Advertisement

ބީޖީ ބަލިކޮށް ނިއު ރޭޑިއަންޓް ވެސް ދެ ވަނަ ޑިވިޝަން ކުއާޓާ އަށް

25 ޖަނަވަރީ 2024 - 18:11 0

ނިއު ރޭޑިއަންޓް ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ބީޖީ ބަލިކޮށް ނިއު ރޭޑިއަންޓް ވެސް ދެ ވަނަ ޑިވިޝަން ކުއާޓާ އަށް

25 ޖަނަވަރީ 2024 - 18:11 0

އެފްއޭއެމް އެމްޕީއެލް ދެ ވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ބީޖީ ސްޕޯޓްސް ކްލަބް 4-0 އިން ބަލިކޮށް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

ނިއު އިން މި ނަތީޖާއާ އެކު ވަނީ ގްރޫޕް ބީގެ އެއް ވަނައިގައި އޮތް ޓެންޓް ސްޕޯޓްސް ކްލަބާ އެއްވަރަށް ތިން މެޗުން ނުވަ ޕޮއިންޓް ހޯދައިފަ އެެވެ. ނިއު ދެ ވަނައިގައި އޮތީ ލަނޑުގެ ތަފާތުންނެވެ. މި ގްރޫޕުން އެއް ވަނަ ޓީމު ކަނޑައެޅޭނީ، އަންނަ ހޯމަ ދުވަހު ޓެންޓާއި ނިއު ބައްދަލުކުރާ މެޗުންނެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ނިއު އިން ފުރަތަމަ ހާފު ނިންމާލީ ތިން ގޯލުގެ ލީޑެއްގަ އެވެ. އެ ގޮތުން، ނިއު އިން ލީޑުނެގީ 18 ވަނަ މިނިޓްގައި ގާނާގެ ފޯވާޑް ކޯފީ އޮވޫސޫ ޖެހި ގޯލުންނެެވެ. މިއީ އޭރިއާތެރެއިން ހުސްކޮށްލާފައި އިސްމާއިލް ވިފާގު (އިއްސެ) ދިން ބޯޅައަކުން ކޯފީ ޖެހި ގޯލެކެވެ.

ނިއު އިން ލީޑުފުޅާކުރީ، އޭރިއާ ކައިރިން ލިބުނު ހިލޭ ޖެހުމަކުން، ތިރިތިރިން ބޯޅަ ފޮނުވާލައިގެން، ނިއުގެ ގާނާ މިޑްފީލްޑަރު، އަބޫ ސަނޫނޫ ޖެހި ލަނޑުންނެވެ. މެޗުގެ 28 ވަނަ މިނިޓްގައި އަބޫ ފޮނުވާލި އެ ހިލޭޖެހުން އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.

އޭގެ ފަހުން، ނިއުގެ ކެޕްޓަން، އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) ފޮނުވާލި ޝޮޓެއް ވަނީ ހުރަސްދަނޑިއަށް އަމާޒުވެފަ އެވެ. ނިއު އިން އެންމެ ފަހުން ކުޅުނު މެޗުގައި ކެޕްޓަންކަން ކުރި ޔަސްފާދު ހަބީބު (މުލަކޭ) މި މެޗުގައި ކުޅެން އެރީ ދެ ވަނަ ހާފުގަ އެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި ނިއު އިން ތިން ވަނަ ގޯލު ޖެހީ ވެސް ހިލޭ ޖެހުމަކުންނެވެ. މި ލަނޑު ޖެހީ ހާފުގެ މެދެއްހާ ހިސާބުން ލިބުނު ހިލޭ ޖެހުމެއް ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެން، އުޒްބެކިސްތާންގެ ޑިފެންޑަރު، އަޒަމޯވް ޖޮވޯހިރް އެވެ.

ގިނަ އެޓޭކްތަކެއް ފެނިގެންދިޔަ ދެ ވަނަ ހާފުގައި ނިއު އިން ވަނީ އިތުރު ގޯލެއް ޖަހައިފަ އެވެ. މި ލަނޑު ޖެހީ، ބަދަލަކަށް ކުޅެން އެރި އަޔާޒް އަހުމަދު (އަޔާ) އެވެ. މެޗުގެ 72 ވަނަ މިނިޓްގައި އަޔާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. މިއީ، މި ފަހަރުގެ ދެ ވަނަ ޑިވިޝަނުގައި ބަދަލަކަށް ކުޅެން އަރައި އަޔާ ޖެހި ދެ ވަނަ ގޯލެވެ.

ބީޖީ އަށް މި މެޗާ އެކު، ގްރޫޕް ސްޓޭޖު ނިމުނީ އެވެ. އެ ޓީމަށް ކުއާޓާ ފައިނަލުގެ ޖާގަ ލިބުމުގެ ފުރުސަތު އަދި އެބައޮތެވެ. އެއީ އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިން ވަނަ އަށް ދާ ދެ ޓީމު ތެރޭގައި ހިމެނިގެންނެވެ.

ޓެންޓް އާއި ނިއުގެ އިތުރުން ކުއާޓާ ފައިނަލުން ޖާގަ ޔަގީންކޮށްފައިވަނީ، ވިކްޓަރީ ސްޕޯޓްސް ކްލަބާއި މަސް އޮޑި ސްޕޯޓްސް ކްލަބް އެވެ. ތިން ވަނަ ޑިވިޝަނުގައި 15 ޓީމެއް ތިން ގްރޫޕަކަށް ބަހާލައިފައިވާއިރު، ކުއާޓާ އަށް ކޮންމެ ގްރޫޕަކުން ގަދަ ދެ ޓީމަކާއި، ހުރިހާ ގްރޫޕަކަށް ބަލައި އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިން ވަނަ އަށް ދާ ޓީމުތަކުގެ ތެރެއިން ދެ ޓީމެއް ކޮލިފައިވާނެ އެވެ.

ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި މާދަމާ ކުޅޭނީ، ކްލަބް ޕީކޭ އާއި ބިސް ބުރު ސްޕޯޓްސް ކްލަބް އެވެ.