9 ޖަނަވަރީ 2024 - 09:23 2
މަރިޔަމް އަފާ ނިޒާމް
9 ޖަނަވަރީ 2024 - 09:23 2
މިއަހަރުގެ ދިރާސީ އައު އަހަރު މެއި 26، ގައި ފަށައި ފެބްރުއަރީ މަހު އަހަރު ނިންމާ ގޮތަށް ސަރުކާރުން ހަމަޖައްސައިފި އެވެ.
ކުރީގެ ކަލަންޑަރަށް ބަދަލުތަކެއް ގެނައުމަށްފަހު އެޑިއުކޭޝަން މިނިސްޓްރީން އާންމުކޮށްފައިވާ ދިރާސީ އާ އަހަރުގެ ކަލަންޑަރުގައިވާ ގޮތުން މިހާރު ހިނގަމުން މިދާ ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ނިމޭނީ އޭޕްރީލް 30، ގަ އެވެ.
ކުރިން ދެވަނަ ޓާމުގެ ކިޔެވުން ނިންމާ ގޮތަށް އޮތީ ޖޫން 31، ވަނަ ދުވަހު އެވެ.
އެގޮތުން މެއި 26، ގައި ފަށާ މިއަހަރުގެ ދިރާސީ އާ އަހަރު އަންނަ 2025 ގެ ފެބްރުއަރީގައި ނިންމައި، ދިރާސީ އަހަރުގެ ކިޔެވުން މާޗު، 2025ގައި ފަށާ ގޮތަށް ބަދަލުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމާފަ އެވެ.
ނަމަވެސް، 10 މަސް ދުވަހުގެ ތެރޭގައި އެއް އަހަރު ދުވަހުގެ ސިލަބަސް ކަވަރުކޮށް، ދަރިވަރުންނަށް ކިޔަވައިދިނުމުގެ އިންތިޒާމު އޮންނާނެ ގޮތެއް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފައެއް ނުވެ އެވެ.
ދިރާސީ އަހަރު ފެށުން ޖެނުއަރީއަށް ބަދަލުކޮށް, ބޮޑު ޗުއްޓީ ކުރިން އޮތް ގޮތަށް ބަދަލުކުރުމަކީ ރިޔާސީ އިންތިހާބު ތެރޭގައި ދ. ކުޑަހުވަދޫގައި ހުންނަވައި އޮގަސްޓު 16, ގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑަގެންނެވި ވައުދުފުޅެކެވެ. އޭރު އެމަނިކުފާނު ވިދާޅުވީ 2025 އިން ފެށިގެން އެގޮތަށް ބަދަލުކުރައްވާނެ ކަމަށެވެ.
"ބޮޑު ބަންދު އޮތީ ނުބައިކޮށޭ ބަަދަލުކޮށްފައި. އޭގައި އެބަ އޮތް އެއް ސަބަބު. ޓޫރިޒަމް ސެކްޓަރު މީހުންނަށް ޗުއްޓީ ނަގައިގެން ބޭރަށް ދާން ދަތިވާނެ. އެ ބޭފުޅުންނަށް ވެސް ބޭރަށް ދެވެނީ އެއް ނޫން. މި ބަދަލަކީ ރައްޔިތުން ބޭނުންވި ކަހަލަ ބަދަލެއް ނޫން," އޭރު އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.
ދިރާސީ އަހަރު ފެށޭ ތާރީހަށް ގެނައި ބަދަލަކީ ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތްކުރާ ދިވެހިންނަށް އެ މީހުންގެ ދަރިންނާއެކު ޗުއްޓީ ހޭދަކުރުމަށް މަގުފަހިކުރުމުގެ ގޮތުން ރިސޯޓުތަކުގެ އޮފް ސީޒަނާ ގުޅުވައި ގެނައި ބަދަލެކެވެ. ގިނަ މަޝްވަރާތަކެއް ކުރުމަށް ފަހު 2021 އިން ފެށިގެން ދަރިވަރުންގެ ކިޔެވުން ތަރުތީބު ކޮށްފައި އޮތީ އެހެންނެވެ.
50.00%
0.00%
0.00%
50.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment