Advertisement

ތާރު ތަރައްގީއަށް ވިލިމާލޭ ރައްޔިތުން ހަތަރެސްފައިން ހޯހޯ

23 ޖަނަވަރީ 2024 - 09:23 1

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ވިލިމާލެ -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު


ތާރު ތަރައްގީއަށް ވިލިމާލޭ ރައްޔިތުން ހަތަރެސްފައިން ހޯހޯ

23 ޖަނަވަރީ 2024 - 09:23 1

މިއީ ހިތްފަސޭހަ މާހައުލެކެވެ. ކޮންމެ ދިމާލަކުން ވެސް ފެންނަނީ ފެހިކަން ގަދަ ގަސްތަކެވެ. ތޮއްޖެހުމެއް ނެތް، ހިނގާބިނގާވެ އުޅެން ފަސޭހަ ރަށެކެވެ. މާލޭގެ ދަތި، ކާރުބާރުބޮޑު ދިރިއުޅުމުން މިންޖުވެ، ހިތްހަމަޖައްސައިލަން ބޭނުންވާ ގިނަބައެއްގެ ހުކުރު އަދި ހޮނިހިރު ދުވަހުގެ މަންޒިލެވެ.

ވެރި ރަށް މާލެއިން ފުރައިގެން 10 މިނެޓުގެ ދަތުރަކަށްފަހު ދެވޭ ކ. ވިލިމާލެއަކީ ޖުމުލަ 6،755 މީހުން ދިރިއުޅޭ ގުދުރަތީ ވެއްޓެކެވެ. މީހުން ދިރިއުޅެން ފަށައި ރަށުގައި ރަށްވެހިވުމުގެ ކުރިން ވިލިމާލެ ނުވަތަ ވިލިނގިއްޔަކީ އެކި މަސައްކަތްތަކަށް ބޭނުންކުރި ތާރީހީ ރަށެކެވެ. އެގޮތުން ރާއްޖޭގައި ދެވަނައަށް ހުޅުވި ރިސޯޓު ހުޅުވީ އެ ރަށުގަ އެވެ. އަދި ކުށްވެރިން ބޭތިއްބުމަށް ޖަލެއްގެ ގޮތުގައި ވެސް މާލޭގެ ފަސްވަނަ އަވަށް ބޭނުންކުރެވުނެވެ.

މާލޭގެ އެހެން އަވަށްތަކާއި ހިލާފަށް ތިމާވެއްޓާއި ރައްޓެހި ގޮތަށް ހަމައެކަނި އިލެކްޓްރިކް އުޅަނދު ދުއްވުމުގެ ހުއްދަ އޮންނަ ވިލިމާލެ ތަރައްގީ ކުރަން ކޮންމެ ސަރުކާރަކުން ވެސް އެތައް މަޝްރޫއުތަކެއް ހިންގަ އެވެ. ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެށީ ތިލަމާލެ ބްރިޖް މަޝްރޫއުގެ ދަށުން މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅުވައިލުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާއިރު، ވިލިމާލޭގައި 10 ބުރިއަށް އިމާރާތްކުރުމުގެ ހުއްދަ ދިނުމަށް މިހާރުގެ ސަރުކާރުން ވަނީ ނިންމާފަ އެވެ.

ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމަށް ސާވޭއެއް ކުރުމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ނިންމާފައިވާއިރު، ވިލިމާލެ ފަދަ ހިތްފަސޭހަ ގުދުރަތީވެއްޓަކަށް މި ތަރައްގީ މުހިންމު ތޯ ސުވާލު އުފެދެ އެވެ. ހިމާޔަތްކޮށްފައިވާ ތިމާވެށީގެ އަގުގައި ތަރައްގީ ގެންނަން އެ ރަށު ރައްޔިތުން އެދޭތޯ ބަލަން ޖެހެ އެވެ.

