Advertisement

ރައީސް ވައުދުވީ ސާފު ސަރުކާރަކަށް؛ އެ ވައުދު އެބަ ފުއްދޭތަ؟

17 ޖަނަވަރީ 2024 - 09:40 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ރައީސް ޑރ. މުހައްމަދު މުއިއްޒު: ސާފު ރެކޯޑެއް ނެތް މީހުން އައްޔަންކުރާ ކަމަށް ބުނެ ފާޑުކިޔުން އަމާޒުވޭ -- ފޮޓޯ: ރައީސް އޮފީސް


ރައީސް ވައުދުވީ ސާފު ސަރުކާރަކަށް؛ އެ ވައުދު އެބަ ފުއްދޭތަ؟

17 ޖަނަވަރީ 2024 - 09:40 1

ރައީސް ޑރ. މުހައްމަދު މުއިއްޒު، ރިޔާސީ ކެމްޕެއިނުގައި ދިވެހި ރައްޔިތުންނަށް ދެއްވި ޔަގީން ކަމަކީ އެމަނިކުފާނު އެކުލަވާލައްވާނީ ސާފު ސަރުކާރެއް ކަމެވެ. މަގާމުތަކުގައި ތިއްބަވާނީ އިލްމީ، ހިލްމީ، ކަމަށް ގާބިލް ބޭފުޅުން ކަމަށް ވިދާޅުވި އެވެ. ޖަވާބުދާރީވެވޭނެ، ރައްޔިތުންނާ ހަމައަށް ދާން ކެރޭނެ ބަޔަކު ހިމެނޭ ޓީމެކެވެ.

"ކެބިނެޓަށް ނަގާ ބޭފުޅުން ވާނީ ރައްޔިތުން ފަހުރުވެރިވާ ފަދަ ބޭފުޅުންނަށޭ. ފަސްބައި ސާފު، ހިދުމަތް ކުރެވޭ، އަޅުގަނޑު އެދޭ ސްޕީޑުގައި ރެއާ ދުވާލު މަސައްކަތް ކުރަން ކެރޭ ހީވާގި ތައުލީމު ލިބިފައިވާ މީހުން ސަރުކާރު އެހެން އިދާރާތަކާއި މަގާމުތަކަށް ވެސް ނަގާނީ އެފަދަ ބޭފުޅުން، ސާފު ސަރުކާރެއް އެކުލަވާލާނީ،" ރިޔާސީ ކެމްޕެއިނުގައި، ލ. ގަމަށް ވަޑައިގެން ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ.

ސިޔާސީ ވަޒީފާތައް ގިނަކޮށް، ބެކްގްރައުންޑް ނުވަތަ ފަސްބައި ބެލުމެއް ނެތި ސިޔާސީ މަގާމުތައް ދިނުމަކީ އަބަދުވެސް ރައްޔިތުންގެ ކަންބޮޑުވުން އޮތް މައްސަލައެކެވެ. ޖިނާއީ ދައުވާ އުފުލިގެން ދިޔަ ނަމަވެސް މަގާމުގައި ދެމިހުރެވޭ ހުރުން ވެސް ފެނިފައިވުމުންނެވެ.

ރައީސް މުއިއްޒު ދެއްވީ އެ ކަން ބަދަލު ކުރުމުގެ ޔަގީންކަމެވެ. ނަމަވެސް އެމަނިކުފާނުގެ ސަރުކާރަށް ދެ މަސް ދުވަސްވިއިރު އައްޔަނު ކުރި މުވައްޒަފުންނަށް ފާޑުކިޔާނެ ފުރުސަތުތަކާއި ޖާގަތައް އޮތީ ހުޅުވިފަ އެވެ.

މީގެ 10 ދުވަސް ތިން ޑެޕިއުޓީ މިނިސްޓަރަކު މަގާމުން ސަސްޕެންޑްކޮށްފައިވަނީ އިންޑިއާގެ ބޮޑުވަޒީރާއި ސަރުކާރަށް އިހުތިރާމު ކުޑަ ބަސްތަތަކުން ޓުވިޓާގައި ލިޔުއްވުމާ ގުޅިގެނެވެ. އޭގެ ތެރޭގައި ހިމެނޭ ބައެއް ބޭފުޅުންނަކީ، މީގެ ކުރިން ވެސް ޓުވިޓާގައި ބަސްމަގު ހުންނެވި ގޮތުން ފާޑުކިޔުން އަމާޒުވެފައިވާ ބަޔެކެވެ.

