27 ޖަނަވަރީ 2024 - 16:39 0
ނިމާ ހަސަން
މަޓާޓޯގެ ސީއީއޯއަކަށް ހަމަޖެއްސި ސޫޒަން: އޭނާއަކީ ޓޫރިޒަމް ކޮންސްޓްރަކްޝަން ދާއިރާގައި ފާހަގަކޮށްލެވޭ ކަނބަލެއް --
27 ޖަނަވަރީ 2024 - 16:39 0
މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓްރެވެލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)ގެ އާ ޗީފް އެގްޒެކެޓިވް އޮފިސަރަކަށް އާމިނަތު ސޫޒަން މިއަދު ހަމަޖައްސައިފި އެވެ.
ސޫޒަން އަކީ ހޮޓެލްސް އެންޑް ރިސޯޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ކުރީގެ މެނޭޖިން ޑިރެކްޓަރެވެ. އޭނާ އަކީ މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި)ގެ ފުރަތަމަ އަންހެން އެގްޒެކެޓިވް ބޯޑު މެންބަރެއް އަދި ނޭޝަނަލް ފެޑެރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޯޔާސް (އެންއެފްއެމްއީ)ގެ އެގްޒެކެޓިވް ބޯޑު މެންބަރެއް ވެސް މެއެވެ.
ބޭންކިން ދާއިރާއިން މަސައްކަތުގެ މާހައުލަށް ނިކުތް ސޫޒަން ވަނީ އެޗްއެސްބީސީ މޯލްޑިވްސްގެ ޕްރިމިއާ ބޭންކިންގެ މޫނުގެ ގޮތުގައި ހަތް އަހަރު ހިދުމަތް ކުރައްވާފަ އެވެ. އެއަށްފަހު ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި، ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހާސިލްކުރައްވައި، ރާއްޖޭގެ ރިސޯޓް ޑިވެލޮޕްމަންޓް ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު އެއް ކުންފުނި، ހޮޓެލްސް އެންޑް ރިސޯޓްސް ކޮންސްޓްރަކްޝަންގައި އިސްކޮށް މަސައްކަތް ކުރެއްވި އެވެ.
އޭގެ އިތުރުން އޭނާ ވަނީ ދެކުނު ކޮރެއާގައި ކުރިއަށްދާ 43 ވަނަ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓަން ޕެސިފިކް ކޮންޓްރެކްޓާސް އެސޯސިއޭޝަންސް (އިފާވަޕްކާ) ކޮންވެންޝަންގެ ޗީފް ޑެލިގޭޓްގެ ގޮތުގައި ރާއްޖެ ތަމްސީލުކުރެއްވުމުގެ އިތުރުން ރާއްޖޭގައި ބޭއްވި 45 ވަނަ އިފާވަޕްކާ ކޮންވެންޝަންގެ އޯގަނައިޒޭޝަންގެ ޗީފް އެގްޒެކެޓިވްގެ މަގާމު ވެސް އޭނާ ފުރުއްވާފަ އެވެ.
މަޓާޓޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި, ސީއީއޯއަކަށް ސޫޒަން ހަމަޖެއްސުމަކީ އެ އެސޯސިއޭޝަނުން މިންތީގެ ހަމަހަމަ ކަމާއި އަންހެނުން ކުރިއެރުވުމަށްދޭ އަހަންމިއްޔަތުކަން ދައްކުވައިދޭ ކަމެކެވެ.
ޖީޑީޕީގައި ޓޫރިޒަމްގެ ހިއްސާ ބޮޑު ގައުމެއްގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ވަޒީފާ އަދާކުރަނީ ދިވެހި އަންހެނުންގެ ތެރެއިން އެންމެ ފަސް ޕަސަންޓުކަން ފާހަގަކޮށް މަޓާޓޯއިން ބުނީ އޭގެ ސަބަބުން މިންތީގެ ހަމަހަމަކަމާއި، މުހިންމު ސިނާއަތްތަކުގައި އަންހެނުން ބާރުވެރިކުރުމުގެ މުހިންމުކަން ވަރަށް ބޮޑަށް ފާހަގަކުރެވޭ ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއިން އަންހެނުންނަށް ފުރުސްތުތައް ފަހިކޮށްދީ، އިންކްލޫސިވް މާހައުލެއް ގާއިމުކުރުމުގެ މުހިންމުކަން ފާހަގަކުރެވޭ ކަމަށް ވެސް މަޓާޓޯއިން ބުނެ އެވެ.
Comment