އުޅަނދުތައް މަދު، މަގުތައް ހެދުމުގެ ބޭނުމެއް ނުފެނޭ

ވިލިމާލެއަކީ މާލެ ސަރަހައްދުގައި އޮންނަ ތިމާވެއްޓާ ރައްޓެހި އަވަށެވެ. އެ ރަށުގައި މީހުން ދިރިއުޅެއް ފެށީއްސުރެ ރަށު ރައްޔިތުންގެ ދިރިއުޅުން ވެސް ބައްޓަންވެފައި އޮންނަނީ އެފަދައިންނެވެ. މާ އުސް އިމާރާތްތަކެއް ނުހުއްނަ އިރު، މަގުތަކުގައި މާގިނަ އުޅަނދުތަކެއް ނުދުއްވަ އެވެ.

ވިލިމާލޭގައި އާންމުންނަށް ދުއްވަން ހުއްދަ އޮންނަނީ އިލެކްޓްރިކް އުޅަނދެވެ. ގިނަ ބަޔަކު ރަށު ތެރޭގައި ދުއްވުމަށް ބެޓަރީ ސައިކަލު ބޭނުންކުރާއިރު، ސަރުކާރު ކުންފުނި، އެމްޓީސީސީން ވެސް ވިލިމާލޭގައި ބަހުގެ ހިދުމަތް ދޭން ބޭނުންކުރަނީ އިލެކްޓްރިކް މިނީ ބަހެވެ.

ވިލިމާލޭގެ މަގުމަތި -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު


ވިލިމާލެ ތެރޭގައި ސަރުކާރުން ދޭ ދަތުރުފަތުރުގެ ހިދުމަތްތައް


ބަގީގެ ހިދުމަތް: މާލެ ސިޓީ ކައުންސިލުން ވިލިމާލޭގައި ބަގީގެ ހިދުމަތް ދޭން ފެށީ މާޗު 16، 2023 ގަ އެވެ. ސިޓީ ކައުންސިލުން 15 ޑުރައިވަރުންނާއި 10 ކޮންޑަކްޓަރުން ހަމަޖައްސައިގެން ބަގީގެ ހިދުމަތް ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވަނީ 'ޕިންކް ސްކައި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް' ކިޔާ ކުންފުންޏަކާ އެވެ. ވިލިމާލޭގައި ބަގީގެ ހިދުމަތް ދިނުމަށް 10 ބަގީ ގެނެސްފައިވާއިރު އެކަމަށް ޖުމްލަ 2.7 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. ސިޓީ ކައުންސިލުން ވިލިމާލޭގައި ބަގީގެ ހިދުމަތް ދޭން ފެށީ، ކުރިން އެ އަވަށުގައި ބަގީގެ ހިދުމަތް ދޭން ހަވާލުކުރި އަމިއްލަ ކުންފުނިން އެ ހިދުމަތް ހުއްޓާލުމުންނެވެ. ވިލިމާލޭގައި ބަގީގެ ހިދުމަތް ދިނުމަށް ހަވާލުކޮށްފައި އޮތީ އިމްޕްރިންޓް ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ. އެހެން ނަމަވެސް، އެ ކުންފުނިން ވަނީ ފަހުން އެ މަސައްކަތް 99 ހޯލްޑިންސް ކުންފުންޏަށް ބަދަލުކޮށްފަ އެވެ. މިނީ ބަސް: ވިލިމާލޭގައި ރާއްޖެ ޓްރާންސްޕޯޓް ލިންކު (އާރުޓީއެލް) ބަހުގެ ހިދުމަތް އެމްޓީސީސީން ދޭން ފެށީ ޖެނުއަރީ 20، 2023 ގަ އެވެ. ވިލިމާލެއަކީ ތިމާވެއްޓާ ރައްޓެހި ރަށަކަށް ވާއިރު، އެމްޓީސީސީން މި ފެށި ހިދުމަތުގައި ވެސް ބޭނުން ކުރާނީ ތިމާވެއްޓާ ރައްޓެހި، އިލެކްޓްރިކް ބަހެވެ. އެ ބަސްތަކުގައި ފަހަރަކު 15 މީހުންނަށް ދަތުރުކުރެވޭނެ އެވެ. އެއީ 11 މީހަކަށް އިށީންދެވޭ ގޮތަށް އަދި ހަތަރު މީހަކަށް ކޮޅަށް ތިބެވޭނެ ގޮތަށެވެ. ބަހު ޓިކެޓުގެ އަގަކީ 5ރ. އެވެ.

