Advertisement

އިސްތިއުފާއެއް ނުދެން، އުޅެނީ ނަން ހަޑިކުރަން: އަޒްމީން

7 ޖަނަވަރީ 2024 - 22:43 0


އިސްތިއުފާއެއް ނުދެން، އުޅެނީ ނަން ހަޑިކުރަން: އަޒްމީން

7 ޖަނަވަރީ 2024 - 22:43 0

ކްލަބް ވެލެންސިއާގެ ޗެއާމަންގެ މަގާމުން އިސްތިއުފާދީފައިނުވާނެ ކަމަށާއި އެފްއޭއެމް އިންތިހާބާ ދިމާކޮށް ބަޔަކު އުޅެނީ އޭނާގެ ނަން ހަޑިކުރަން ކަމަށް ވެލެންސިއާގެ ޗެއާމަން، އަބްދުﷲ އަޒްމީން ވިދާޅުވެއްޖެ އެވެ.

މި މަހު 31 ވަނަ ދުވަހު އެފްއޭއެމް އިންތިހާބު ބާއްވަން ތާވަލުކޮށްފައިވާއިރު، ވެލެންސިއާ އިން ވަނީ އިންތިހާބުގައި ވާދަކުރާ ދެ ކެންޑިޑޭޓުން، އެފްއޭއެމްގެ ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) އާއި ކްލަބް އީގަލްސްގެ ވައިސް ޗެއާމަން، މުފާވިޒް ހާޝިމް (މުފާ) އަށް ވެސް ތާއީދު ސިޓީ ދީފަ އެވެ.

ކޮންމެ ކްލަބަކަށް ތާއީދު އެއް ސިޓީ ދެވޭ ގޮތަށް ގަވާއިދު އޮތްއިރު، ތޯރިގަށް ތާއީދު ސިޓީ ދިނީ އަޒްމީން ސޮއިކޮށްފަ އެވެ. މުފާ އަތުގައި އޮތް ސިޓީ އަކީ ވެލެންސިއާގެ ވައިސް ޗެއާމަން، އިލްމާއު ހުސެއިން (މައު) ސޮއިކޮށްފައިވާ ސިޓީ އެކެވެ.

މައު އާއި ވެެލެންސިއާގެ ބޯޑް މެމްބަރު، ހަސަން ވަހީދު (ދޮނާ) މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަޒްމީންގެ މައްޗަށް ވަނީ ގިނަ ތުހުމަތުތަކެއް ކޮށްފަ އެވެ.

އެފްއޭއެމް އިންތިހާބާ ދިމާކޮށް، ވެލެންސިއާގައި ދެ ފެކްޝަނެއް އުފެދިފައިވާއިރު، އަޒްމީން ވަނީ މިރޭ ބަޔާނެއް ނެރެ، ދޮނާ އާއި މައު ދެއްކި ވާހަކަތައް ކުށްވެރިކޮށްފަ އެވެ.

އަޒްމީން ނެރުނު ބަޔާނުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައި އޮތީ ހަތަރު ކަމެކެވެ. އެއް ކަމަކީ، ވެލެންސިއާގެ އީމެއިލް މެދުވެރިކޮށް، އެފްއޭއެމްގެ އެކްޓިން ޖެނެރަލް ސެކްރެޓަރީ، ޖައުޝަން ޝަރީފް (ޖައު) އަށް ފޮނުވާފައިވާ އަޒްމީންގެ އިސްތިއުފާ ސިޓީއަކީ ސައްހަ ނޫން ސިޓީއެއް ކަމާއި އަޒްމީންގެ އިތުބާރު ނެތް ކަމަށް ފާސްކުރި ކަމަށް ބުނާ ކަންކަމުގައި އިޖުރާތެއް ފުރިހަމަ ނުކުރާއިރު، އެއީ ހަގީގަތެއް ނޫން ކަމަށެވެ. އޭގެ އިތުރުން، ވެލެންސިއާގެ ބޯޑުގެ ނިންމުމާ ދެކޮޅަށް ތޯރިގަށް ސިޓީ އެއް ދިން ކަމަށް ބުނާ ވާހަކަ އަޒްމީން ވަނީ ދޮގުކޮށްފަ އެވެ.

