Advertisement

ދޭން ނުޖެހޭ 12 މީހުންނަށް އެކަނިވެރި މައިންގެ އެލަވަންސްގެ ގޮތުގައި މިލިއަނެއް ދީފައިވޭ

24 ޖަނަވަރީ 2024 - 13:22 1

ނިމާ ހަސަން

ނިމާ ހަސަން

މަންމައަކު ދަރިފުޅު ގޮވައިގެން ސްކޫލަށް ދަނީ: ފައިސާ ދިން މީހުންގެ ތެރޭގައި އިނދެގެން އުޅުނު މީހުން ހިމެނޭ -- ފޮޓޯ: އަދަދު


ދޭން ނުޖެހޭ 12 މީހުންނަށް އެކަނިވެރި މައިންގެ އެލަވަންސްގެ ގޮތުގައި މިލިއަނެއް ދީފައިވޭ

24 ޖަނަވަރީ 2024 - 13:22 1

އެކަނިވެރި މައިންނާއި ބަފައިންގެ އެލަވަންސް ލިބެން ނުޖެހޭ 12 މީހަކަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަން ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ 2022 ގެ އޮޑިޓް ރިޕޯޓުން ދައްކައިފި އެވެ.

އެންސްޕާގެ އޮޑިޓުން ދައްކާ ގޮތުގައި އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އެލަވަންސްގެ ގޮތުގައި 1,022,000 ރުފިޔާ އިތުރަށް ދީފައިވާއިރު، އެހީ ލިބުނު ބައެއް މީހުންނަކީ އެހީ ލިބުނުއިރު ކައިވެނިކޮށްގެން އުޅުނު މީހުންނެވެ.

އޮޑިޓުގައިވާ ގޮތުގައި މިކަން މިހެން ދިމާވަނީ ދިމާވަނީ ވަރިކައިވެނީގެ މައުލޫމާތު ފެމިލީ ކޯޓު އަދި ޑީޖޭއޭއިން ގަވައިދުން ހޯދައި, މި އެލަވަންސް ދޭ ފަރާތްތަކުގެ ސައްހަކަން ބެލުމަށްޓަކައި އެކަށީގެންވާ އިންތިޒާމްތައް ހަމަޖައްސައިފައި ނުވާތީ އެވެ.

އެކަނި ދަރިން ބަލަހައްޓައި މައިން ނުވަތަ ބަފައިންނަށް މާލީ އެހީ ދިނުމާ ބެހޭ ގަވާއިދުގެ ދަށުން އެހީ ލިބޭ ފަރާތާއެކީ ސޮއިކުރާ އިގުރާރުގައި އޮންނަނީ މި އެލަވަންސް ލިބޭ މީހުންގެ ދިރިއުޅުމުގެ ހާލަތު ބަދަލުވެއްޖެނަމަ އެންސްޕާއަށް އެންގުމުގެ ޒިންމާ މަތިކޮށްފަ އެވެ. ނަމަވެސް ކައިވެނި ކުރުމަށްފަހު ހުރިހާ ފަރާތްތަކުން މިގޮތަށް ނާންގާކަން އެ އެޖެންސީން ފާހަގަ ކުރެ އެވެ.

އިތުރަށް ފައިސާ ދީފައިވާކަން އޮޑިޓަރުންނަށް އެނގުނީ އެންސްޕާއިން މާލީ އެހީ ދީފައި ވަނީ އުސޫލާ އެއްގޮތަށްތޯ ބެލުމަށްޓަކައި، މި އެހީ ލިބުނު ބައެއް ފަރާތްތަކުގެ ލިސްޓެއް ފެމިލީ ކޯޓަށް ފޮނުވައި ލިސްޓުގައި ހިމެނޭ ފަރާތްތައް ކައިވެނިކޮށްފައިވޭތޯ އާއި ކައިވެނިކޮށްފައިވާ ތާރީހު އަޅައިބެލެމުންނެވެ.

މިހެން ދިމާވާ ސަބަބެއް ކަމަށް އެންސްޕާއިން ބުނީ, ރާއްޖޭގެ ހުރިހާ ކޯޓުތަކެއްގެ މައުލޫމާތު އެއް ވިއުގައަކުން ގުޅިފައި ނުވާތީ, އެންމެ އެދެވޭ އަވަސްމިނުގައި އެ އިދާރާއަށް މައުލޫމާތު ލިބެމުން ނުދާ ކަމަށެވެ.

އޮޑިޓުގައި ލަފާ ދިނީ އެކަނިވެރި މައިންނާއި ބަފައިންގެ އެލަވަންސް ދިނުމުގައި އިހުމާލުވާ މުވައްޒަފުން މެދުވެރިކޮށް އެ ފައިސާ އަލުން ހޯދައި ޕަބްލިކް ބޭންކް އެކައުުންޓަށް ޖަމާ ކުރުމަށެވެ. މާލިއްޔަތު ގަވާއިދުގައި އޮންނަނީ ދައުލަތަށް ލިބުނު ގެއްލުމުގެ ޒިންމާ މުވައްޒަފު ނަގަންޖެހޭ ގޮތަށެވެ. އަދި މިކަމަށް އިއުތިރާޒުކުރާ މުވައްޒަފުންގެ މައްސަލަ، ކަމުގެ ކުޑަބޮޑު މިނަށް ބަލައި، ހުށަހަޅަންޖެހޭ ފަރާތަށް ހުށަހެޅުމަށް އޮޑިޓަރުން ލަފާދީފައިވެ އެވެ.

އޭގެ އިތުރުން އޮޑިޓު އޮފީހުން ވަނީ އެންސްޕާއިން މާލީ އެހީ ދޭ މީހުންގެ ހާލަތު ބަދަލުވުމުން އެނގޭނެފަދަ ނިޒާމެއް ގާއިމުކޮށް މޮނިޓާ ކުރުމަށާއި, ކޯޓުތަކުން ކައިވެންޏާއި ވަރި އަދި ނިޔާވާ މީހުންގެ މައުލޫމާތު އެނގޭނެ އިންޓަގްރޭޓެޑް ވިއުގައެއް ދައުލަތުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ގާއިމްކުރުމަށް ވެސް ލަފާދީފައިވެ އެވެ.