މީގެ ގާތްގަނޑަކަށް 20 އަހަރުކުރިން ގާ އަޅައިގެން ހެދި އެ ރަށުގެ މަގުތައް އަދިވެސް ރަނގަޅު ފެންވަރުގައި ހަލާކުނުވެ ހުރީ މިކަމުގެ ސަބަބުން ކަން އެ ރަށު ރައްޔިތުން ފާހަގަކުރެ އެވެ. އަދި ވިލިމާލޭގެ މަޑުމައިތިރި، ހިތްފަސޭހަ މާހައުލުގެ އަސްލަކީ ވެސް ދުއްވާ އުޅަނދުތައް މަދުވުންމެވެ. ވިލިމާލޭ މުހިއްދީން ސްކޫލުގެ ސޯޝަލް ސްޓަޑީސް ޓީޗަރު އަދި ސްކޫލު އެންވަޔަރަންމެންޓް ކްލަބް "ފްރޯނާ" ގެ އިސް ޓީޗަރު އައިމިނަތު ހަމީދު ވެސް ފާހަގަކުރެއްވީ އެ ނުކުތާ އެވެ.

"ވިލިމާލޭގެ އެންމެ ބިޒީ މަގަކަށް ނުކުތަސް ފެންނާނީ ބަހެއް، ބަގީއެއް، ވޭންއެއް، ހައެއްކަ ބެޓަރި ސައިކަލު ނޫނީ ޕެޓްރޯލް ކުރާ ޕޮލިސް ޖިޕެއް. ހައި ސްޕީޑުގަ ދުއްވާނެ ވެހިކަލްތަކެއް ނެތް ރަށެއްގަ އަޅުގަނޑަށް ހަމަ ޕޮއިންޓްލެސް ތާރު އެޅުން،" ކިޔަވައިދިނުމުގައި ތިރީހަކަށް އަހަރު ހޭދަކޮށްފައިވާ އައިމިނަތު ކިޔައިދިނެވެ.

ވިލިމާލޭގައި އުމުރުގެ ބޮޑުބައި ހޭދަކުރި އަބްދުއްރަހްމާން ޝަރީފް ވެސް މިކަމުގައި ހުރީ ދާދި އެއްކަހަލަ ކަންބޮޑުވުންތަކެކެވެ. ތިމާވެއްޓާއި ރައްޓެހި މަދު އުޅަނދުތަކެއް ދުއްވާ ރަށެއްގެ މަގުތަކުގައި ތާރު އަޅަންނުޖެހޭކަން އޭނާ ފާހަގަކުރި އެވެ. އަދި ތިލަމާލެ ބްރިޖް ހެދުމާއެކު ވެސް ވިލިމާލެ ތެރެއަށް އުޅަނދުތައް ގިނަ ނުވާގޮތަށް ޕާކިން އިންތިޒާމު ހަމަޖައްސަން ނިންމާފައިވާއިރު، އެ ރަށު މަގުތައް އަލުން ހެދުމަކީ ބޭކާރު ކަމެއް ކަމުގައި ގިނަ ބަޔަކު ދެކެވެ އެވެ.

ވިލިމާލޭގެ މަގުތައް މިހާރު ހަދާފައިވާ ގޮތުގެ ސަބަބުން މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހޭއިރު ވެސް އެ ރަށުގެ މަގުތަކުގައި ފެން ބޮޑެއް ނުވެ އެވެ. އަލުން މަގުތައް ހަދައިފި ނަމަ، މި ގުދުރަތީ ފެން ހިންދޭ ނިޒާމު ހަލާކުވެގެން ދިޔުމަކީ ވެސް އެ ރަށު ރައްޔިތުންނާއި ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ ޖަމިއްޔާތަކުގެ ވެސް ކަންބޮޑުވުމެކެވެ.

