Advertisement

އަސްކަރީ ޑްރޯން ގެނައުން؛ ރައްޔިތުންގެ ތައުރީފާއި ތާއީދު ބޮޑު

18 ޖަނަވަރީ 2024 - 09:22 4

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ކަނޑު މަތިން ޑްރޯނެއް އުދުހިފައިދާ މަންޒަރު -- ގްރެފިކްސް: ރައްޔާން މުހައްމަދު/އަދަދު


އަސްކަރީ ޑްރޯން ގެނައުން؛ ރައްޔިތުންގެ ތައުރީފާއި ތާއީދު ބޮޑު

18 ޖަނަވަރީ 2024 - 09:22 4

ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ކުރާ ގެ އެޅީ ޕާކިސްތާނުގެ އެހީގަ އެވެ. ދިވެހި ހާރިޖީ އޮފީހުގެ ބޮޑު އިމާރާތާއި ދާރުލްއާސާރަކީ ޗައިނާގެ ހިލޭ އެހީ އެވެ.

އެންމެ އާބާދީ ބޮޑު ރަށް މާލެ ވަށައިގެން އަޅާފައިވާ ތޮށިގަނޑަކީ ޖަޕާނު ސަރުކާރުން ހިލޭ އަޅައިދިން ތޮށިގަނޑެކެވެ. މާލެ އަދި ދިވެހިރާއްޖޭގެ ވަރަށް ގިނަ ސްކޫލްތަކަކީ ޖަޕާނާއި އެހެނިގެން ގައުމުތަކުން އަޅައިދިން އިމާރާތްތަކެވެ.

ދިވެހިރާއްޖޭގެ އެންމެ ބޮޑު އެއް މިސްކިތް ކަމަށް އިސްލާމީ މަރުކަޒު ބިނާކުރީ ހަ ގައުމެއްގެ އެހީގަ އެވެ. މާލޭގެ މަލަމަތި ނަލަކޮށްލި ކިންގް ސަލްމާން މިސްކިތަކީ ސައުދީ އަރަބިއްޔާގެ ހިލޭ އެހީގައި ބިނާ ކުރި ތަނެކެވެ.

ދިވެހިރާއްޖޭގެ ކޯސްޓް ގާޑުން އޮޕަރޭޓު ކުރާ އެންމެ ބޮޑު އެއް އުޅަނދު ކަމަށްވާ އެމްސީޖީއެސް ހުރަވީ އާއި ބައެއް އެހެން މަނަވަރުތަކަކީ އިންޑިއާގެ ސަރުކާރުން ހަދިޔާކޮށްފައިވާ އުޅަނދުތަކެވެ. އަލިފާން ނިއްވުމުގައި ބޭނުން ކުރާ ބައެއް ވެހިކަލްތަކާއި އާންމު އުސޫލުން ބޭނުން ކުރާ ސައިކަލުތަކާއި ސީއެމްބިއުލޭންސް ހިމެނޭ ގޮތަށް ވަރަށް ގިނަ ތަކެއްޗަކީ، ޖަޕާނު، ޗައިނާ އަދި އިންޑިއާ ސަރުކާރުން ހަދިޔާކޮށްފައިވާ ތަކެއްޗެވެ.

ޒަމާނުއްސުރެ ރާއްޖޭގައި ވެރިކަން ކުރަމުން އައި ސަރުކާރުތަކުގެ ޕޮލިސީއަކީ ހިލޭ އެހީ ހޯދުމެވެ. ރައްޔިތުންނަށް ވިސްނައިދިނީ މިއީ ކުޑަ، ނިކަމެތި ގައުމެއްގެ ގޮތުގަ އެވެ. އަމިއްލައަށް ކަމެއް ނުކުރެވޭނެ، އަމިއްލައަށް ދިފާއު ނުވެވޭނެ ގައުމެއްގެ ގޮތުގަ އެވެ.

