Advertisement

ކުރީ ސަރުކާރުން ހެދި އެއްބަސްވުމެއްގެ ދަށުން ބަދަލުގެ ގޮތުގައި 24 މިލިއަން ރުފިޔާ ދޫކޮށްފި

23 ޖަނަވަރީ 2024 - 14:56 0

އަމަން ހަލީމް

އަމަން ހަލީމް

ފިނޭންސް މިނިސްޓްރީގެ އޮފީސް އިމާރާތް: ފިނޭންސުން ބުނީ ބަދަލު ދެނީ ބަންޑާރަނައިބުގެ ލަފާ ލިބިގެން ކަމަށް -- އަދަދު ފައިލް ފޮޓޯ


ކުރީ ސަރުކާރުން ހެދި އެއްބަސްވުމެއްގެ ދަށުން ބަދަލުގެ ގޮތުގައި 24 މިލިއަން ރުފިޔާ ދޫކޮށްފި

23 ޖަނަވަރީ 2024 - 14:56 0

އަހަރުގެ ފުރަތަމަ މަހުން ދެ ހަފުތާ ނުނިމެނީސް 26 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދޭން ޖެހުނީ ކުރީ ސަރުކާރުގެ ސެޓްލެމަންޓު ކޮމިޓީން ވެފައިވާ ސެޓްލްމަންޓު އެއްބަސްވުމެއްގެ ދަށުން ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ފިނޭންސުން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓުތަކުން އެނގޭ ގޮތުގައި މި ފައިސާ ދޫކުރި މި އަހަރުގެ ފުރަތަމަ ހަފުތާގެ ތެރޭގަ އެވެ. ނަމަވެސް ފިނޭންސުން ވަނީ ސެޓްލްމަންޓު އެއްބަސްވުމުގައި ކުންފުނީގެ ނަން ހާމަނުކުރަން އެއްބަސްވެފައިވާތީ އެ ކުންފުނީގެ ނަން ހާމަކުރެވެން ނެތް ކަމަށް މައުލޫމާތު ދީފަ އެވެ.

މިކަމާ ގުޅޭގޮތުން "އަދަދު" އާ ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވީ މި ފައިސާ ދޫކުރީ ބަންޑާރަނައިބުގެ ލަފާގެ މަތިން، ސަރުކާރުން އެއްބަސްވެފައިވާ ގޮތަށް ފައިސާ ދޫނުކޮށް މުއްދަތު ހިނގާ ވަރަކަށް އިތުރު ހަރަދުތައް ހިނގާނެތީ އެވެ.

"މިއީ މިދިޔަ އަހަރު ފައިސާ ދައްކާ ގޮތަށް ވެފަ އޮތް އެއްބަސްވުމެއް. އެއްބަސްވުމުގައި [ބަދަލު ދިން ފަރާތާއެކީ] އެއްބަސްވެފައި އޮތީ ނަން ހާމަނުކުރަން," ޝަފީގު ވިދާޅުވި އެވެ.

ޝަފީގު އިތުރަށް ވިދާޅުވީ ސެޓްލްމަންޓު އެއްބަސްވުންތަކަށް ފައިސާ ދޫކުރަމުން އަންނަނީ ކޮންމެ އެއްބަސްވުމެއް ބަންޑާރަ ނައިބު އޮފީހުން ރިވިއުކުރުމަށް ފަހުގައި ކަމަށެވެ. އަދި މިހާރު ސޮއިކޮށްފައިވާ އެއްބަސްވުންތަކުގެ އިތުރުން އެއްވެސް ސެޓްލަމަންޓަކާ ގުޅޭ އެއްބަސްވުމެއްގެ މަސައްކަތް ކުރިއަށް ނުދާ ކަމުގެ ޔަގީންކަން މިނިސްޓަރު އެރުވި އެވެ.

ހަމައެހެންމެ, މި ސަރުކާރުން ވެރިކަމާ ހަވާލުވީ ފަހުން ސެޓްލްމަންޓު އެއްބަސްވުމެއްގެ މަސައްކަތް ކުރިއަށް ނުދާ ކަމަށް ވެސް ޝަފީގު ވިދާޅުވި އެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވެރިކަމާ ހަވާލުވެވަޑައިގެން ކުރީ ސަރުކާރުން އުފެއްދި ސެޓްލްމަންޓް ކޮމިޓީ އުވާލައިފަ އެވެ.

އަހަރުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ބަދަލު ދޭން މި އަހަރަށް ބަޖެޓުކޮށްފައިވާ 101 މިލިއަން ރުފިޔާގެެ ހަތަރު ބައިކުޅަ އެއްބައި ބޭނުންކޮށްފައިވާއިރު، މިދިޔަ އަހަރު ބަދަލު ދޭން ބަޖެޓު ކުރި ވަރުގެ ހަތަރު ގުނަ ހަރަދުކުރަން ޖެހުނެވެ. އެގޮތުން ދޫކުރި ފައިސާގެ ތެރޭގައި ސެޓްލަމަންޓް އެއްބަސްވުންތަކާއި ބައިނަލްއަގުވާމީ އާބިޓްރޭޝަން ނިންމުންތަކާ ދޫކުރި ފައިސާ ހިމެނެ އެވެ.