"އެންމެ ރަނގަޅަށް ޑިވެލޮޕްވެފަ އޮތް ހިސާބުންވެސް އަޅުގަނޑުމެންނަށް ފެނުނު މީހުން ކަކޫތާ ފެނުގަ ހިނގާފަ ދާތަން. އެކަމަކު މި ރަށުގަ މެދުނުކެނޑި ވާރޭ ވެހުނު އިރުވެސް، ސޮއިލް ޑްރެއިނޭޖް ރަނގަޅުކަމުން އެހާ އަވަހަށް ފެން ހިނގިގެން ދިޔައީ،" މި މަހު ފެށުނު ކޮޅު މާލެ ސަރަހައްދަށް ވެހުނު ވާރޭއަށް އިޝާރާތްކޮށް އައިމިނަތު ފާހަގަކުރި އެވެ.

ވިލިމާލެއަށް ނިސްބަތްވާ ސޭވް ދަ ބީޗް ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް، ފާތިމަތު ތަންޒީލާ ނައީމް ވެސް ވިލިމާލޭގެ ގުދުރަތީ ފެން ހިންދާ ނިޒާމުގެ ވަރުގަދަކަން ފާހަގަކުރެއްވި އެވެ. އޭގެ އިތުރުން ރަށުގެ ހޭށިފަށުގައި ހުންނަ ގަސްތަކުގެ ސަބަބުން ރަށް ގިރުން ފަދަ ކަން ކަމުން ސަލާމަތްކޮށްދޭކަމަށް ތަންޒީލާ ވިދާޅުވި އެވެ.

"މިގޮތައް ގްރީން ޒޯންސްތައް ހުރެފަ ފެންފަހިވާ ގޮތަށް ގާ އޮތުމަކީ ސްޓޯމްސް ކަހަލަ އެއްޗެހި އަންނަ އިރު ވިލިމާލޭގެ ރިޒައިލެންސް ވަރަށް ބޮޑަށް ވަރުގަދަވާ ކަމެއް. އަދި ބޭރުގަ މި އޮންނަ ގްރީން ބަފާ ޒޯން އޮތުމަކީ ވެސް ބޮޑެތި ރާޅު އަރާއިރުގަ ރައްކާތެރިކަމެއް،" ތަންޒީލާ ފާހަގަކުރެއްވި އެވެ.

ނަމަވެސް، ވިލިމާލޭގެ މަގުތައް މަރާމާތުނުކޮށް ގިނަ ދުވަސްތަކެއް ވެފައި ހުރުމުގެ ސަބަބުން ހިނގަން އުނދަގޫވާނެހެން ގަސްތަކުގެ މޫތަކާއެކު ގާތައް މައްޗަށް އުފުލިފައިވާ ކަމަށް ތަންޒީލާ ވިދާޅުވި އެވެ.

ވިލިމާލޭގެ މަގުތައް -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު


ވިލިމާލެ ފަދަ ތިމާވެއްޓާއި ރައްޓެހި، އުޅަނދުތައް މަދު އަވަށެއްގެ މަގުތައް އަލުން ހަދައި، އަލުން ގަސް އިންދުމުގެ ބަދަލުގައި މަގުތައް މަރާމާތުކޮށް ގާތައް އެއްވަރުކޮށްލުމަކީ އެންމެ ރަނގަޅު ގޮތެވެ. ރަށުގެ ގުދުރަތީ ފެން ހިންދޭ ނިޒާމާއި ތިމާވެއްޓަށް ވެސް އެންމެ ފައިދާހުރި ގޮތަކީ މިއީ ކަމަށް ވިލިމާލެ ރައްޔިތުން ގަބޫލުކުރެ އެވެ.

ގަސްތަކާއި ފެހި ވެށީގެ އަގުގަ ތަރައްގީ ބޭނުމެއް ނޫން

ކޮންމެ ދިމާލަކުން ވެސް ފެހިކަން ފެންނަ ވިލިމާލޭގެ ކޮންމެ މަގެއްގެ ދެފަރާތުގައި ވެސް ބޮޑެތި ގަސްތައް ހެދިފައި ހުންނައިރު، އޭގެ ތެރޭގައި ގިނައީ އެ ރަށު ރައްޔިތުން އަމިއްލަ މަސައްކަތުން ހައްދާފައި ހުންނަ ގަސްތަކެވެ. މަގުތައް ތަރައްގީކުރުމަށް ސާވޭ ކުރަން ސަރުކާރުން އިއުލާނުކުރުމާއެކު ވިލިމާލެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެސް ވީ އެ ގަސްތަކަށް ވެދާނެ ގޮތެވެ.