ވެލެންސިއާ ނަން ބޭނުންކޮށްގެން ނާޖާއިޒް ފައިދާނަގާފައި ނުވާކަމުގެ ޔަގީންކަން އަރުވައި، އަޒްމީން ވަނީ އީމެއިލްގެ ކަންކަން ހިނގައިދިޔަ ގޮތް ވެސް އޮޅުން ފިލުވައިދީފަ އެެވެ.

ވެލެންސިއާގެ ސަޕޯޓަރެއްގެ ގޮތުގައި ކުރިން ހުރި، އަޒްމީން މި ވަގުތު ޗެއާމަންގެ ގޮތުގައި ހުރިއިރު ގިނަ ތުހުމަތުތަކެއް ވަނީ އަމާޒުވެފަ އެވެ.

އަޒްމީން، މިރޭ ވިދާޅުވީ ވެލެންސިއާގެ ހިންގުމަށް އޭނާ އައީ މިދިޔަ އަހަރު މާޗް މަހު، ޖެނެރަލް ސެކްރެޓަރީއެއްގެ ހައިސިއްޔަތުން ކަމަށެވެ. އަދި އެ ކްލަބްގެ ރައީސެއްގެ ގޮތުގައި އޭނާ އިންތިހާބު ކުރީ މިދިޔަ މަހުގެ 11 ވަނަ ދުވަހު ކަމަށް ވެސް އަޒްމީން ވިދާޅުވި އެވެ.

"ވެލެންސިއާގެ ރައީސް / ޗެއާމަންކަމުން އިސްތިއުފާ ދިނުމުގެ ގޮތުން ވެލެންސިއާގެ ބޯޑުގެ އެއްވެސް މެމްބަރަކަށް އަޅުގަނޑު ސިޓީ ފޮނުވާފައިނުވާނެ އެވެ،" ބަޔާނުގައި އަޒްމީން ވިދާޅުވި އެވެ.

ނޫސްވެރިކަމުގައި ގިނަ އަހަރުތަކެއް ހޭދަކޮށްފައިވާ އަޒްމީން ވިދާޅުވީ ވެލެންސިއާގެ ހިންގާ ގަވާއިދުގެ 10 ވަނަ މާއްދާގެ ދަށުން ހެދިފައިވާ ހިންގާ ކޮމިޓީގެ ގަވާއިދުގައި ބުނެފައިވަނީ ހިންގާ ކޮމިޓީގެ ޖަލްސާއެއް އެންމެ އަވަހަށް ވެސް ބޭއްވޭނީ އެކަމަށް އެދި މެމްބަރުން ޗެއާމަނަށް ދެންނެވުމުން މަދުވެގެން 24 ގަޑިއިރުގެ ތެރޭގައި ކަމަށެވެ.

އެހެން ނަމަވެސް މިދިޔަ މަހުގެ 26 ވަނަ ދުވަހުގައި ވެސް އަދި އޭގެ ފަހުން ވެސް، ވެލެންސިއާގެ އެއްވެސް މެމްބަރަކު ކޮމިޓީގެ ޖަލްސާއެއް ބޭއްވުމަށް އެދިފައިނުވާ ކަމަށެވެ.