ދިވެހިންގެ އަމިއްލަ ފައިސާއިން، ދިވެހިން އޮޕަރޭޓު ކުރާ ގޮތަށް، ތުރުކީއިން އަސްކަރީ ޑްރޯންތަކެއް ގަންނަން ނިންމުމުން ގިނަބަޔަކަށް ހައިރާންކަން ލިބުނީ އެހެންވެ އެވެ. ކުރިން ހީވެފައި އޮތީ، ހާއްސަކޮށް އަސްކަރީ މިފަދަ ބޮޑެތި އުޅަނދުތައް ގަނެ އޮޕަރޭޓު ކުރަން ދިވެހިންގެ ގާބިލިއްޔަތު ތަން ނުދޭ ކަމަށެވެ.

ގާތްގަނޑަކަށް 560 މިލިއަން ރުފިޔާގެ އެއްބަސްވުމެއްގެ ދަށުން، އަސްކަރީ ޑްރޯން ހަދަން އެންމެ ކުޅަދާނެ އެއް ގައުމު ކަމަށްވާ ތުރުކީން ޑްރޯން ގަންނަން ނިންމުމުން، އެތައް ބައެއްގެ ތައުރީފު އެކަމަށް ދަނީ އޮހެމުންނެވެ. "އަދަދު" އިން އެ ވާހަކަ ގެނެސްދިނުމުން މި ނޫހުގެ އެކި ޕްލެޓްފޯމްތަކަށް އާންމުންގެ ވަރަށް ގިނަ މީހުން ކޮމެންޓު ކުރިއިރު، އޭގެ ތެރެއިން ގިނައީ ތައުރީފުގެ ބަސްތަކެވެ.

ތިރީގައި މި ގެނެސްދެނީ ދިވެހިރާއްޖެއަށް އަލަށް އަސްކަރީ ޑްރޯން ގެންނަން ނިންމުމުން ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި އާންމުން ފާޅުކޮށްފައިވާ ބައެއް ހިޔާލުތަކެވެ.

އެކްސްގައި ހިޔާލުފާޅު ކުރި މީހަކު ބުނީ ޑްރޯން ގެނައުން ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު މޮނީޓާ ކުރަން ބޭނުންތެރި ކަމަށެވެ.

"މިއީ ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު މޮނީޓާ ކުރަން ގެންނަ އުޅަނދުތަކެއް ނަމަ ވަރަށް ރަނގަޅު. ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ގޭންގުތައް މިކަމާމެދު ދެކޭނީ ކިހިނެއްބާ. ސިޔާސީންނަށް މިކަމުން ކިހާ ޕްރެޝަރެއް ކުރާނެބާ،" އޭނާ ބުނެފައިވެ އެވެ.

ރާއްޖޭގެ ބޯޑަރުތައް ޕެޓްރޯލް ކުރަން މަތިން ދުއްވާ އުޅަނދުތަކުގެ ބޭނުން އިންތިހާއަށް ގައުމަށް ޖެހިފައިވާ ކަމަށް ބައެއް މީހުން ދެކެ އެވެ.

"މިއީ ތެދު ނަމަ ލިބުނު ވަރަށް ރަނގަޅު ހަބަރެއް. އަހަރުމެންގެ ބޯޑަރުތައް ޕެޓްރޯލް ކުރަން މަތިން ދުއްވާ އުޅަނދުތަކަށް މި އޮތީ ވަރަސް ބޮޑަށް ބޭނުން ޖެހިފަ،" އޭނާ ބުނެފައިވެ އެވެ.

އެހެން މީހަކު ބުނީ ބޯޑަރުތައް ޕެޓްރޯލް ކުރުން މަތިންދާބޯޓަށް ވުރެ ޑްރޯން ރަނގަޅުވާނެ ކަމަށެވެ.

"އަހަރުމެންގެ ބޯޑަރުތައް ޕެޓްރޯލް ކުރަން ބޭނުންވަނީ ދުރު ރާސްތާގެ ޑްރޯން، މަތިންދާބޯޓެއް ނޫން. ސިފައިންގެ ހެޑްކުއާޓާސްއަށް މައުލޫމާތު ފޯރުކޮށްދެވޭނެ އެންމެ އަގު ހެޔޮ އަދި އެންމެ ފަސޭހަ ގޮތަކީ މިއީ،" އޭނާ ބުންޏެވެ.