"ތާރު އަޅައި މަގު ހަންދަންޏާ މި ގަސްތައް ކެނޑިގެންދާނެ. އަޅުގަނޑު އެތައް ދުވަހަކުން ހައްދާފަ ހުރި ގަސްތައް މީ، ކެނޑުނީމަކާ ކަމަކުނުދޭ. އަޅުގަނޑުމެން ބޭނުންވަނީ މި ގާތައް ނަގަން. ނަގާފަ ލެވެލްކޮށްލާފަ އަޅާލީމަ ނިމުނީ،" އުމުރުން މިހާރު 66 އަހަރުގެ އަބްދުލް ރަހްމާން އޭނާގެ ކަންބޮޑުވުން 'އަދަދު' އާއި ހިއްސާކުރި އެވެ.

އަމިއްލަ ޖީބުން ހަރަދުކޮށް ގަސް ގަނެގެން ވިލިމާލެ ރައްޔިތުން މަގުތަކުގައި ގަސް އިންދައި ކާނާ ދީގެން ބޮޑުކުރަނީ ރަށުގެ ހިތްފަސޭހަކަމާއި ހިޔާ އިތުރުކުރުމަށެވެ.

"ޕޭމަންޓް ބޮޑުކުރަންށޭ ކިޔާފަ ގަސްކަނޑާއިގެން ނުވާނެ. މިގޮތަށް ބާއްވައިގެން ލެވެލްކޮށް ހަދާ. އަހަރެމެން ގަސްތައް ހައްދަނީ ފެހިކުރަން،" ވިލިމާލޭގައި އެތައް އަހަރެއް ހޭދަކޮށްފައިވާ އިބްރާހިމް ދީދީ ކިޔައިދިނެވެ.

މިކަމުގެ މިސާލެއްގެ ގޮތުގައި މުހިއްދީން ސްކޫލްގެ މުދައްރިސް އައިމިނަތު ނެންގެވީ ވިލިމާލޭގެ މުހިއްދީން ސްކޫލް ކުރިމަތީ އޮންނަ މަގެވެ. އެގޮތުން އެ މަގު އަލުން ހަދާނަމަ ނުވަތަ ތާރު އަޅާނަމަ، ގަސްތައް ކަނޑައި ހެދުމާއެކު، ސްކޫލަށް އަންނަ ކުދިން އަދި ބެލެނެވެރިން މަޑުކޮށްލައިގެން ތިބޭ ގަހުގެ ހިޔާ ގެއްލިގެން ދާނެކަމުގެ ކަންބޮޑުވުން އައިމިނަތު ފާޅުކުރެއްވި އެވެ.

ވިލިމާލޭގެ މަގުމަތި، މިއީ ފެހިކަން ގަދަ ރަށެއް -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު


ކޮންމެ ދުވަހަކު ވަޒީފާއަށް ނުވަތަ އެހެން ބޭނުންތަކަށް އެތައް ފަހަރަކު މާލެ ދަތަރުކުރަން ޖެހުނު ނަމަވެސް، އަނބުރާ ވިލިނގިއްޔަށް އައިސް އެ ރަށުގައި ގިނަ ބަޔަކު ދިރިއުޅެނީ ވެސް އެ ފެހިކަމާއި ހިތްފަސޭހަކަމުގެ ސަބަބުންނެވެ. ވިލިމާލޭގައި ދިރިއުޅޭ ރައްޔިތެއްގެ ހައިސިއްޔަތުން އަޅުގަނޑު ވެސް ކޮންމެ ދުވަހަކު އަނބުރައި އެރަށަށް ދަނީ ހަމަ އެ ހިޔަލާއި ހިތްގައިމު މާހައުލުގެ ސަބަބުންނެވެ.

