ފްރީ ޓްރޭޑް އެގްރިމެންޓުގެ ދަށުން ޗައިނާއަށް މަސް ބޭރު ކުރުމަކީ އަމާޒެއް: ރައީސް

9 ޖަނަވަރީ 2024 - 04:45 0

ޗައިނާގައި ބޭއްވި އިންވެސްޓް މޯލްޑިވްސް ފޯރަމް އަށް ވަޑައިގެންނެވި އެގައުމުގެ އޮފިޝަލުންތަކަކާ ރައީސް ޑރ.މުހައްމަދު މުއިއްޒު ސަލާމްކުރައްވަނީ. ފޮޓޯ:ރައީަސް އޮފީސް


ފްރީ ޓްރޭޑް އެގްރިމެންޓުގެ ދަށުން ޗައިނާއަށް މަސް ބޭރު ކުރުމަކީ އަމާޒެއް: ރައީސް

9 ޖަނަވަރީ 2024 - 04:45 0

ޗައިނާ އާއި ރާއްޖެއާ ދެމެދު ސޮއިކޮށްފައިވާ ފްރީ ޓްރޭޑް އެގްރީމެންޓުގެ ދަށުން ޗައިނާއަށް މަސް ބޭރު ކުރުމަކީ އެމަނިކުފާނުގެ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ފްރީ ޓްރޭޑް އެގްރިމެންޓަކީ ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ވިޔަފާރީގެ ގާތް ގުޅުން ރަމްޒުކޮށްދޭ އެއްބަސްވުމެއް ކަމަށް ރައީސް ޗައިނާއަށް މިހާރު ކުރައްވާ ދަތުރުގައި އެ ގައުމުގައި ބާއްވާ "އިންވެސްޓް މޯލްޑިވްސް ފޯރަމް" ގައި ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

"މިއީ ސައުތު އޭޝިއާގެ ގައުމަކާއެކު ޗައިނާއިން ހަދާފައިވާ އެންމެ ފުރިހަމަ އަދި ފުރަތަމަ ފްރީ ޓްރޭޑް އެގްރިމެންޓް. މި އެއްބަސްވުމުގެ ބޭނުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުމާއި އިންވެސްޓްމަންޓުތައް އިތުރުކުރުން،" އެ ފޯރަމުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ފްރީ ޓްރޭޑް އެގްރިމެންޓު ތަންފީޒު ކުރުމަށް ސަރުކާރުން އޮތީ ތައްޔާރަށް ކަމަށާއި އެ އެގްރިމެންޓުގެ ދަށުން ޗައިނާއަށް މަސް ބޭރު ކުރުމަށް އިސްކަންދެއްވާނެ ކަމަށެވެ.

"ފްރީ ޓްރޭޑް އެގްރިމެންޓުގެ ދަށުން ދިވެހި މަސް ޗައިނާއަށް އެކްސްޕޯޓު ކުރަން އަޅުގަނޑުމެން ވަރަށް ބޮޑަށް އިސްކަންދޭނަން. ފްރީ ޓްރޭޑް އެގްރިމެންޓު ވީހާ ވެސް އަވަހަކަށް ތަންފީޒު ކުރަން މި ސަރުކާރުން މި އޮތީ ތައްޔާރަށް،" އެމަނިކުފާނު ވިދާޅުވި އެވެ.

އެ ފޯރަމުގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ އެއާޕޯޓު ތަރައްގީ ކުރުމުގެ ތިން ވަނަ ފިޔަވަހީގެ މަޝްރޫ އާއި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމަށް ސަރުކާރުން ގެންގުޅޭ ޕްލޭނަށް ޗައިނާގެ އެހީތެރިކަން ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑު މި ތަނަށް އައުމުގެ ކުރިން އިފުތިތާހު ކުރި މައި އެއާޕޯޓުގެ މަޝްރޫ އާއި ވިޔަފާރި ބަނދަރުގެ މަޝްރޫއަކީ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ދަށުން ބިމާއި ކަނޑާއި ވައިގެ މަގުން އަދި ޑިޖިޓިލް ކަނެކްޓިވިޓީ ގުޅުވުމަށް ކޮށްފައިވާ ތަސައްވަރާ ގުޅޭ ދެ ޕްރޮޖެކްޓު. ބެލްޓު އެންޑް ރޯޑް އިނިޝިއޭޓިވްގެ ދަށުން އެ ދެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ސަރުކާރުން ޝައުގުވެރިވޭ އަދި އިސްނަގާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒު ޗައިނާއަށް ވަޑައިގަތީ އިއްޔެ އެވެ. ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ކުރައްވާ އެ ދަތުރު ނިންމާލައްވާނީ އަންނަ ހުކުރު ދުވަހެވެ. ރައީސްއާއެކު ރާއްޖެ ސީނިއާ ވަފުދެއް ވެސް އެ ގައުމަށް ވަޑައިގަތެވެ.