Advertisement

ވެރިކަމަށް ދެ މަސް، ވެރިންގެ މާލީ ބަޔާން އާންމެއް ނުކުރޭ!

24 ޖަނަވަރީ 2024 - 07:56 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

މި ސަރުކާރުގެ ފުރަތަމަ ކެބިނެޓު ބައްދަލުވުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް


ވެރިކަމަށް ދެ މަސް، ވެރިންގެ މާލީ ބަޔާން އާންމެއް ނުކުރޭ!

24 ޖަނަވަރީ 2024 - 07:56 1

މި ސަރުކާރުގެ ވެރިންގެ މާލީ ބަޔާން އާންމު ކުރާނެ ކަމަށް ބުނެފައި ވާއިރު، ވެރިކަމަށް ދެ މަސް ވެގެން ދިޔައިރު ވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ހިމެނިވަޑައިގަންނަވާ ގޮތަށް ވަޒީރުންނާއި ސަރުކާރުގެ ވެރިންގެ މާލީ ބަޔާން އާންމެއް ނުކުރި އެވެ.

ސަރުކާރުން ކުރިން ބުނެފައި ވަނީ ރައީސް މުއިއްޒުގެ ވިސްނުމަކީ ވެސް މާލީ ބަޔާންތައް އާންމު ކުރުމެވެ. މިހެން ވިދާޅުވީ ރައީސް މަގާމާ ހަވާލުވެވަޑައިގަތްތާ ދެ ދުވަސް ތެރޭ ބޭއްވީ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު ފިރުޒުލް އެވެ.

ނަމަވެސް, އޭގެ ފަހުން މިއަދާ ހަމައަށް 66 ދުވަސް ވެފައިވާއިރު އަދިވެސް މާލީ ބަޔާންތަކުގެ ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިޢު ނުކުރެ އެވެ.

ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރަން ޑިސެމްބަރު 26، 2023 ދުވަހުގެ ހެނދުނުގައި ބޭއްވި ހަރަކާތުގައި ރައީސް އޮފީހުގެ ބައެއް ވެރިން. -- ފޮޓޯ: ރައީސް އޮފީސް


ވެރިންގެ މާލީ ބަޔާން ހާމަކުރާނެ ދުވަހެއް ހޯދުމަށް "އަދަދު" އިން ކުރި ސުވާލަށް ރައީސް އޮފީހުގެ ޖަވާބެއް ލިބިފައި ނުވެ އެވެ. އެ މަސައްކަތް ކޮށްފައިވާ ހިސާބެއް ވެސް މިހާތަނަށް ހާމައެއް ނުކުރެ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެމަނިކުފާނާއި, ނައިބު ރައީސް ފައިސަލް ނަސީމާއި, ވަޒީރުންނާއި, ރައީސް އޮފީހުގެ އެންމެ އިސްވެރިންގެ މާލީ ބަޔާންތައް ހާމަކުރީ ވެރިކަމަށް 55 ވަނައަށް ވީ ދުވަހު ޖެނުއަރީ 10, 2019 ގަ އެވެ. އެ އޮފީހުގެ ރެކޯޑުތަކުން މި ބަޔާންތައް އެ ދުވަހު ހާމަކޮށްފައި ހުރިކަން އެނގެ އެވެ.

އޭގެ މަސްތަކަކަށް ފަހު, އެ ސަރުކާރުގެ ސްޓޭޓް މިނިސްޓަރުންނާއި, ޑެޕިއުޓީ މިނިސްޓަރުންގެ މާލީ ބަޔާންތައް ވެސް ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިޢު ކުރި އެވެ. އަދި, އަހަރަކު އެއްފަހަރު މާލީ ބަޔާންތައް އާންމުކުރި އެވެ.

ކެމްޕޭން ތެރޭގައި ރައީސް މުއިއްޒު ވިދާޅުވީ ގާއިމުކުރަން މަަސައްކަތް ކުރައްވާނީ "އެއްވެސް ކަމެއް ނުފޮރުވާ، ސާފު ސަރުކާރެއް" ކަމަށެވެ.

"ސަރުކާރުގެ އެއްވެސް އޮފީހެއްގައި ފޮރުވާނެ ކަމެއް ނުބާއްވާނަން. ރައްޔިތުންނަށް ނޫސްވެރިންނަށް ކަމެއް ނޭނގިގެން އުޅެން ޖެހުނަކަ ނުދޭނަން," ރިޔާސީ ކެމްޕޭނުގައި ލ. ގަމުގައި ސެޕްޓެމްބަރު 25 ގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވެފައިވެއ އެވެ.

މި ސަރުކާރުގެ ކެބިނެޓުގައި 22 މިނިސްޓަރުން ހިމެނޭއިރު، ރައީސް އޮފީހުގެ ވެބްސައިޓުގައިވާ ގޮތުން އެ އޮފީހުގެ ސީނިއާ މިނިސްޓަރާއި މިނިސްޓަރުންގެ ގޮތުގައި ޖުމުލަ ހަތް ބޭފުޅަކު އަދި މިނިސްޓަރުންގެ ފެންވަރުގައި 11 ބޭފުޅަކު އެބަ ތިއްބެވި އެވެ. އެޑްވައިޒަރުންގެ ގޮތުގައި ދެ ބޭފުޅަކު އައްޔަން ކުރައްވާފައިވެ އެވެ.

ސްޓޭޓު މިނިސްޓަރުންގެ ގޮތުގައި 83 ބޭފުޅުން، އެ ފެންވަރުގައި އެހެން މަގާމުތަކަށް އަށް ބޭފުޅަކު އައްޔަން ކުރައްވާފައިވެ އެވެ. ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި މިހާތަނަށް 157 ބޭފުޅަކު މިނިސްޓްރީތަކަށް އައްޔަން ކުރައްވާފައި ވާއިރު، ރައީސް އޮފީހުގެ މަގާމުތަކަށް ޑެޕިއުޓީ މިނިސްޓަރުންގެ ފެންވަރުގައި ނުވަ ބޭފުޅަކު އައްޔަން ކުރައްވާފައިވެ އެވެ.