ޖިންސީ ފުރައްސާރައިގެ މައްސަލައަކާ ގުޅިގެން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސްކަމުން ވަކިކުރި މުހައްމަދު ފަހުމީ ހަސަނަށް މި ސަރުކާރުގައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަން ކުރުމަށް ފަހު، އޭގެ ހަތަރު ދުވަސް ފަހުން އޭނާ މަގާމުން ވަކިކުރި އެވެ.

މި ހުރިހާ ކަމަކާ ގުޅިގެން ސަރުކާރަށް ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށް، ދެން ހިނގައިދިޔަ ކަމަކީ، ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އުފުލި ޝަރީއަތް ހިނގަމުންދާ ގާނޫނީ ވަކީލަކު، މިނިސްޓަރެއްގެ ނައިބުގެ މަގާމަށް އައްޔަންކޮށްފަ އެވެ.

ޑެޕިއުޓީ މިނިސްޓަރު، ސްޓޭޓް މިނިސްޓަރު ފަދަ ސަރުކާރުގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަން ކުރެއްވުމުގައި ވަކި މިންގަނޑެއް ގެންގުޅެން ނުޖެހޭ ހެއްޔެވެ؟ ހާއްސަކޮށް އައްޔަން ކުރެވޭ މީހެއްގެ ކުށުގެ ބެކްގްރައުންޑަށް ބަލަން ވާނެ ނޫން ހެއްޔެވެ؟ ނޫނީ ސާފު ސަރުކާރެއް އެކުލަވާލާނީ ކިހިނެއް ހެއްޔެވެ؟

ސާފު ސިޔާސީ މަސައްކަތް؛ ނިޒާމުގެ އަސާސީ ސިފަ

ދައުލަތުގެ އިސް މަގާމުތަކުން ފެންނަން އާންމުން އެދޭނީ އަބުރުވެރި، ސާފު މީހުންނެވެ. ކުށްވެރިން ފެންނަން ބޭނުމެއް ނުވާނެ އެވެ. ހިޔާނާތާއި ޖިނާއީ ބޮޑެތި ކުށްތަކުގެ ލަތްގަނޑު ޖެހިފައިވާ މީހުން މަގާމުތަކުގައި ތިބުމަކަށް ނޭދޭނެ އެވެ.

ރައްޔިތުންނާ ހަމައިން ވެރިކަން ހިންގުމުގެ ނިޒާމު، ޑިމޮކްރެސީގެ އަސާސީ ސިފައަކީ އެއީ އެވެ. ސުލޫކީ ރީތި ސިފަަޔަކީ، މަގާމުގައި ހުއްޓައި ވެސް ޖިނާއީ ކުށެއްގެ ދައުވާ އުފުލައިފިނަމަ މިނިވަން ޝަރީއަތަކަށް ޖާގަ ދިނުމަށް މަގާމުން ދުރަށް ޖެހިލުމެވެ.

ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ އިބްރާހިމް އިސްމާއީލް (އިބްރާ) ވެސް ނަންގަވަނީ އެ ނުކުތާ އެވެ.

"ޕްރޮސެކިއުޓާ ޖެނެރަލްއަކީ އިންޑިވިޖުއަލް އިންސްޓިޓިއުޝަންއެއް، ފުލުހުން ތަހުގީގުކޮށް ނިމުމުން، ދެން ވަށައިގެން ހުރި ހެކިތަކާއި ވާގިއާތަކުގެ މައްޗަށް ދައުވާއެއް ކުރެވޭނީ، އެހެންވިއްޔާ ސާބިތުވިޔަސް ނުވިޔަސް އެ ހިސާބުން އެ މީހެއްގެ އަހުލާގާ މެދު ސުވާލުތަކެއް އުފައްދާނެ ޖާގަ އެބަ ލިބޭ،" އޭނާ ވިދާޅުވި އެވެ.

މި ސަރުކާރު ގެނައުމަށް ބުރަ މަސައްކަތްތަކެއް ކުރެއްވި، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު އިޝާރާތް ކުރެއްވީ ރައީސް މުއިއްޒުގެ ވައުދަށެވެ. ރިޔާސީ ވައުދުތަކަކީ، ރައްޔިތުންނާ ދެމެދު ވެވޭ އިޖުމާއީ އަހުދެކެވެ. އެ އަހުދަށް ރައްކާތެރިވުމަކީ ވެސް ޑިމޮކްރެސީގެ އަސާސީ އެއް ސިފަ އެވެ.

