9 ޖަނަވަރީ 2024 - 04:11 0
މުހައްމަދު ނަސީމް
"އިންވެސްޓް މޯލްޑިވްސް" ގެ ނަމުގައި ޗައިނާ ގައި ބޭއްވި ފޯރަމްގައި ރަައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅުދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް
9 ޖަނަވަރީ 2024 - 04:11 0
ތަރައްގީގެ މަގުގައި ޗައިނާ ވާނީ ރާއްޖޭގެ އެންމެ ގާތް އެކުވެރިޔާ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ސިފަކުރައްވައިފި އެވެ.
ދެ ގައުމުގެ ވިޔަފާރީގެ ގުޅުން ވަރުގަދަ ކުރުމަށްޓަކައި ޗައިނާގައި މިއަދު ބޭއްވި "އިންވެސްޓް މޯލްޑިވްސް 2024" ފޯރަމްގައި ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ފުރަތަމަ ފުރަމާނަ ދަތުރުގައިި ޗައިނާއަށް ވަޑައިގެންނެވުމަކީ ޗައިނާގެ ރައީސް ޝީޖިންޕިން އާއި އެ ގައުމުގެ ރައްޔިތުން، ރާއްޖެއާ މެދު ބަހައްޓާ ގާތްކަމުގެ ހެއްކެއް ކަމަށެވެ.
"އަޅުގަނޑުމެންނަށް އެއްވެސް ޝައްކެއް ނެތް ޗައިނާ ވާނީ ތަރައްގީގައި އަޅުގަނޑުމެންގެ އެންމެ ގާތް ބައިވެރިޔާއަށް ކަމާ މެދު،" ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ޗައިނާއަށް ވަޑައިގެންނެވީ އިއްޔެ ރޭގެ ވަގުތެއްގަ އެވެ. އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ އިސް ގިނަ އޮފިޝަލުންތަކަކާއި ބައެއް ވިޔަފާރިވެރިން ވެސް ވަޑައިގެންނެވި އެެވެ.
އިންވެސްޓް މޯލްޑިވްސްގެ ނަމުގައި ފޯރަމެއް ބޭއްވީ ޗައިނާގެ ފޫޖިއާން ޕްރޮވިންސްގެ ވެރިރަށް ފޫޒޯގަ އެވެ.
ޗައިނާ އާއި ރާއްޖޭގެ ގުޅުމަކީ ގަދީމީ ސިލްކްރޯޑްގެ ޒަމާނުއްސުރެ އޮތް ގުޅުމެއް ކަން ފާހަގަ ކުރައްވަައި ރައީސް މުއިއްޒު ވިދާޅުވީ ޗައިނާގެ ރައީސް ޝީ ޖިންޕިން 2014 ވަނަ އަހަރު ފެށްޓެވި ބެލްޓް އެންޑް ރޯޑް އިނިޝޭޓިވްގައި ވެސް އެންމެ ފުރަތަމަ ބައިވެރިވި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށެވެ. ރާއްޖޭގައި މިހައިތަނަށް ހިންގުނު އެންމެ ފާހަގަކޮށްލެވޭ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުނީ އޭގެ ނަތީޖާއެއްގެ ގޮތުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ބެލްޓް އެންޑް ރޯޑް އިނިޝޭޓިވް އަށް ތައުރީފު ކުރައްވަމުން ރަައީސް ވިދާޅުވީ ޗައިނާއަަށް ވަޑައިގެންނެވުމުގެ ކުރިން އެމަނިކުފާނު އިފްތިތާހު ކުރެއްވި ސެންޓްރަލް އެއާޕޯޓް ތަސައްވުރާއި ކޮމާޝަލް ޕޯޓްގެ ތަސައްވުރަކީ އެ ބެލްޓް އެންޑް ރޯޑް އިނިޝޭޓިވް އާ ގުޅޭ މަަޝްރޫއުތައް ކަމަށެވެ.
ޗައިނާ އާއި އެކު ރާއްޖޭން ސޮއިކޮށްފައިވާ ފްރީ ޓްރޭޑް އެއްބަސްވުމަށް ވެސް އެމަނިކުފާނު ތައުރީފުކުރެއްވި އެވެ. އަދި ވިދާޅުވީ އެ އެއްބަސްވުން ވަރަށް އަވަހަށް ތަންފީޒުކުރައްވާނެ ކަމަށެވެ.
50.00%
0.00%
50.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment