Advertisement

ހޯއްގޮވާ ކެއްސުން، ދިގުދެމިގެންދާ ނަމަ ނުރައްކާ ބޮޑު ބައްޔެއް

24 ޖަނަވަރީ 2024 - 13:59 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ފޮޓޯ: ރައްޔާން މުހައްމަދު / އަދަދު


ހޯއްގޮވާ ކެއްސުން، ދިގުދެމިގެންދާ ނަމަ ނުރައްކާ ބޮޑު ބައްޔެއް

24 ޖަނަވަރީ 2024 - 13:59 0

ހޯއްގޮވާ ކެއްސުމަކީ ޖަރާސީމެއްގެ ޒަރިއްޔާއިން ނޭވާލާ ނިޒާމަށް ޖެހޭ ގައިންގަޔަށް އަރާ ބައްޔެކެވެ. އަރިދަފުސް ރޯގާ އަދި އާދައިގެ ރޯގާ ފަދަ ބަލިތަކާއި އެއްގޮތް ސިފަތަކެއް ފެންނަ ބައްޔަކަށްވުމުން ބައެއް ފަހަރު ހޯއްގޮވާ ކެއްސުން ދެނެގަންނަން އުދަގޫވެ އެވެ.

މި ބަލިޖެހުމުން ކެއްސުމަށްފަހު އެތެރެއަށް ނޭވާލާއިރު ހޯއް އަޑުގޮވުން ކުރިމަތިވާއިރު، އާންމު ގޮތެއްގައި ބަލި ބޮޑުވަނީ ކުޑަކުދިންނަށެވެ. ނަމަވެސް ބޮޑެތި މީހުންނަށް ވެސް ހޯއްގޮވާ ކެއްސުންޖެހި، އަލާމާތްތައް ފެނުން އެކަށީގެންވެ އެވެ.

ގަވާއިދުން ވެކްސިންދޭ މި ބައްޔަކީ ރާއްޖޭގައި ކޮންޓްރޯލްކޮށްފައިވާ ބައްޔެކެވެ. ނަމަވެސް މަދުމަދުން އެ ބަލި ޖެހިފައިވާ މީހުން ރާއްޖެއިން ފެންނަ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެ އެވެ.

ހޯއްގޮވާ ކެއްސުން ޖެހިފައި ތިބި ތިން ކުޑަކުދިން ގއ. ވިލިނގިލިން ފެނުމާ ގުޅިގެން އަތޮޅު ހޮސްޕިޓަލާއި އައިޖީއެމްއެޗް ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހަދައި ޓެސްޓު ކުރުމުގެ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އިއްޔެ އެޗްޕީއޭއިން މައުލޫމާތުދިނެވެ.

ހޯއްގޮވާ ކެއްސުން ފެތުރެނީ ކިހިނެއް؟

ހޯއްގޮވާ ކެއްސުން ޖެހެނީ ބެކްޓީރިޔާގެ ބާވަތެއް ކަމުގައިވާ "ބޯޑިޓެލާ ޕާޓަސިސް" ގެ ސަބަބުންނެވެ. މި ޖަރާސީމު ފުރަތަމަ ހޯދުނީ 1906 ވަނަ އަހަރުގަ އެވެ.

ހޯއްގޮވާ ކެއްސުން ފެތުރެނި ބަލި ޖެހިފައިވާ މީހަކު ކެއްސައި އަދި ކިނބިހި އަޅައި ހަދާއިރު އަނގަ އަދި ނޭފަތުން ވައިގެ ތެރެއަށް ދޫވާ ޖަރާސީމު ތިކިތަކުގެ ސަބަބުންނެވެ. އަދި މި ޖަރާސީމުން ހުރި ތަނެއް ނުވަތަ އެއްޗެއްގައި އަތްލުމަށްފަހު އަތް ނުދޮވެ، އަނގަޔަށް ލޮލަށް، ނުވަތަ ނޭފަތުގައި އަތްލުމުން ވެސް ބަލި ފެތުރިދާނެ އެވެ.

އިންސާނެއްގެ ގަޔަށް މި ޖަރާސީމު އެރުމާއެކު އެ މީހެއްގެ ނޭވާހޮޅި ތެރޭގައި ވަކި ހިތްޕާލަ އެވެ. އަދި ނޭވާހޮޅި ތެރޭގައި ޖަރާސީމު ހެދިބޮޑުވެ، ނޭވާލުމުގެ ތެރޭގައި ހަށިގަނޑަށް އެތެރެވާ ކުންޏާއި ހިރަފުސް ފަދަ ތަކެތިން ހަށިގަނޑު ހިމާޔަތްކޮށްދޭ ނަރުވާތަކަށް ގެއްލުންވާ ވިހައެއް އުފެއްދަ އެވެ. ނަތީޖާއެއްގެ ގޮތުން ނޭވާހޮޅި ދުޅަވެ. ހޯއްގޮވާ ކެއްސުން ފެށިގެންދެ އެވެ.

