Advertisement

އެމްޑަބްލިއުއެސްސީގެ ހޮޅިއެއް ވެއްޓި, ދިރާގު އެންޓަނާ ސެލްއަކަށް ގެއްލުންވެއްޖެ

12 ޖަނަވަރީ 2024 - 19:51 0

ނިމާ ހަސަން

ނިމާ ހަސަން

އެމްޑަބްލިއުއެސްސީގެ ހޮޅިއެއް ވެއްޓިފައި -- ފޮޓޯ: އާދަމްއައިޒަން/ އެކްސް


އެމްޑަބްލިއުއެސްސީގެ ހޮޅިއެއް ވެއްޓި, ދިރާގު އެންޓަނާ ސެލްއަކަށް ގެއްލުންވެއްޖެ

12 ޖަނަވަރީ 2024 - 19:51 0

މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ ޕަމްޕަ ސްޓޭޝަނުގެ ވަސްހޮޅިއެއް ވެއްޓި, ދިރާގު އެންޓަނާ ސެލްއަކަށް ގެއްލުންވެއްޖެ އެވެ.

އެމްޑަބްލިއުއެސްސީން ބުނީ, މާލެއަށް ކުރަމުންދާ ވިއްސާރައާއި ގަދަ ވައިގެ ސަބަބުން ވެއްޓުނީ, އެ ކުންފުނީގެ އަށް ނަންބަރު ޕަމްޕް ސްޓޭޝަނުގެ ވަސްހޮޅި ކަމަށެވެ.

އެ ކުންފުނިން މިހާރު ވަނީ, ވެއްޓުނު ހޮޅި މަރާމާތުކޮށްފަ އެވެ. އަދި އެކަމުގެ ސަބަބުން ކުންފުނިން ދޭ ހިދުމަތްތަކަށް ބުރުލެއް ނާރާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެމްޑަބްލިއުއެސްސީން ބުނީ ހޮޅި ވެއްޓުނީ ދިރާގު އެންޓަނާއަކަށް ކަމަށާއި އެކަމުގެ ސަބަބުން އެންޓަނާގައި ހުރި ސެލްއަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ. އަދި ސެލްގެ މަރާމާތު މަސައްކަތަށް ދިރާގު މުވައްޒަފުން ހަރަކާތްތެރިވަމުންދާ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

މި ދުވަސްވަރު ރާއްޖެއަށް މޫސުން ފުދޭ ވަރަކަށް ގޯހެވެ. ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑެއް ރާއްޖެ ހުރަސްކޮށް ދަތުރު ކުރާތީ، ތިން ވަރަކަށް ދުވަހަށް މޫސުން ގޯސްވާނެ ކަމަށް މިދިޔަ އަންގާރަ ދުވަހު މެޓު އޮފީހުން ވެސް ބުނެފައިވެ އެވެ.

"ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑު ރާއްޖެ ހުރަސްކޮށް އަރަބިކަނޑަށް ޖެހެމުންދާނެ ކަމަށް ނިމުތު ކުރެވޭތިވެ، ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް، ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ. ވީމާ މޫސުމަށް ސަމާލުވުން އެދެން،" މޫސުމާ ބެހޭ އިދާރާއިން ބުނެފައިވެ އެވެ.

މިއަދު ވެހުނު ވާރޭގައި މާލޭގައި ފެންބޮޑުވުމުގެ އިތުރަށް ގަދަވަޔާއެކު ރެހެންދި ހިނގުމުގައި ހުރި ބޮޑު ގަހެއް ވަނީ ކާރެއްގެ މައްޗަށް ވެއްޓިފަ އެވެ. އޭގެ އިތުރުން ގޭގެއަށް ވެސް ފެން ވަދެ ބޮޑެތި ގެއްލުންތަކެއް ވަނީ ވެފަ އެވެ.