Advertisement

ބަޔާން އަށް ޓްރިޕިއާ ދޫކޮށްލަން ނިއުކާސަލް ތައްޔާރެއް ނޫން

21 ޖަނަވަރީ 2024 - 12:27 0


ބަޔާން އަށް ޓްރިޕިއާ ދޫކޮށްލަން ނިއުކާސަލް ތައްޔާރެއް ނޫން

21 ޖަނަވަރީ 2024 - 12:27 0

ލަންޑަން (ޖެނުއަރީ 21) - ނިއުކާސަލް ޔުނައިޓެޑަށް ކުޅޭ އިނގިރޭސި ފުލްބެކް، ކިއެރަން ޓްރިޕިއާ ގަންނަން ބަޔާން މިއުނިކުން މަސައްކަތް ކުރަމުން އަންނައިރު، އެ ޑީލަށް ނިއުކާސަލްގެ ރުހުމެއް އަދި ނެތް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޓްރިޕިއާ، 33، އާ އެކު ނިއުކާސަލް އިން ހަދާފައިވާ ކޮންޓްރެކްޓް އޮތީ އަންނަ ސީޒަނުގެ ނިޔަލަށެވެ. ނިއުކާސަލްގެ ކެޕްޓަންކަން ކުރަމުން އަންނަ ޓްރިޕިއާގެ ފޯމު މި ފަހުން ދަށްވެފައިވާއިރު، އޭނާ ބޭނުންވަނީ އެހެން ޓީމަކަށް ބަދަލުވެ، ކެރިއަރު އަލުން ރަނގަޅު ޓްރެކަކަށް އަޅުވަން ކަމަށް ވެސް މީޑިއާގައި ވާހަކަ ދެކެވެ އެވެ.

ސްކައި ޖާމަނީން ރިޕޯޓްކުރާ ގޮތުގައި ޓްރިޕިއާ ވަނީ ފާއިތުވި ދެ ދުވަހު ބަޔާންގެ އޮފިޝަލުންނާ މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން ޓްރިޕިއާ އެދިފައިވަނީ، ބަޔާން އާއި ނިއުކާސަލް މަޝްވަރާކޮށްގެން މީގެ ގޮތެއް ނިންމުމަށެވެ.

ބަޔާނުން ވިސްނާފައި އޮތީ ހަ މަސް ދުވަހުގެ ލޯނެއްގައި ފުރަތަމަ ޓްރިޕިއާ ގެންދިއުމަށް ފަހު، ސީޒަން ނިމުމުން ދާއިމީ ކޮންޓްރެކްޓަކަށް ބަދަލުކުރާ ގޮތަށް ޑީލެއް ހެދުމަށެވެ. އެ ގޮތުން، ބަޔާނުން އޮތީ ހަތަރު މިލިއަން ޑޮލަރުގެ ލޯން ފީއެއް ވެސް ދޭން ތައްޔާރަށެވެ.

ނިއުކާސަލް އިން މި ވަގުތު ނިންމާފައި އޮތި ޓްރިޕިއާ ހިމެނޭ ގޮތަށް ސީނިއާ އެއްވެސް ކުޅުންތެރިއަކުގެ ޓްރާންސްފާ ޑީލެއްގެ މަޝްވަރާ ނުކުރުމަށެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބަޔާނުން ވަނީ ލޯން ޑީލެއްގައި ޓޮޓެންހަމް ހޮޓްސްޕާސްގެ ޑިފެންޑަރު، އެރިކް ޑަޔާގެ ސޮއި ވެސް ހޯދައިފަ އެވެ.

މެންޗެސްޓާ ސިޓީ ޔޫތު ޓީމަށް ކުރިން ކުޅުމަށް ފަހު، އޭގެ ފަހުން، ސީނިއާ ލެވަލްގައި ބާންލީ އާއި ޓޮޓެންހަމްގައި ތަފާތު ދެއްކި ޓްރިޕިއާ ދެން ބަދަލުވީ، 2019 ވަނަ އަހަރު އެތުލެޓިކޯ މެޑްރިޑް އަށެެވެ. އެ ޓީމަށް 2022 ވަނަ އަހަރުގެ ޖެނުއަރީއާ ހަމައަށް ކުޅުނެވެ. އެ ފަހަރުގެ ޖެނުއަރީ ޓްރާންސްފާގައި ނިއުކާސަލް އިން ޓްރިޕިއާ ގަތީ އެތުލެޓިކޯ އަށް 15 މިލިއަން ޑޮލަރު ދީފަ އެވެ.

ސައުދީގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) މެދުވެރިކޮށް ނިއުކާސަލް ހިނގަން ފެށި ފަހުން، އެ ޓީމުން އެންމެ ފުރަތަމަ ގަތް ކުޅުންތެރިންގެ ތެރޭގައި ޓްރިޕިއާ ހިމެނެ އެވެ.