އެކްސްގައި ލިޔުނު އިތުރު މީހަކު ބުނީ، ދިވެހި ސިފައިންގެ އަތުގައި މިހާރު ހުރީ ޒަމާނާ ނުގުޅޭ ވަސީލަތްތައް ކަމަށާއި އޭގެ ސަބަބުން ވެސް ޑްރޯން ގެނައުން މުހިންމު ކަމަށެވެ.

މިއީ ވަރަށް ރަނގަޅު ނިންމުމެއް. އެމްއެންޑީއެފްގެ މިވަގުތު ހުރީ ޒަމާނާ ނުގުޅޭ ވަސީލަތްތައް. އެކަމަކު ޑްރޯންތައް އޮޕަރޭޓު ކުރަން ފެށުމުގެ ކުރިން ޕައިލެޓުން ރަނގަޅު ޓްރެއިން ކުރަންޖެހޭ،" އޭނާ ބުނެފައިވެ އެވެ.

ބައެއް މީހުން ދެކެނީ ޑްރޯން ފަދަ ވަސީލަތްތައް ރާއްޖޭގެ އަސްކަރިއްޔާއަށް މީގެ ކުރިން ހޯދިފައިނުވަނީ ގައުމުގެ ވެރިންގެ އިހުލާސްތެރިކަމެއް ނެތުމުންނެވެ.

"ގައުމުގެ ވެރިންގެ، ގައުމުގެ މަސްލަހަތު އިސްކުރަންޖެހޭ ވަގުތު ޖެހިއްޖެ. މިއީ މިއަދުގެ ދުނިޔޭގައި ކުރުން ވަރަށް މުހިންމު ކަމެއް،" އޭނާ ބުންޏެވެ.

ޑްރޯންގެ ސަބަބުން އެމްއެންޑީއެފްއަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް، ހިޔާލުފާޅު ކުރި ގިނަ ބަޔަކު ދެކެ އެވެ.

"ޓީބީ2 [ތުރުކީން އުފައްދާ ޑްރޯންގެ ވައްތަރެއް] ރާއްޖެ ގެންނަނީތަ؟ އެމްއެންޑީއެފްގައި ޑްރޯން ސްކޮޑްރަންއެއް. ގަދަ!،" މީހަކު ބުނެފައިވެ އެވެ.

ޑްރޯން ގެނައުން އެހެން މީހަކު ގުޅުވާލީ އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު ޖެހިފައި އޮތް މައްސަލައަށެވެ.

ވަރަށް ފަހުރުވެރި ވަގުތުކޮޅެއް. އިންޑިއާގެ ނުފޫޒަށް ކުރިމަތިލާން ކެރޭ ލީޑަރެއް މި ލިބުނީ އަދި ކިރިޔާ،" އޭނާ ބުނެފައިވެ އެވެ.

ޑްރޯން ގެންނަން ނިންމާފައިވާކަން ސަރުކާރުން މިހާތަށް ޔަގީންކޮށްދީފައެއް ނުވެ އެވެ. ނަމަވެސް އަސްކަރިއްޔާ ވަރުގަދަ ކުރަން ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމަށް މި ނޫހުގެ ހަބަރަށް ފަހު ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ޑްރޯން އަދި އެހެނިހެން ވަސީލަތްތައް ގެނެސްގެން ވެސް ސިފައިން ކުރިއެރުމަކީ ދިވެހިން އެދޭ ގޮތްކަން ސާފެވެ. ޑްރޯން ގެނެސްފި ނަމަ އެކަން ވެގެންދާނީ އިންގިލާބީ ބަދަލަކަށެވެ. ސިފައިންނަށް މުޅިން އާ ފެށުމަކަށެވެ. އަމިއްލަ ފައިމައްޗަށް ތެދުވަން ލިބޭ މުހިންމު ފުރުސަތަކަށެވެ.