"ސޯޝަލް ކޮންޓްރެކްޓެއް މިއީ، ތިމަންނަމެން ގެންނާނީ ސާފު ސަރުކާރެއް، ކްލީމް ޕޮލީޓީޝަނުންގެ ގަވަމެންޓެކޭ، ސާފު ސަރުކާރެއް އެކުލަވާލަން، އައްޔަންކުރާ މީހުންގެ ބެކްގްރައުންޑް، ވަކިން ހާއްސަކޮށް ދައުވާއެއް އުފުލިގެން ޝަރީއަތް ނުހިނގާ ބަޔަކު ތިބުން ޔަގީން ކުރަން ޖެހޭ،" ޖަމީލު ވިދާޅުވި އެވެ.

ރައްޔިތުންގެ ޓެކްސް ފައިސާއިން އުޖޫރަ ދެވޭ ގޮތަށް، ޖިނާއީ ކުށުގެ ރެކޯޑު ސާފު ނުވެ އޮތް މީހަކު ނުވަތަ އޭނާގެ އަބުރުވެރިކަމާއި އަހުލާގާ މެދު ސުވާލު އުފެދިފައިވާ މީހަކު ގެނެސްފިނަމަ ދައުލަތް ހިންގުމުގައި "ކިލަނބު" ކަމެއް އައުމަކީ ޖާގަ އޮތް ކަމަކަށް ވާތީ އެވެ.

"ރައްޔިތުން ބަލަހައްޓަން ތިބޭ ބަޔަކު، ރައްޔިތުންގެ ޓެކްސް ފައިސާއިން، އުޖޫރަ ދީ، އިނާޔަތްތަކެއް ދީ، މިހެން ތިބޭ ބައެއްގެ ތެރެއަށް، މިފަދަ ބޮޑެތި ކުށް ކޮށްފައިވާ ކަމަށް ބެލެވޭ މީހަކު ލުމަކީ، ރައްޔިތުންގެ ގައިގައި ކޮޅު ފައިން ޖެހުން،" ޖަމީލު ވިދާޅުވި އެވެ.

ފަނޑިޔާރު ކަން ވެސް ކުރައްވާފައިވާ ޖަމީލު ވަކާލާތުގެ ހިދުމަތް ދެއްވަމުން ގެންދަވާ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ޖިނާއީ ދައުވާ ސާބިތުވެ އެމަނިކުފާނުގެ ހުކުމެއް އޮވެގެން ރިޔާސީ އިންތިހާބުގައި ވާދަނުކުރެވި ދިޔުމުގެ އަސާސީ ސަބަބަކީ ވެސް އެއީ އެވެ.

ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުލް ބެންޗު އިއްތިފާގުވީ ގާނޫނު އަސާސީ ހެދި އިރު ހާއްސަ މަޖިލީހުގެ މުޅި ރޫހަކީ ސާފު ސިޔާސީ މަސައްކަތް ނުވަތަ "ކްލީން ޕޮލިޓިކްސް" ކަމަށެވެ. މަގާމުތަކަށް ކުށްވެރިންނާއި ސާފު ރެކޯޑު ނެތް މީހަކު ނައުމެވެ.

"އަދި އެއީ ދައުލަތުގެ މަގާމުތަކުގައި މަސައްކަތް ކުރާ މީހުންނަކީ، ނަޒާހަތްތެރި، އަބުރު ގެއްލިފައިވާ މީހަކު ކަމުގައި ވެގެން ނުވާނެ ކަމަށް އެ މަޖިލީހުގެ މުޅި ވިސްނުން ބައްޓަން ވެފައިވާތީ ކަން އެ މަޖިލީހުގެ ޔައުމިއްޔާތަކުން ސާފުކޮށް އެނގުން،" ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އިއްތިފާގުވި، ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔުގައިވެ އެވެ.

ހާމަކުރެވިފައިވާ މިންގަނޑެއް ގެންނަން ޖެހިފައި؟

ކޮންމެ ސުލޫކީ ސިފަޔަކީ ގާނޫނުތަކުގައި ލިޔެގެން ލާޒިމު ކުރަން އޮންނަ ކަންކަމެއް ނޫނެވެ. މީހުން ގަބޫލުކުރާ ހަމަތަކާއި އުސޫލުތަކަކީ ތަންފީޒު ކުރަން ޖެހޭނެ ކަންކަމެވެ. އަދި ގާނޫނު އަސާސީގެ މުޅި ރޫހު ސާފުކޮށް ފެންނަން އޮންނަ ކަންކަމުގައި އަމަލުކުރަން ޖެހޭނީ އެ ގޮތުގެ މަތިންނެވެ.

