Advertisement

ކުޅުންތެރިންގެ އިތުބާރު ގެއްލިއްޖެނަމަ ޒަވީ އިސްތިއުފާދޭނެ

19 ޖަނަވަރީ 2024 - 10:02 0


ކުޅުންތެރިންގެ އިތުބާރު ގެއްލިއްޖެނަމަ ޒަވީ އިސްތިއުފާދޭނެ

19 ޖަނަވަރީ 2024 - 10:02 0

ބާސެލޯނާ (ޖެނުއަރީ 19) - ބާސެލޯނާގެ ކުޅުންތެރިންގެ އިތުބާރު އޭނާގެ މައްޗަށް ގެއްލިއްޖެނަމަ، މަގާމުން އިސްތިއުފާދޭން ތައްޔާރަށް ހުރި ކަމަށް ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނެފި އެވެ.

ބާސެލޯނާ އަށް 1998 އިން 2015 އަށް ކުޅުނު ޒަވީ، އެ ޓީމުގެ ކޯޗުކަމާ ހަވާލުވީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އެ ޓީމާ ހަވާލުވުމަށް ފަހު، ޒަވީ ހޯދި އެންމެ ބޮޑު ކާމިޔާބީ އަކީ މިދިޔަ ސީޒަނުގެ ސްޕެނިޝް ލީގު ތަށްޓެެވެ.

ޒަވީ ބުނީ، މިދިޔަ ސީޒަނުގައި ސްޕެނިޝް ލީގު ކާމިޔާބުނުކުރެވުނު ނަމަ މިހާރު އޭނާ އެ މަގާމުގައި ހުރުމުގެ ފުރުސަތެއް ނޯންނާނެ ކަމަށެވެ.

މިދިޔަ އަހަރު ސްޕެނިޝް ސުޕަ ކަޕް ކާމިޔާބު ކުރި ނަމަވެސް މި ފަހަރު ފައިނަލުގައި ބާސެލޯނާ ވަނީ ވާދަވެރި ރެއާލް މެޑްރިޑް އަތުން ބަލިވެފަ އެވެ. މި ވަގުތު ސްޕެނިޝް ލީގުގެ ތާވަލަށް ބަލާއިރު، ބާސެލޯނާ އޮތީ އެއް ވަނައިގައި އޮތް ޖިރޯނާ އަށް ވުރެ އަށް ޕޮއިންޓް ފަަހަތުގަ އެވެ.

ބާސެލޯނާ ބޭނުންވާ މިސްރާބަށް ޒަވީއާ އެކު ދެވިދާނެތޯ ސްޕެއިނުގެ ބައެއް މީޑިއާތަކުން އަންނަނީ ސުވާލު އުފައްދަމުންނެވެ. ޒަވީ ވަނީ އެ ވާހަކަތަކަށް ޖަވާބު ދީފަ އެެވެ.

"އަހަރެން މި މަގާމުގައި މި ހުރީ މި ކްލަބް ދެކެ އަހަރެން ލޯބިވާތީ. މި ޓީމަށް ހައްގުވާނެ އެތައް ކަމެއް ކޮށްދޭން ބޭނުންވާތީ. އެހެން ނޫންނަމަ އަހަރެން ހުންނާނީ އަމިއްލަ ގޭގައި،" ޒަވީ ބުންޏެވެ.

"މި ޓީމުގެ ކުޅުންތެރިން އަހަރެން ބުނާގޮތް ނަހަދާނަަމަ، ނޫނީ އެ މީހުންގެ އިތުބާރު އަހަންނަށް ނެތްނަމަ، އިސްތިއުފާ ދޭން ފަަހެއް ނުޖެހޭނަން، ދަބަސް ހިފައިގެން ދާން ތައްޔާރު،"

ޒަވީ ބުނީ، ގަތަރުގެ އަލް ސާދުގައި ހުއްޓައި، ބާސެލޯނާގެ އިސް ވެރިން އޭނާ ގެންނަން ނިންމީ ޕްރޮޖެކްޓެއް އޮތުމުން ކަމަށާއި އެކަން އަދިވެސް ކުރިއަށްގެންދިއުމުގެ އުންމީދު އޭނާ އަށް އެބައޮތް ކަމަށެވެ.

ސްޕެނިޝް ކަޕްގައި ބާސެލޯނާ އިން ރޭ ވަނީ ތިން ވަނަ ޑިވިޝަނުގެ ޔޫނިއަނިސްޓާސް އަތުން ފަހަތުން އަރައި، 3-1 އިން މޮޅުވެފަ އެވެ. ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގައި ދެ އަހަރަށް ފަހު، ބާސެލޯނާ އިން ކުޅޭއިރު ނުކުންނަން ޖެހެނީ އިޓަލީގެ އެންމެ ފަހުގެ ޗެމްޕިއަން، ނަޕޯލީއާ ދެކޮޅަށެވެ.