Advertisement

ޔާމީނު ސިޔާސީ ހަރަކާތުގައި؛ ކަރެކްޝަނުން "އަދިވެސް ބަލަނީ"

23 ޖަނަވަރީ 2024 - 16:30 1

ނިމާ ހަސަން

ނިމާ ހަސަން

ކުރީގެ ރައީސް ޔާމީން ޕީއެންއެފް އިން ބޭއްވި ސިޔާސީ ހަރަކާތެއްގައި ބައިވެރިވަޑައިގަންނަވަނީ; ޝަރުތުތަކާ ހިލާފުވުމުން ވެސް ކަރެކްޝަނުން ފިޔަވަޅެއް ނާޅާ -- ފޮޓޯ: ޕީއެންއެފް


ޔާމީނު ސިޔާސީ ހަރަކާތުގައި؛ ކަރެކްޝަނުން "އަދިވެސް ބަލަނީ"

23 ޖަނަވަރީ 2024 - 16:30 1

ގެބަންދުގައި މިވަގުތު ހުންނެވި ކުރީގެ ރައީސް އަބްދުالله ޔާމީނަށް ކަރެކްޝަނަލް ސާވިސަސް އިން ދީފައިވާ ލުއިތަކާ ހިލާފުވެ, ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވަމުންދާއިރު އެކަމާ ގުޅިގެން ފިޔަވަޅު އެޅުމުގެ ބަދަލުގައި އަދިވެސް އެ މައްސަލަ "ބަލަމުންދާ" ކަމަށް ކަރެކްޝަނުން ބުނެފި އެވެ.

އެކަމާ ގުޅިގެން ކަރެކްޝަންސްއާ މިއަދު "އަދަދު" އިން ސުވާލު ކުރުމުން ބުނީ "އަދިވެސް އެ މައްސަލަ ބަލަމުންދާ" ކަމަށެވެ. އަދި, އިތުރު ކޮމެންޓެއް ނެތް ކަމަށެވެ.

ޔާމީނަށް ފިޔަވަޅު ނާޅާނެތޯ މީގެކުރިން ސުވާލު ކުރި ކޮންމެ ފަހަރަކު ވެސް ކަރެކްޝަނުން ދިނީ އެ ޖަވާބެވެ. އަދި, ލުއިތައް ރިވިއު ކުރަމުންދާ ކަމަށް ޑިސެމްބަރު މަސް ތެރޭގައި ބުނެފައި ވެއެވެ. ނަމަވެސް, ވެފައިވާ އިގުރާރާ ތަކުރާރުކޮށް ހިލާފުވަމުން ދާއިރުވެސް ފިޔަވަޅު އަޅާފަ އެއް ނުވެ އެވެ.

ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީން އޮކްޓޯބަރު 1, 2023 އިން ފެށިގެން ހުންނެވީ ގެބަންދުގަ އެވެ. އެއަށް ފަހު މާލޭ ސަރަހައްދުގައި ހަރަކާތްތެރިވެ އުޅެވޭ ގޮތަށް ލުއިތައް އޮކްޓޯބަރު 28 ވަނަ ދުވަހު ދިނެވެ.

އެއަށްފަހު ޔާމީން ގެންދަވަނީ އެމަނިކުފާނު ލީޑު ކުރައްވާ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ރޭގަނޑު ބާއްވަމުންދާ ފްރޮންޓް އޮފީސް ޖަލްސާތަކުގައި ބައިވެރިވަވަޑައިގަންނަވަމުންނެވެ. އޭގެ ތެރެއިން ޖަލްސާއެއްގައި ޕޯޑިއަމްގައި ހުންނަވައި ވާހަކަ ދެއްކެވުމުން އެމަނިކުފާނާށް ކަރެކްޝަނުން އިންޒާރު ދިނެވެ.

އެއަށްފަހު ޖަލްސާތަކުން ޔާމީން ނުފެނި ދުވަސްކޮޅެއް ވުމަށް ފަހު މިދިޔަ ހޮނިހިރު ދުވަހާއި ހޯމަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވި އެވެ. އަދި, ޕޯޑިއަމަށް ވަޑައިގެން ވާާހަކަ ދެއްކެވުމުގެ ބަދަލުގައި ގޮނޑީގައި އިންނަވައިގެން އެމަނިކުފާނުގެ ޕާޓީގެ ފަރާތުން އަންނަ މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާ ސުވާލު ކުރެއްވި އެވެ.

ސުވާލު ކުރެއްވުމަށް ދައްކަވާ ވާހަކަތަކުގެ ތެރެއިން ޔާމީން ވަނީ ދެ ރޭ ވެސް މި ސަރުކާރަށް ބަހުގެ ހޫނު ހަމަލާތަކެއް ފޮނުވާލާފަ އެވެ.