"ކީއްވެތޯ އެތައްބަޔަކު މާލެއަށް މި ކޮމިއުޓްކުރަނީ މަސައްކަތައް؟ އަނބުރާ މި ރަށަށް މި އަންނަނީ ހަމަ އެ ދަތުރުކުރުމަށް ވުރެ ސެޓަލް ޑައުންވެގެން އޮފީހާ ކައިރިތަނެއްގަ ވެސް ތިބެވިދާނެ. އެކަމަކު މި ޕުލް ބެކް މި އަންނަނީ މި ރަށަށް އެރުމާވިދިގެން އެ އަންނަ ކާމްނެސް ގެ ސަބަބުން. މި ފީލިންގް ހީއެއް ނުވޭ އެހެން ތަނަކުން އަންނާނެ ހެނެއް،" ވިލިމާލޭގެ ގުދުރަތީ ވެއްޓާއި ހިތްފަސޭހަކަމަށް ތައުރީފުކުރަމުން ތިމާވެށީގެ ކަންކަމުގައި ދަރިވަރުން ހޭލުންތެރިކުރުމުގައި އުޅޭ އައިމިނަތު ފާހަގަކުރެއްވި އެވެ.

ވިލިމާލޭގައި ދިރިއުޅޭ ޒުވާނުންގެ ވިސްނުމަކީ ވެސް މިއީ އެވެ. ބުރަ ބޮޑު މަސައްކަތު މާހައުލުން ނުކުމެގެން އައިސް އެމީހުންނަށް ލިބޭ ކިރިޔާވެސް ހިތްހަމަޖެހުމަކީ ރަށުގެ އަމާން މާހައުލެވެ. މަގުތައް ހަދައި ތަރައްގީ ގެނައި ނަމަވެސް، އެ އަމާންކަމާއި ފެހިކަން ގެއްލެން ޒުވާނުން ވެސް ނޭދެ އެވެ.

"މާލެ ވެސް މިތާ ކައިރީ އޮއްވާ އަޅުގަނޑު އައިސް ވިލިމާލޭގަ ދިރިއުޅޭ ސަބަބަކީ، ފެހިވުން، އަޑު މަޑުވުން. މިހާރު ވެސް މި ބްރިޖް ހަދާ އެކަހަލަ ކަންކަން ކުރެވެމުން ދާތީވެ ކޮންމެވެސް ވަރަކަށް ވިލާމޭލޭގެ ސިފަ ގެއްލިފަ މި ވަނީ،" މާލެއިން ވިލިމާލެއަށް ދިރިއުޅުން ބަދަލުކޮށް، ފާއިތުވެދިޔަ ހަތަރު އަހަރު އެ ރަށުގައި ދިރިއުޅެމުން އަންނަ ހުސެއިން ނުވާސް، އޭނާ ދެކޭގޮތް ހިއްސާކުރަމުން ބުންޏެވެ.

ވިލިމާލޭގެ މަގެއްގައި މަރާމާތުކުރަން ޖެހިފައިވާ ތަނެއް. ފޮޓޯ:މިރާޝް ނާޝިމް/އަދަދު


އޭގެ އިތުރުން ޒަމާނާއިއެކު ބަދަލުދައް ގެންނަން ޖެހުނު ނަމަވެސް، ގަސްތައް ކޮށައިމަށައިގެން ތާރު އަޅައި މަގު ހެދުމަކީ ވިލިމާލެއަށް އެންމެ ރަނގަޅު ގޮތް ނޫންކަން ނުވާސް ފާހަގަކުރި އެވެ.

ވިލިމާލޭގައި މިހާރު ކުރިއަށްދާ އަދި ފެށުމަށް ނިންމާފައިވާ މަޝްރޫއުތައް

ތިލަމާލެ ބްރިޖް

ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕުރޮޖެކްޓަކީ މިހާތަނަށް ރާއްޖޭގައި ހިންގޭ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއު އެވެ. އެ މަޝްރޫއުގެ ދަށުން 6.7 ކިލޯމީޓަރުގެ ބްރިޖާއި ކޯޒްވޭއިން މާލެއިން ފެށިގެން ގޮސް ތިލަފުށްޓާ ހަމައަށް ގުޅައިލާނެ އެވެ.

ކުރީ ސަރުކާރުން އިންޑިއާގެ އެފްކޮންސްއާ ތިލަމާލެ ބްރިޖު އެޅުމުގެ މަސައްކަތް ހަވާލު ކުރީ ދެ މަރުހަލާއަކަށް ބަހާލައިގެން މަސައްކަތް އެއްކޮށް ނިންމާ ގޮތަށް ސެޕްޓެމްބަރު 16، 2021 ގަ އެވެ.

