Advertisement

ހުކުރު ދުވަހު ކުރި ވިއްސާރައިގައި މާލޭގެ 227 ތަނަކަށް ގެއްލުންވި، 110 މީހަަކަށް ބޯހިޔާވަހިކަން ދޭން ޖެހުނު

14 ޖަނަވަރީ 2024 - 17:50 0

ވިއްސާރައިގައި މާލޭގެ އިމާރާތްތަކަކަށް ފެން ވަނުމުން ފެން ހުސްކުރެވޭތޯ މަސައްކަތްކުރަނީ. ހުކުރު ދުވަހު މާލޭގެ 227 ތަނަކަށް ފެންވަދެ ގެއްލުންވި. ފޮޓޯ:އަބްދުﷲ އިޔާން/އަދަދު


ހުކުރު ދުވަހު ކުރި ވިއްސާރައިގައި މާލޭގެ 227 ތަނަކަށް ގެއްލުންވި، 110 މީހަަކަށް ބޯހިޔާވަހިކަން ދޭން ޖެހުނު

14 ޖަނަވަރީ 2024 - 17:50 0

މިދިޔަ ހުކުރު ދުވަހު ކުރި ވިއްސާރައިގައި މާލޭގައި ފެންބޮޑުވެ، ފެންވަނުމުގެ ސަބަބުން އެކިވަރުގެ ގެއްލުން ލިބުނު ތަންތަނުގެ އަދަދަކީ 227 ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފި އެވެ.

އެންޑީއެމްއޭ އިން މިއަދު އާއްމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން މާލޭގެ 227 ތަނަކަށް އެކިވަރުގެ ގެއްލުންވި އިރު 18 ގޭބިސީއެއްގައި އެވަގުތަށް މީހުންނަށް ދިރިނޫޅެވޭ ވަރަށް ގެއްލުންލިބުނެވެ.

އެހެންވެ 110 މީހަކަށް ވަގުތީ ގޮތުން ބޯހިޔާވަހިކަމާއި ކެއިންބުއިން ހަމަޖައްސައިދޭން ޖެހުނު ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ. އެއީ އެމީހުންނަށް ކައްކައި ކައިބޮއިހެދުމަށާއި ނިދުމަށް ދަތިވާ ވަރަށް އެ ގޭބިސީތަކަށް ގެއްލުން ލިބިފައި ވާތީ އެެވެ.

އެންޑީއެމްއޭ އިން ބުނި ގޮތުގައި އެމީހުންގެ ދިރިއުޅުން މިހާރު ވަނީ އާއްމު ހާލަތަކަށް ގެނެވިފަ އެެވެ.

ވިއްސާރައިގައި ގެއްލުން ލިބުނު މިންވަރު ބަލަން ޑެމޭޖް އެސެސްމެންޓް ހަދަން ޖެހޭ ކަމަށް ނިންމީ 78 ތަނަކަށެވެ. ދިވެހި ރެސްޑްކްރެސެންޓާއި ވެމްކޯ އަދި ރީޖަނަލް އެއާޕޯޓްސް، އެމްޓީސީސީ އަދި ޓްރޭޑް ނެޓްގެ އެހީއާ އެކު އޭގެ ތެރެއިން 58 ގޭބިސީއެއްގެ އެސެސްމެންޓް ނިންމައި 48 ގެއަކަށް އެހީދޭން ނިންމާފައިވާ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.

އެސެސްމެންޓް ހަދަން ބޭނުންވާ ކަމަަށް 19 ތަނަކުން ބުނި ކަމަށާއި އޭގެ ތެރެއިން ހަ ތަނަކަށް ވަދެވޭގޮތް ނުވަދެވުމުގެ ސަބަބުން އެސެސްމެންޓް ނުހެދިވާ ކަމަށް ވެސް ބުންޏެވެ.