Advertisement

ރައީސްގެ ނިންމުމާ އެއްގޮތަށް ނުކުޅެދޭ މީހުންނަށް ވަޒީފާ ދިނުމަށް ގަވާއިދެއް ހަދައިފި

19 ޖަނަވަރީ 2024 - 21:29 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް ޑރ. މުހައްމަދު މުއިއްޒު: ރައީސްގެ ނިންމުމާ އެއްގޮތަށް ނުކުޅެދޭ މީހުންނަށް ވަޒީފާ ދިނުމަށް ގަވާއިދެއް ހަދައިފި - ފޮޓޯ: ރައީސް އޮފީސް


ރައީސްގެ ނިންމުމާ އެއްގޮތަށް ނުކުޅެދޭ މީހުންނަށް ވަޒީފާ ދިނުމަށް ގަވާއިދެއް ހަދައިފި

19 ޖަނަވަރީ 2024 - 21:29 0

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމާ އެއްގޮތަށް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމާއި ވަޒީފާގެ ފުރުސަތު ދިނުމަށް ހާއްސަ ގަވާއިދެއް އެކުލަވާލާ ގެޒެޓުކޮށްފި އެވެ.

ރައީސްގެ މި ނިންމެވުން ސަރުކާރުން އިއުލާނުކޮށްފައިވަނީ މިދިޔަ މަހު 17 ގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ނިންމުންތައް ހިއްސާކުރުމަށް ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

"ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމަށް ހާއްސަ ސިޔާސަތެއް ކަނޑައަޅާފައި މިވަނީ. އެކަމާ ބެހޭ ގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި، އެކަމާ ގުޅޭ އިދާރާތަކުން މަސައްކަތްކުރައްވާނެ" ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު މުހައްމަދު ޝަހީބް އެދުވަހު ވިދާޅުވި އެވެ.

ސަރުކާރުން އިއްޔެ ގެޒެޓުކުރި "ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމާއި ވަޒީފާ ދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" އެކުލަވާލާފައި ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނުގެ ދަށުންނެވެ.

އެގޮތުން މި ގަވާއިދުގެ ދަށުން ކުރިއަށް އޮތް ތިން މަހުގެ ތެރޭގައި ވަޒީފާ ދޭ ފަރާތްތަކުން ކަމާ ބެހޭ ވުޒާރާއިން އެކުލަވާލާ މިންގަނޑުގައިވާ ކަންކަން ފުރިހަމަކުރަން ޖެހޭނެ އެވެ. އަދި ނުކުޅެދޭ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމެޓީއެއް އެކުލަވާލުމަށްވެސް ވަނީ ވުޒާރާއަށް މަތިކޮށްފަ އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގެ ޕްރޮގްރާމެއް ފެށީ ޕީޕީއެމްގެ ފުރަތަމަ ވެރިކަމުގައި ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގަ އެވެ.

ނިމިގެން ދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދެމުން އަންނަ އެލަވަންސް އިތުރުކުރި އެވެ. އެގޮތުން ކުރިން ދެމުން އައި 2000ރ ގެ އެލަވަންސް މަދުވެގެން 3000ރ އަށް އިތުރުކުރި އެވެ.