ބަލި ދިގުދެމިގެންދާ ނަމަ ނުރައްކާ ބޮޑު

ހޯއްގޮވާ ކެއްސުން ޖައްސާ ވައިރަސް ހަށިގަނޑަށް ވަނުމަށްފަހު ހެދިބޮޑުވާން ނަގާ މުއްދަތުގައި އެއްވެސް އަލާމާތެއް ނުފެނުން އެކަށީގެންވެ އެވެ. އެގޮތުން އަލާމާތްތައް ފެނުމަށް 14-7 ދުވަހާއި ދެމެދުގެ މުއްދަތެއް ހޭދަވެ އެވެ. ބަލިޖެހިފައިވާ މީހެއްގެ ފަރާތުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި:

  • ކެއްސުން އިތުރުވުން
  • އެތެރެއަށް ނޭވާލާއިރު ހޯއް އަޑުގޮވުން
  • ހޯއް އަޑުގޮވައި ކެއްސުމަށްފަހު ހޮނޑުލުން
  • ކިނބިހިއެޅުން
  • ނޭފަތް ދުޅަވެ، ނޭފަތުން ފެންއަންނަ ގޮތްވުން
  • އާދައިގެ ވަރަކަށް ހުންއައުން
  • ލޯ ރަތްވެ، ފެންއައުން
  • ކަރުތެރެ ހަލާކުވުން

ހޯއްގޮވާ ކެއްސުން ޖެހިފައިވާ މީހެއްގެ ފުށުން އެހެން މީހުންގެ ގަޔަށް ބަލި އަރަނީ ބަލީގެ ޖަރާސީމު ހަށިގަނޑަށް ވަންނަތާ ހަތް ދުވަހުން ފެށިގެން، ހޯއްގޮވާ ކެއްސުން ފެށުމަށްފަހު، ފުރަތަމަ ތިން ހަފުތާގެ ތެރޭގަ އެވެ. އެންމެ ބޮޑަށް އެހެން މީހުންނަށް ބަލި ފެތުރަނީ ބަލީގެ ފުރަތަމަ ހަފުތާގެ ތެރޭގަ އެވެ.

ބަލި ރަނގަޅުވަމުން އަންނަ މުއްދަތުގައި އަރިދަފުސްޖެހިއްޖެ ނަމަ އަނެއްކާ ވެސް ކެއްސުން އިތުރަށް ގޯސްވެގެން ދިޔުމަކީ ވެސް ވެދާނެ ގޮތެކެވެ. އެގޮތުން ހޯއްގޮވާ ކެއްސުން ދިގުލައި ދިޔުމުން މެދުވެރިވާ ނުރައްކާތަކުގެ ތެރޭގައި ނިއުމޯނިޔާ ޖެހުން ވެސް ހިމެނެ އެވެ. މި ބަލިޖެހޭ ކޮންމެ 20 ކުދިންގެ ތެރެއިން އެއް ކުއްޖަކަށް ނިއުމޯނިޔާ ޖެހެ އެވެ.

މީގެ އިތުރުން ހޯއްގޮވާ ކެއްސުން ދިގުލައިގެންދާ ނަމަ ބޭރަށްހިންގުމާއެކު ހަށިގަނޑުން ފެން ހުސްވުން، ސިކުނޑި ދުޅަވުން، ސިކުނޑިއަށް ލޭއެޅުން، ފިޓްޖެހުން އަދި ނޭފަތުން ލޭއައުން ފަދަ ކަންކަން ދިމާވުން އެކަށީގެންވެ އެވެ.

ހޯއްގޮވާ ކެއްސުމުގެ ފަރުވާ

  • ހޯއްގޮވާ ކެއްސުމުގެ ނުރައްކާ އަދި ފެތުރުން ކުޑަކުރުމަށް ޖަރާސީމު މަރާ ބޭސް ދެވިދާނެ. މި ބޭހުގެ ފައިދާ އެންމެ ބޮޑަށް ކުރަނީ ބަލީގެ ކުރީކޮޅުގައި ދެވިއްޖެނަމަ
  • ހަތް އަހަރުން ދަށުގެ ކުދިންގެ ތެރެއިން ޕާޓޫސިސް ވެކްސިން ފުރިހަމަކޮށްފައިނުވާ ކުއްޖަކު ނަމަ އަވަހަށް ވެކްސިން ފުރިހަމަކުރުން
  • ހޯއްގޮވާ ކެއްސުމަށް ހާއްސަ ޑީޕީޓީ ވެކްސިން ޖެހުން

ބަލިން ރައްކާތެރިވުމުގެ ގޮތުން ކުރެވިދާނެ އެހެނިހެން ކަންތައްތައް

  • ކެއްސާ ކިނބިހިއަޅާއިރު އަނގަޔާއި ނޭފަތް ނިވާކުރުން
  • ގިނަގިނައިން އަތްދޮވުން
  • ޖަރާސީމު ހަރުލާފައި ހުންނަ ތަންތަނުގައި އަތްނުލުން
  • ލޯ، އަނގަ އަދި ނޭފަތަށް އަތްނުލުން