Advertisement

ލަފާކުރެވެނީ މޭޔަރު އިންތިހާބު އޮންނަ ދުވަހުގެ ހެނދުނު މޫސުން ގޯސް ވާނެ ކަމަށް

11 ޖަނަވަރީ 2024 - 12:07 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ވިއްސާރަ ދުވަހެއްގައި މާލެ ތެރެ -- ފޮޓޯ: އިޔާން/އަދަދު


ލަފާކުރެވެނީ މޭޔަރު އިންތިހާބު އޮންނަ ދުވަހުގެ ހެނދުނު މޫސުން ގޯސް ވާނެ ކަމަށް

11 ޖަނަވަރީ 2024 - 12:07 0

އަންނަ ހޮނިހިރު ދުވަހު މާލެ ސަރަހައްދަށް މޫސުން ގޯސް ވާނެ ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން ލަފާކޮށްފި އެވެ.

އަންނަ ހޮނިހިރު ދުވަހަކީ ( ޖެނުއަރީ 13،) އަކީ މާލޭގެ މޭޔަރު އިންތިހާބުކުރަން ބާއްވާ ބައި އިލެކްޝަން ބާއްވާ ދުވަހެވެ.

"އަދަދު" އަށް މައުލޫމާތުދެއްވަމުން މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ، އަންނަ ހޮނިހިރު ދުވަހުގެ ފަތިހު އަދި ހެނދުނު މާލެ ސަރަހައްދަށް ވިއްސާރަ ވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ނަމަވެސް، އެ ދުވަހުގެ މެންދުރުފަހަށް ވިއްސާރަ އަލި ވާނެ ކަމަށް މެޓް އޮފީހުން ލަފާ ކުރެ އެވެ.

ލަފާކުރެވޭ ގޮތުގައި މާދަމާ ބޯކޮށް ވާރޭ ވެހި މޫސުން ގޯސްވާނެ އެވެ.

ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑެއް ރާއްޖެ ހުރަސްކޮށް އަރަބި ކަނޑަށް ޖެހެމުންދާތީ މި ތިން ދުވަހު މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނީ މިދިޔަ އަންގާރަ ދުވަހު އެވެ.

އެގޮތުން މިއަދު ހއ. އަތޮޅުން ފެށިގެން މ. އަތޮޅާއި ހަމައަށް ގަދަވަޔާއި ގުގުރާ ވިދުމާ އެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ވަނީ ލަފާކޮށްފަ އެެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވެ އެވެ.

މާލޭގެ މޭޔަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މިހާރުގެ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ ނޮވެމްބަރު 17، ވަނަ ދުވަހު ރައީސްކަމާ ހަވާލުވެވަޑައިގަތުމުންނެވެ. ރައީސް މުއިއްޒުގެ ސަރުކާރުގެ މަގާމްތަކަށް ވަޑައިގަތުމަށް ސިޓީ ކައުންސިލްގެ މެމްބަރުން އިސްތިއުފާ ދެއްވުމުން މާފަންނު ދެކުނު ދާއިރާ، މެދު ހެންވޭރު ދާއިރާ، އަދި ހެންވޭރު ދެކުނު ދާއިރާގެ ގޮނޑި ވެސް ވަނީ ހުސްވެފަ އެވެ.

މާލެ ސިޓީ ކައުންސިލުގެ ބައި-އިލެކްޝަން އޮންނަނީ ޖެނުއަރީ 13، ވާ ހޮނިހިރު ދުވަހު އެވެ.

މޭޔަރު ކަމުގެ މަގާމަށް ކުރިމަތި ލާފައިވާ ކެންޑިޑޭޓުންގެ ތެރޭގައި ހިމެނެނީ ޝުއެއިބް އަލީ (އަމިއްލަ ގޮތުން)، ހުސެއިން ވަހީދު (އަމިއްލަ ގޮތުން)، އާއިޝަތު އާޒިމާ ޝަކޫރު ( ޕީޕަލްސް ނޭޝަނަލް ކޮންގްރެސް - ޕީއެންސީ)، އާދަމް އާޒިމް (މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ - އެމްޑީޕީ) އަދި މުހައްމަދު ސައިފް ފާތިހު (ދަ ޑިމޮކްރެޓްސް) އެވެ.