މި ރިޕޯޓަށް ވާހަކަ ދެއްކެވި، ސިޔާސަތުތައް އެކުލަވާލުމުގެ ތަޖުރިބާކާރުން ވެސް ދެކެނީ އެ ގޮތަށެވެ.

ތައުލީމީ ވުޒާރާގެ އިސް މަގާމުތައް ފުރުއްވާފައިވާ އިބްރާ ވިދާޅުވީ މީގައި ދިމާވާ މައްސަލައަކީ އަހުލާގީ އަމިއްލަ މިންގަނޑެއް ނުގެންގުޅުމެވެ. ޑިމޮކްރެސީއަކީ ހަރުކަށި ޝަރުތުތަކެއް ހިމެނުމުގެ ބަދަލުގައި ވީހާވެސް ބޮޑަށް ހިޔާލުތައް ހުޅުވާލެވިގެން ކޮންމެ މީހަކަށް ވެސް ހިދުމަތް ދިނުމަށް ލީޑާޝިޕަށް އައުމުގެ ފުރުސަތު ދީފައި އޮންނަން ޖެހޭ ނިޒާމެކެވެ. މީގައި މުހިންމީ ސިޔާސީ ލީޑަރުންގެ "މޯރަލް ވެލިއުސް" ނުވަތަ ސާފު ހަމަތަކެއް އިސް ކުރުން ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ މީހެއް އެ ތަނުގައި ހުންނާނީ، އެ ބައެއްގެ ބެކްގްރައުންޑް ބެލީމަ، ދެން އެނގޭނެ ރައީސުލްޖުމްހޫރިއްޔާ ގެންގުޅޭ މިންގަނޑަކީ ކޮބައިކަން، ސިޔާސީ ލީޑަރަކު، އެފަދަ މީހަކާ އެކީ ފެންނަން ބޭނުން ވަންޏާ ޕަބްލިކްގައި އެ ބުނަނީ އޭނާގެ މޯރަލް ވެލިއުސް އެ ކަމުގައި،" އޭނާ ވިދާޅުވި އެވެ.

އިބްރާގެ އެ ނުކުތާއަށް ޖަމީލު އެއްބަސްވި ނަމަވެސް އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ހާމަކުރެވިފައިވާ މިންގަނޑެއް އެކުލަވާލުމަކީ ވެސް ރައީސް މުއިއްޒުގެ ވައުދުގެ އެއް ބަޔެވެ.

"ސަރުކާރަށް ލާޒިމު ކަމެއް އެއީ، ސަރުކާރުން އައްޔަންކުރާނެ މިންގަނޑުތަކެއް ކަނޑައަޅާފައި، ރައްޔިތުންނަށް ހިއްސާކުރުން، އެ މިންގަނޑުގެ ތެރެއިން މީހުން އައްޔަން ކުރުން، އެއީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް،" ހޯމް މިނިސްޓަރު ކަމާއި ޖަސްޓިސް މިނިސްޓަރު ކަން ކުރައްވާފައިވާ ޖަމީލު ވިދާޅުވި އެވެ.

ސާފު، ސިޔާސީ މަސައްކަތް ކުރަން، ދައުލަތުގެ އިސް މަގާމުތަކަށް އައްޔަން ކުރެވޭ މީހުންގެ ކުށުގެ ރެކޯޑާއި ޖިނާއީ މައްސަލަތަކުގެ ބެކްގްރައުންޑް ވެސް ސާފުވެފައި އޮންނަން ޖެހެ އެވެ. އެހެން ނޫން ނަމަ ސާފު ސަރުކާރެއް އެކުލަވާލުމުގެ ވައުދު ފުއްދުނު ކަމަކަށް ނުބެލެވޭނެ އެވެ. ރިޔާސީ ވައުދަކަށް ވެސް ވާތީ، އެ ވައުދު ފުއްދުމަށް ސަރުކާރުން ގެންގުޅޭ މިންގަނޑެއް ފެންނަ ގޮތަށް އޮތުން ވެސް ބޭނުންތެރި އެވެ.