024 - 02:32 0

ބާސެލޯނާ (ޖެނުއަރީ 28) - ބާސެލޯނާގެ ކޯޗުގެ މަގާމު މި ސީޒަނަށް ފަހު ދޫކޮށްލަން ނިންމާފައިވާ ކަމަށް އެ ޓީމާ ހަވާލުވެ ހުރި އެ ކްލަބްގެ ކެޕްޓަން ޒަވީ ހެނާންޑޭޒް އިއުލާނުކޮށްފި އެވެ.

ޒަވީ، މި ގޮތަށް އިއުލާނުކޮށްފައި މި ވަނީ، ސްޕެނިޝް ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ވިޔަރެއާލް އަތުން 5-3 އިން ބާސެލޯނާ ބަލިވި މެޗަށް ފަހު އެވެ. މި މެޗުން ބަލިވުމުން ބާސެލޯނާ ލީގުގެ ތިން ވަނައިގައި އޮތީ އެއް ވަަނައިގައި އޮތް ރެއާލް މެޑްރިޑަށް ވުރެ 10 ޕޮއިންޓް ފަހަތުގަ އެވެ.

ސްޕެނިޝް ކަޕުން ބާސެލޯނާ ކަޓާފައިވާއިރު، ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގައި ކުޅެން ޖެހެނީ އިޓަލީގެ ޗެމްޕިއަން، ނަޕޯލީއާ އެވެ.

ނަތީޖާތަށް ދަށްވުމުގެ ސަބަބުން ބާސެލޯނާގެ ކޯޗުގެ މަގާމުގައި ހުންނަން ޒަވީ އަށް އޮތީ ޕްރެޝަރު ބޮޑުވެފަ އެވެ. ޒަވީ ބުނީ މަގާމުގައި ދެމިހުރުމާ މެދު ވިސްނަމުން އަންނަތާ ދުވަސްތަކެއްވެފައިވާ ކަމަށެވެ.

"އަހަރެން ނިންމާފައިވާނީ ޖޫން 30 ގެ ފަހުން އިތުރަށް ކުރިއަށް ނުދާން. މިއީ ހަމަ ކޮމަން ސެންސް. ކްލަބަށް ރަނގަޅު ގޮތެއް ނޫން އަހަރެން ދެން ހުރުމަކީ ވެސް،" ޒަވީ ބުންޏެވެ.

"މި ނިންމުން ނިންމިތާ ދުވަސްކޮޅެއް ވެއްޖެ، މިއީ ދެން މި ނިންމުން އިއުލާނުކުރަން ޖެހޭ ވަގުތު ކަމަށް ފެނުނީ،"

ބާސެލޯނާއާ އެކު ޒަވީ ހުރީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޮތް ކޮންޓްރެކްޓެއްގަ އެވެ. އެކަމަކު، އޭގެ އެއް އަހަރު ކުރިން ޒަވީ މި ނިންމީ ޓީމު ދޫކޮށްލާށެވެ.

ޒަވީ ބުނީ މިއީ ބާސެލޯނާގެ ޓީމުގައި މި ވަގުތު ތިބި ކުޅުންތެރިންނަށް ވެސް އެންމެ ރަނގަޅު ގޮތް ކަމަށާއި ޓީމުގައި ހުރެ ވަކި ބަޔަކާ އިދިކޮޅަށް ހުރި މީހަކަށް ވާން ނޭދޭ ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން ފަހަކަށް އައިސް ޒަވީ ޓީމު ރާވަމުން އަންނަ ގޮތާ މެދު ބައެއް ކުޅުންތެރިންގެ ކަންބޮޑުވުންތަކެއް ވެސް ހުއްޓެވެ. އެ ކުޅުންތެރިން ހިތްހަމަނުޖެހުނީ، ނަތީޖާތަކުގެ ޒިންމާ ކުޅުންތެރިން ބޮލުގައި އަޅުވާ މޭރުމުން ނޫސްވެރިންގެ ބައްދަލުވުމުގައި ޒަވީ ވާހަކަ ދައްކާފައިވާތީ އެވެ.

ބާސެލޯނާގެ ކޯޗަކަށް ޒަވީ ހަމަޖެއްސީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގަ އެވެ. ގަތަރުގެ އަލް ސާދު ދޫކޮށް ބާސެލޯނާއާ ހަވާލުވި ޒަވީ ވަނީ އެ ޓީމުގައި ހޭދަކުރި ފުރަތަމަ ފުލް ސީޒަނުގައި އެ ޓީމަށް ސްޕެނިޝް ލީގު ކާމިޔާބު ކޮށްދީފަ އެވެ. އޭގެ ކުރިން، ސްޕެނިޝް ސުޕަ ކަޕް ކާމިޔާބު ކޮށްދިނެވެ.

ރިޕޯޓްތައް ބުނާގޮތުން ޒަވީ އާއި ބާސެލޯނާގެ ރައީސް ޖޮއާން ލަޕޯޓާއާ މެދު ގުޅުން ގޯސްވެފައިވަނީ ކްލަބްގެ މާލީ ހާލަތާ މެދު އެންމެ ރަނގަޅު މައުލޫމާތުތައް ޒަވީ އަށް ކިޔައިނުދޭތީ އެވެ. އަދި ޓީމު ވަރުގަދަ ކުރަން ބޭނުންވާ ޓްރާންސްފާ ބަޖެޓް ވަގުތު އޮއްވައި ހަމަޖައްސައިނުދޭތީ ވެސް ޒަވީގެ ހިތްހަމަނުޖެހުންތަކެއް އެބަހުއްޓެވެ.