Advertisement

އައިޖީއެމްއެޗްގައި އިސްރަށްވެހީންނަށް ހާއްސަ ކްލިނިކެއް، ގޭގައި ތިބެގެން މެމޯ ހެއްދޭނެ

16 ޖަނަވަރީ 2024 - 22:31 1

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

އިސްރަށްވެހިންގެ ކްލިނިކް ހުޅުވުމުގެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް --- ފޮޓޯ:އައިޖީއެމްއެޗް


އައިޖީއެމްއެޗްގައި އިސްރަށްވެހީންނަށް ހާއްސަ ކްލިނިކެއް، ގޭގައި ތިބެގެން މެމޯ ހެއްދޭނެ

16 ޖަނަވަރީ 2024 - 22:31 1

ގޭގައި ތިބެގެން މެމޯ ހެއްދުމުގެ ހިދުމަތާއެކު އިސްރައްވެހިންނަށް ހާއްސަ ކްލިނިކެއް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ހުޅުވައިފި އެވެ.

އައިޖީއެމްއެޗްގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިސްރަށްވެހިންގެ މި ހާއްސަ ކްލިނިކް އިފްތިތާހުކޮށްދެއްވީ ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ހަލީލެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މި ކްލިނިކުން އުމުރުން ދުވަސްވީ ފަރާތްތަކަށް ހާއްސަ ސަމާލުކަމެއް ދީގެން ސިއްހީ ހިދުމަތް ދިނުން ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި މި ކްލިނިކްގެ ހިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ފުޅާކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މުހިންމު ވައުދުފުޅެއް ކަމަށާއި އެމަނިކުފާނު ކަނޑައަޅުއްވާ ގޮތެއްގެ މަތިން އެ މަސައްކަތް މިނިސްޓްރީން ކުރިއަށްގެންދަވާނެ ކަމަށް ވިދާޅުވި އެވެ.

މި ހިދުމަތް ފުޅާކުރުވުމުގެ ގޮތުން އަވަށްޓެރި އެހެން ގައުމުތަކާއި ވާހަކަދައްކަވަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާރު ވެސް ބަލަމުން އެބަގެންދަން އެންމެ ފަސޭހައިން އެންމެ އަވަހަށް ރާއްޖޭގެ ކޮން ދިމާލެއްގަތޯ މިކަން ދެން ކުރެވޭނެ އިންތިޒާމެއް އަޅުގަނޑުމެންނަށް ހަމަޖެހިގެންދާނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރު ހަލީލު ވިދާޅުވީ ރާއްޖެއިން މި ދާއިރާއިން ކިޔެވޭނެ އިންތިޒާމެއް އޮތުމަކީ ރާއްޖެއަށާއި ސިއްހީ ދާއިރާއަށް އަންނާނެ ބޮޑު ކުރިއެރުމެއް ކަމަށާއި އެކަން ހާސިލުކުރުމަށް ގައުމީ ޔުނިވަސިޓީގެ ހާއްސަ މޮޑިއުލްތަކެއް ތައްޔާރުކުރުމުގެ މަސައްކަތް މިނިސްޓްރީން މިހާރު ކުރަމުން އަންނަ ކަމަށެވެ.

މި ހިދުމަތް ފުޅާވެގެން އަންނައިރު ރާއްޖޭގައި ޖެނެޓިކް ކެއާ ނުވަތަ ދުވަސްވީ މީހުންނަށް ހިދުމަތް ދިނުމުގެ ތައިލީމާއި ފަންނު އުނގެނުން ތައާރަފުކުރެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އިސްރަށްވެހީންނަށް ހާއްސަ ސިއްހީ ފަރުވާ ލިބޭނެ އިންތިޒާމުތައް ފުޅާކުރުމުގެ މަސައްކަތަކީ ރައީސް ޑރ. މުއިއްޒުގެ ހަފްތާ-14 މަގުޗާޓުގައި ވެސް ހިމެނޭ ކަމެކެވެ.

އައިޖީއެމްއެޗްގައި އަލަށް ތައާރަފުކުރި މި ހިދުމަތާއެކު އިސްރަށްވެހިންނަށް ނުވަތަ 65 އަހަރުން މަތީގެ ފަރާތްތަކަށް ހާއްސަ އިންޓާނަލް މެޑިސިން އޯޕީޑީއެއް ގާއިމްކުރުމަށް ވަނީ ހަމަޖެހިފަ އެވެ.