Advertisement

ލިވަޕޫލްގެ އާނޯލްޑް ތިން ހަފްތާ އަށް ކުޅުމާ ދުރަށް

10 ޖަނަވަރީ 2024 - 12:26 0


ލިވަޕޫލްގެ އާނޯލްޑް ތިން ހަފްތާ އަށް ކުޅުމާ ދުރަށް

10 ޖަނަވަރީ 2024 - 12:26 0

ލިވަޕޫލް (ޖެނުއަރީ 10) - ލިވަޕޫލްގެ ފުލްބެކް، ޓްރެންޓް އަލެކްސަންޑާ އާނޯލްޑްގެ ކަކުލަށް ލިބިފައިވާ އަނިޔާގެ ސަބަބުން އޭނާ ކުޅުމާ ދުރުގައި ތިން ހަފްތާ މަޑުކުރަން ޖެހިއްޖެ އެވެ.

ލިވަޕޫލްގެ އެއް ވައިސް ކެޕްޓަން، އާނޯލްޑް، 25، ކަކުލަށް އަނިޔާވީ މިދިިޔަ އާދިއްތަ ދުވަހު އެފްއޭ ކަޕްގައި އާސެނަލް އަތުން ލިވަޕޫލް 2-0 އިން މޮޅުވި މެޗުގަ އެވެ.

މި ސީޒަނުގައި ލިވަޕޫލްގެ ގިނަ މެޗުތަކެއްގައި ތަފާތު މޮޅު ކުޅުމެއް ދައްކާފައިވާ އާނޯލްޑް، ކަކުލުގެ ލިގަމެންޓްގެ ބައެއް އިރައިގެން ދިއުމާ ގުޅިގެން، ލިބުނު އަނިޔާ ހީކުރި ވަރަށް ވުރެ ސީރިއަސް އެވެ.

ލިވަޕޫލްގެ އެސިސްޓަންޓް ކޯޗު، ޕެޕް ލައިންޑާސް ބުނީ އާނޯލްޑްގެ ކަކުލަށް ލިބުނު އަނިޔާ ދެނެގަންނަން ހެދި ޓެސްޓްތަކަށް ފަހު އެނގުނީ ކުޅުމާ ދުރުގައި މުއްދަތެއް ހޭދަކުރަން ޖެހޭނެކަން ކަމަށެވެ. އެ ގޮތުން، ބެލެވެނީ، ތިން ހަފްތާ އަށް ފަހު، އާނޯލްޑް ކުޅުމަށް އެނބުރި އަންނާނެކަން ކަމަށެވެ.

އަނިޔާގައި ހުންނަން ޖެހޭ މުއްދަތުގައި، އާނޯލްޑަށް ފަސް މެޗެއް ވަރު ގެއްލޭނެ ކަމަށް ބެލެވެ އެވެ. އޭގެ ތެރޭގައި އިނގިރޭސި ލީގު ކަޕްގެ ސެމީ ފައިނަލް ދެ ލެގު ވެސް ހިމެނެ އެވެ. ލީގު ކަޕް ސެމީގައި ލިވަޕޫލުން ނުކުންނާނީ ފުލަމްއާ ދެކޮޅަށެވެ. ފުރަތަމަ ލެގު އޮންނާނީ މިރޭ ލިވަޕޫލް ދަނޑުގަ އެވެ.

މި ސީޒަނުގައި އާނޯލްޑް ލިވަޕޫލަށް ކުޅެދިން 25 މެޗުން ވަނީ ދެ ގޯލު ޖަހައި، ނުވަ ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. އާނޯލްޑަށް އެނބުރި އާދެވޭނީ މި މަހު 31 ވަނަ ދުވަހު، ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗަށް ކަމަށް ބެލެވެ އެވެ.