މާލެއިން ގުޅީފަޅާ ހަމައަށް ބްރިޖުން ގުޅައި 27 މަސްދުވަސް ތެރޭގައި ނިންމަން ދެފަރާތުން އޭރު އެއްބަސްވެފައިވެ އެވެ. އަދި ބުރިޖުގެ ދެވަނަ ފިޔަވަހީގެ ގޮތުގައި ތިލަފުއްޓާ ހަމައަށް 32 މަސްދުވަސް ތެރޭގައި ނިންމުމަށް ދެފަރާތުން އެއްބަސްވެފައިވެ އެވެ.

ނަމަވެސް ކުރީގެ ސަރުކާރާ އެފްކޮންސްއާ ދެމެދު އެކުލަވާލައިފައިވާ ސަޕްލިމެންޓަރީ އެއްބަސްވުމުގައި ވާގޮތުން މިހާރު ފުރަތަމަ ފިޔަވަހީގެ މަސައްކަތް ވަނީ 51.5 މަހަށް އިތުރު ކޮށްދީފަ އެވެ. އަދި ދެވަނަ ފިޔަވަހީގެ މަސައްކަތް ވަނީ 45 މަސްދުވަހަށް އިތުރު ކޮށްދީފަ އެވެ.

100 އެނދުގެ ޓާޝަރީ ހޮސްޕިޓަލު މަޝްރޫއު

ވިލިމާލޭގައި އާ ހޮސްޕިޓަލު އެޅުމަށް ހަމަޖެހިފައިވަނީ މިހާރު ވިލިމާލޭ ހޮސްޕިޓަލް ހިންގާ ބިމުގަ އެވެ. ނަމަވެސް، އެކަށީގެންވާ ޖާގަ ނުލިބޭ ނަމަ، ޓާޝަރީ ހޮސްޕިޓަލް އަޅަން ނިންމާފައިވަނީ ވިލިމާލެ ހޮސްޕިޓަލް މިހާރު ހިންގާ ތަން ތަޅާލުމަށް ފަހުގަ އެވެ.

މިހާރު ހުރި ހޮސްޕިޓަލް ތަޅާލާ ނަމަ، ވަގުތީ ގޮތުން ކްލިނިކެއް ނުވަތަ ސިއްހީ މަރުކަޒެއް ހުޅުވާނެ ކަމަށް ސަރުކާރުން ބުނެ އެވެ. އަދި އަލަށް އަޅާ ޓާޝަރީ ހޮސްޕިޓަލް ތަަރައްގީ ކުރެވިގެންދާނީ ވިލިމާލެއާއި ގުޅޭނެހެން ތިމާވެއްޓާއި ރައްޓެހި ގޮތަކަށެވެ.

ވިލިމާލެ މަގުތައް ތަރައްގީކުރުން

ކޮންސްރަކްޝަން އަދި އިންފްރާސްޓްރަކްޗާ މިނިސްޓްރީން ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ހަދަންޖެހޭ ޑިޒައިން އަދި ސާވޭ ހެދުމުގެ މަސައްކަތް ރޯޑް ޑިވެލޮފްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ހަވާލުކުރީ ޖެނުއަރީ 4، ގަ އެވެ.

ތަރައްގީކުރަން ނިންމާފައިވަނީ ވިލިމާލޭގެ 5.6 ކިލޯމީޓަރުގެ މަގުތަކެވެ. އެ ރަށުގެ މަގުތައް ހެދުމުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ސާވޭ ހެދުމުގެ މަގުސަދަކީ ވިލިމާލޭގެ މަގުތަކުގެ ހާލަތު ދެނެގަނެ، މަޝްރޫއު ހިންގުމަށް ދާނެ ސީދާ ހަރަދު ދެނެގަތުން ކަމަށް އެދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބަދުﷲ މުއްތަލިބު ވިދާޅުވި އެވެ.

