Advertisement

އިޒްރޭލުން ސީރިއާއަށް ދިން ހަމަލާއެއްގައި އިރާނުގެ އަސްކަރިއްޔާގެ ފަސް މީހަކު މަރާލައިފި

21 ޖަނަވަރީ 2024 - 05:54 0

އިޒްރޭލުގެ ހަމަލާ އަމާޒު ކުރި އިމާރާތް ފުނޑުފުނޑު ވެފައިވާއިރު، މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ.


އިޒްރޭލުން ސީރިއާއަށް ދިން ހަމަލާއެއްގައި އިރާނުގެ އަސްކަރިއްޔާގެ ފަސް މީހަކު މަރާލައިފި

21 ޖަނަވަރީ 2024 - 05:54 0

އިޒްރޭލުން ސީރިއާ އަށް އިއްޔެ ދިން މިސައިިލް ހަމަލާއެއްގައި އިރާނުގެ ރިވޮލިއުޝަނަރީ ގާޑުގެ ފަސް މީހަކު މަރާލައިފި އެވެ.

އެ ހަމަލާއާ ގުޅިގެން އިޒްރޭލުން މިހާތަނަށް ބަހެއް ނުބުނެ އެވެ.

އެ ހަމަލާގައި ސީރިއާގެ އެތައް ސިފައިންނެއް ވެސް މަރުވި އެވެ.

އިޒްރޭލުން ހަމަލާ ދިނީ ސީރިއާގެ ވެރިރަށް ދިމިޝްގައި ހުންނަ އިމާރާތަކަށެވެ. އެއީ އިރާނުގެ އޮފިސަރުން ބައްދަލުކުރާ ތަނެކެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ހަތަރު ބުރިއަށް ހަދާފައިވާ އެ އިމާރާތް އެއްކޮށް ހަލާކުވި އެވެ. އެ އިމާރާތަށް ދިން ހަމަލާގައި ވަރުގަދަ ގޮވުންތަކެއްގެ އަޑު އިވުނު ކަމަށާއި، އަދި ބޯ ދުން އެރި ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.

ހަމަލާގައި މަރުވީ "މަތީ ދަރަޖައިގެ ޝަހީދުން" ކަމަށް އިރާނުން ބުނެ އެވެ. ނަމަވެސް އެއީ ކޮން ބައެއްކަން މިހާތަނަށް ހާމަކޮށްފައެއް ނެތެވެ. ނަމަވެސް ބައެއް ރިޕޯޓުތައް ބުނާ ގޮތުން މަރުވި މީހުންގެ ތެރޭގައި ސީރިއާގައި ހުންނަ އިރާނުގެ ޖާސޫސީ ވެރިޔާ ހިމެނެ އެވެ.

އިރާނުގެ ރައީސް އިބްރާހިމް ރައީސީ ނެރުއްވި ބަޔާނެއްގައި އެއީ "ޓެރަރިސްޓު ހަމަލާއެއް" ކަން ފާހަގަ ކުރެއްވުމަށް ފަހު ވިދާޅުވެފައި ވަނީ އެ ހަމަލާއިން ދައްކުވައި ދެނީ އިޒްރޭލު ބަލިކަށިވަމުންދާތީ ހުރި މާޔޫސްކަމާއި ނުތަނަވަސްކަން ކަމަށެވެ.

"މިކަމުގައި ރައްދެއް ނުދީ ނުހުންނާނަން،" އެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

އިޒްރޭލުގެ އެ ހަރުކަށި އަމަލު ކުށްވެރިކުރުމަށް އިރާނުގެ ފޮރިން މިނިސްޓްރީން ގައުމުތަކަށް ވަނީ ގޮވާލައިފަ އެވެ.

އިޒްރޭލުން ގާޒާގައި ކުރިއަށް ގެންދާ ހަނގުރާމަ އަށް ފަހު، ސަރަހައްދީ ގައުމުތަކުގައި ތިބި އިރާނުގެ އަސްކަރީ ވެރިންނަށް އަމާޒުކޮށް ހަމަލާ ދިނުން ވަނީ އިތުރުވެފަ އެވެ.

މިދިޔަ މަހު އިޒްރޭލުން ސިރިޔާއަށް ދިން ހަމަލާއެއްގައި އިރާނުގެ ކޮމާންޑަރަކު މަރާލާފައިވެ އެވެ.