Advertisement

އިންޑިއާއަށް ހައްގު އިހުތިރާމު ނުދެންޏާ ނަތީޖާ ހިތިވާނެ: ނަޝީދު

18 ޖަނަވަރީ 2024 - 15:11 3

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު: އިންޑިއާއަށް އިހުތިރާމު އަދާ ނުކުރާނަމަ ނަތީޖާ ހިތިވާނެ ކަމަށް ނަޝީދު ވިދާޅުވި - ފޮޓޯ:


އިންޑިއާއަށް ހައްގު އިހުތިރާމު ނުދެންޏާ ނަތީޖާ ހިތިވާނެ: ނަޝީދު

18 ޖަނަވަރީ 2024 - 15:11 3

އަވައްޓެރި އިންޑިއާއަކީ އަބަދުވެސް ރާއްޖެއާ އެކު ގާތް ގުޅުމެއް އޮންނަ ގައުމެއް ކަމަށާއި އެ ގައުމަށް ދޭން ޖެހޭ އިހުތިރާމު ނުދޭނަމަ އޭގެ ހިތްދަތިކަން ރާއްޖެއިން ތަޖުރިބާ ކުރަން ޖެހޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދުގެ ވެރިކަމުގައި ގާތް ގުޅުމެއް ބޭއްވި އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމުން ސިފައިން ފޮނުވައިލުމަށާއި ބޭސްފަރުވާއާއި ކާބޯތަކެތީގެ ބާވަތްތަކުގައި ރާއްޖެއިން އިންޑިއާއަށް އޮންނަ ބަރޯސާވުން ކުޑަ ކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވައިފަ އެވެ.

ރާއްޖޭގެ ވެރިކަން ތިން އަހަރެއްހާ ދުވަހު ކުރެއްވި ނަޝީދު އެކްސްގައި ލިޔުއްވީ، ރާއްޖޭން އެތައް ގަރުނަކު އަމިއްލަ މިނިވަން ވެރިކަމަކާއި ދައުލަތެއް ދަމަހައްޓާފައިވަނީ ގަދަބާރުގެ ބަދަލުގައި ވެރިންގެ ހިކުމަތްތެރި ސިޔާސަތުތަކާއި އުކުޅުތައް މެދުވެރިކޮށް ކަމަށެވެ.

"އަޅުގަނޑުމެންގެ [މިއަދުގެ] ވެރީން، ދުރުވިސްނުމާއި ބެލުން މަދުކޮށް، [ގާތް ގުޅުން އޮތް] ގައުމުތަކާ މެދު ނަފުރަތު އިސްކޮށް އެ މީހުންގެ މޭމަތީ ތަޅަން ފަށައިފިއްޔާ، ރާއްޖެއަށް ނަތީޖާ ހިތިވާނެ،" ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައިވާ ނަޝީދު ލިޔުއްވާފައިވެ އެވެ.

ނަޝީދު މިހެން ވިދާޅުވިއިރު މި މަހުގެ 15 ވަނަ ދުވަހުގެ ކުރިއަށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށް ރައީސް ޑރ. މުއިއްޒު ވަނީ އެ ގައުމަށް އަންގަވައިފަ އެވެ. އެ ކަމުގެ މަޝްވަރާތަކަށް، ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރާއެކު ހާރިޖިއްޔާއިން ބައްދަލުވުންތަކެއް ވެސް ވަނީ ބާއްވައިފަ އެވެ.

ބޭސްފަރުވާއަށް އިންޑިއާއަށް ބަރޯސާ ވުމުގެ ބަދަލުގައި، އާސަންދަ ހިދުމަތް ތައިލެންޑާއި ޔުނައިޓެޑް އެރެބް އެމިރެޓްސް (ޔޫއޭއީ) އިން ލިބޭނެ ގޮތް ހަމަޖެއްސުމަށް ވެސް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ކާޑުގެ ބާވަތްތައް ތުރުކީން ގެނައުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ރައީސް މުއިއްޒު މި ކަންކަން އިއުލާން ކުރެއްވީ، ޗައިނާއަށް އެމަނިކުފާނު ކުރެއްވި ފުރަމާނަ ދަތުރުފުޅަށް ފަހު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަވައި އެމަނިކުފާނު ދެއްވި ޕްރެސް ސްޓޭޓްމަންޓްގަ އެވެ.

އޭރު އިންޑިއާގެ ފިލްމީ ތަރިން ވެސް ހިމެނޭހެން ބައެއް މީހުން ރާއްޖޭގެ ޓުއަރިޒަމް ބޮއިކޮޓް ކުރުމުގެ ކެމްޕެއިނެއް ވެސް އޮތީ ފަށައިފަ އެވެ.

އެ މައްސަލަ ހޫނުވީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އެ ގައުމުގެ ބެލުމުގެ ދަށުގައި އޮންނަ ޖަޒީރާ ރަށްތައް ކަމަށްވާ ލަކްޝަދީޕް ޕްރޮމޯޓް ކުރަން ނެރުއްވި ވީޑިއޯއަކަށް ދިވެހި ސަރުކާރުގެ ބައެއް އިސް ބޭފުޅުން އެކްސްގައި ރައްދު ދެއްވަން ފެއްޓެވެމުންނެވެ.

އިންޑިއާގެ ބޮޑު ވަޒީރު މޯދީއަށް ނިސްބަތްކޮށް އިހުތިރާމު ކުޑަ ބަސްތަކަކުން ޓްވީޓް ކުރެއްވި މައްސަލާގައި ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރު ސަސްޕެންޑް ކޮށްފައިވެ އެވެ.