ސާވޭއަށް ފަހު ތާރު އަޅަންޖެހޭ މަގުތަކުގައި ތާރު އަޅައި، ގާއަޅަން ޖެހޭ މަގުތައް ވެސް އަލުން ތަރައްގީ ކުރާނެ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"ބޭނުމަކީ ރަށު ރައްޔިތުންނާ ވާހަކަދައްކައިގެން ރައްޔިތުން ބޭނުންވާ ގޮތަކަށް ވީހާ ވެސް ރަނގަޅު ފެންވަރަކަށް މަގުތައް ހަދާފަ، ހިތްގައިމު ތަނެއްގެ ގޮތުގަ ވިލިމާލެ ބޭއްވުން،" ކޮންސްޓްރަކްޝަން މިނިސްޓަރު ވިދާޅުވި އެވެ.

މަގުތައް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްގެންދަން ނިންމާފައިވަނީ މިހާރު ވިލިމާލޭގައި ކުރިއަށްދާ ކަރަންޓާއި ނަރުދަމާގެ ނިޒާމު އިތުރަށް ތަރައްގީކުރުމުގެ މަޝްރޫއުއަށް ފަސޭހަވާ ގޮތަށެވެ.

އެ މަޝްރޫއުތައް އަދި ވިލިމާލެ އާއި ގުޅޭ ގޮތުން އަދަދަށް ދިން ހާއްސަ އިންޓަވިއުއެއްގައި މާލެ ސިޓީގެ އައު މޭޔަރު އާދަމް އާޒިމް ވިދާޅުވީ، ހުރިހައި މަޝްރޫއެއް ވެސް ކުރިއަށް ގެންދާނީ އެންވަރަމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ހަދައި ރައްޔިތުންގެ ހިޔާލު ހޯދުމަށްފަހު ކަމަށެވެ.

"އަޅުގަނޑު ސިޓީ ކައުންސިލުގަ ހުންނަ އިރު ރައްޔިތުންގެ އަޑު އަހައިގެން ހުރިހާ މަޝްރޫއުއެއް ވެސް ހިންގާނީ. އަދި ޓެކނިކަލް މީހުން ރަނގަޅަށް ބޭނުންކޮށްގެން މަޝްރޫއު ކުރިއަށް ގެންދާނީ،" އާޒިމް ފާހަގަކުރެއްވި އެވެ.

ވިލިމާލޭ ގުދުރަތީ ރީތި ކަމަށް ތައުރީފުކުރައްވަމުން އާޒިމް ވިދާޅުވީ، އެ ރަށް ތަރައްގީ ކުރުމުގެ ގޮތުން ގިނަ ކަންކަން ރާވާފައިވާ ކަމަށެވެ. އެގޮތުން ވިލިމާލެ ސަހަރާ ބޭނުންކުރޭ ގޮތް ހެދުމާއި، ބީޗު ސަރަހައްދު ތަރައްގީކުރުމާއި ބުޅާތައް މަދުކުރުން ފަދަ ކަންކަން އޭގެ ތެރޭގައި ހިމެނޭކަން އާޒިމް ފާހަގަކުރެއްވި އެވެ.

ވިލިމާލޭގައި އަލަށް ފަށައިފައިވާ އަދި ފަށަން ޕްލޭން ކޮށްފައިވާ މަޝްރޫއުތަކުގެ ސަބަބުން އެތައް ދުވަހެއް ވަންދެން ހިމާޔަތްކުރި ތިމާވެއްޓަށް ގެއްލުން ލިބެން އެރަށު ރައްޔިތުން ނޭދެ އެވެ. ތަރައްގީގެ ސަބަބުން ކުރިން ދިމާނުވާ މައްސަލަތަކެއް ދިމާވެދާނެކަމުގެ ބިރު ހީވެފައިވާއިރު، ރަށު ރައްޔިތުންގެ އެދުމަކީ ތިމާވެއްޓާ ރައްޓެހި ތަރައްގީ ގެނައުމެވެ. ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުން ބޭނުންވަނީ ތަރައްގީ ގެނައި ނަމަވެސް ރަށުގެ ފެހިކަން ނުގެއްލޭ ގޮތަށް، ވެށި ހަލާކުނުކޮށް ތަރައްގީ ގެނައުމެވެ.