Advertisement

މަޖިލިސް އިންތިހާބު؛ ލަފާދޭ ކޮމިޓީގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޖަމިއްޔާއެއް ހިމަނަނީ

14 ޖަނަވަރީ 2024 - 22:54 0

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު އަދި ނައިބު ރައީސް ހަބީބު؛ މަޖިލިސް އިންތިހާބުގެ ގައުމީ ލަފާ ދޭ ކޮމިޓީގައި ނުކުޅެދުންތެރިކަން ހުރި މީހުން ތަމްސީލްކުރާނެ ޖަމިއްޔާއެއް ބައިވެރިކުރަނީ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


މަޖިލިސް އިންތިހާބު؛ ލަފާދޭ ކޮމިޓީގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޖަމިއްޔާއެއް ހިމަނަނީ

14 ޖަނަވަރީ 2024 - 22:54 0

އަންނަ މާޗު 17، ގައި އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އިލެކްޝަންސް ކޮމިޝަނުން އެކުލަވާފައިވާ ގައުމީ ލަފާ ދޭ ކޮމިޓީގައި ބައިވެރިވާން، ނުކުޅެދުންތެރިކަން ހުންނަ މީހުން ތަމްސީލް ކުރުމަށް ޝައުގުވެރިވާ ޖަމިއްޔާއަކަށް ފުރުސަތު ދޭން ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާ ޖަމާއަތްތަކުގެ ތެރެއިން މި ކަމަށް ޝައުގުވެރިވާ ޖަމާއަތްތަކަށް މިއަދުން ފެށިގެން ޖެނުއަރީ 28، ގެ މެންދުރު 2:00 ގެ ނިޔަލަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

"ޝައުގުވެރިވާ ޖަމިއްޔާ ޖަމާއަތްތަކުން އެ ކަން ބަޔާން ކުރެއްވުމަށް ފަހު، އިސީއަށް އެ ޖަމިއްޔާއެއްގެ ޕްރޮފައިލް އަދި ރަސްމީ ލެޓާ ހެޑުގައި، ސިޓީއެއް ފޮނުއްވުން އީސީން އެދޭ،" ހަބީބު ލިޔުއްވާފައިވެ އެވެ.

އިންތިހާބުތަކަށް އީސީން އެކުލަވާލާ ގައުމީ ލަފާ ދޭ ކޮމިޓީތަކުގައި، ސިޔާސީ ޕާޓީތަކާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)، ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)، މީޑިއާ ކައުންސިލް، ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ފަދަ މުއައްސަސާތައް އާންމުކޮށް ބައިވެރިކުރެ އެވެ.

ދެން ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި، ރާއްޖޭގައި ޑިމޮކްރެސީ ކުރިއެރުވުމަށް މަސައްކަތް ކުރާ އެހެނިހެން ބައެއް ޖަމިއްޔާ ޖަމާއަތްތައް ވެސް ބައިވެރި ކުރެ އެވެ.

ނަމަވެސް ނުކުޅެދުންތެރިކަން ހުންނަ މީހުން ތަމްސީލްކުރުމަށް ހާއްސަކޮށް ވަކި ޖަމިއްޔާއެއް ބައިވެރިކުރަން ނިންމި މިއީ ފުރަތަމަ ފަހަރެވެ.

އިލެކްޝަން ކޮމިޝަނުން މިހާރު ތައްޔާރުކޮށްފައިވާ ވޯޓާސް ލިސްޓުގައި މާޗު 17، ވަނަ ދުވަހާ ހަމައަށް އުމުރުން 18 އަހަރު ފުރޭ މީހުންނާއެކު ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ޖުމުލަ އަދަދަކީ 284،327 އެވެ. އެއީ 139،165 އަންހެނުން އަދި، 145،162 ފިރިހެނުންނެވެ.