"(މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމުގައި) ޕްރެސް ކޮންފަރެންސްގައި ނައިބް ރައީސް އިލްމާއު ހުސައިން ވެސް ވިދާޅުވެފައިވަނީ 26 ވަނަ ހިންގާ ކޮމިޓީ އެއްކުރަން އެދިފައިވަނީ އެފްއޭއެމުގެ ރައީސް ބައްސާމް އަދީލް ކަމަށެވެ. ބައްސާމަކީ ވެލެންސިއާގެ ހިންގާ ކޮމިޓީގެ މެމްބަރެއް ނޫނެވެ. އަދި އެ ދުވަހު އިލްމާއު އަށް ގުޅައި، އިސްތިއުފާގެ ވާހަކަ ދައްކާފައިވާ ކަމަށް ބުނެ އާއްމުކޮށްފައިވަނީ ހަގީގަތާ ޚިލާފު ވާހަކަ އެކެވެ. މީގެ އިތުރުން އަޅުގަނޑު މަގާމުން އިސްތިއުފާ ދީފައިވާނަމަ، އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަންޖެހޭ ސަބަބެއް ސާފުނުވާކަން ވެސް ޕްރެސް ކޮންފަރެންސް އިން ފާހަގަވި އެވެ،" ހިންގާ ކޮމިޓީގެ އަނެއް މެމްބަރުން ދައްކާ ވާހަކަތަކުގައި ހަގީގަތެއް ނެތްކަން ފާހަގަކޮށް އަޒްމީން ވިދާޅުވި އެވެ.

އެފްއޭއެމްގެ އިންތިހާބުގައި ވެލެންސިއާ އިން ކަންތައް ކުރާނެ ގޮތެއް ނިންމަން ހިންގާ ކޮމިޓީން މިދިޔަ މަހުގެ 25 ވަނަ ދުވަހު ބައްދަލުވުމެއް ބޭއްވި އެވެ. އެ ބައްދަލުވުމުގައި ނިންމީ ވެލެންސިއާ އަށް އެންމެ ރަނގަޅު ގޮތެއް ވާނެ ގޮތެއްގެ މަތިން އިންތިހާބުގައި ކުރިއަށް ގޮސް، ކޮންމެ ރައީސެއް އައި ކަމުގައި ވިޔަސް، އެއްބާރުލުން ދިނުމަށް ކަމަށެވެ.

"މި ގޮތަށް ނިންމީ ކުލަބު މިވަގުތު އޮތް ހާލަތުގެ ގޮތުންނެވެ. ވެލެންސިއާއަކީ ދިވެހި އަދި ބިދޭސީ ކުޅުންތެރިން ވެސް ރަޖިސްޓަރީ ނުކުރެވޭ ގޮތަށް 2022 ވަނަ އަހަރުގެ މެއި މަހުން ފެށިގެން ފީފާއިން ޓްރާންސްފާ ބޭންކޮށްފައިވާ ކުލަބެކެވެ. ކުލަބުގެ ހާލަތު ދުވަހުން ދުވަހަށް ދަށްވެ، މި އަހަރުގެ ސީޒަން ވަކިހިސާބަކުން ހުއްޓާލަންޖެހުނެވެ. މިއީ ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އެއް ކުލަބުގެ ހާލަތު އޮންނަންވީ ގޮތް ނޫން ކަމަށް ސަޕޯޓަރުން ގަބޫލުކުރެ އެވެ،"

އަޒްމީންގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި ވެލެންސިއާ އިން ވަނީ ތޯރިގު އާއި މުފާއާ ވެސް ބައްދަލުކޮށްފަ އެވެ. އަދި އެ ދެ ކެންޑިޑޭޓުންނަށް ވެސް ވެލެންސިއާގެ ހާލަތު އޮޅުންފިލުވައިދިން ކަމަށެވެ.

"މި ގޮތުން ކެނޑިޑޭޓް މުވާފިޒް ހާޝިމް ވިދާޅުވީ އެފްއޭއެމުގެ ރައީސްކަމަށް އިންތިޚާބުވެއްޖެނަމަ ކުލަބަށް އެހީތެރިވެދެއްވާނެ ކަމަށެވެ. ވެލެންސިއާގެ ކުރީގެ ފޯވަޑް، އަހުމަދު ތޯރިގް (ޓޮމް) ވިދާޅުވީ ވެލެންސިއާގެ ހާލަތު ރަނގަޅު ކޮށްދިނުމަށް، އަމަލީގޮތުން ވަގުތުން މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ. މިހެންވެ ބޯޑާއި ވެލެންސިއާގެ މަސްލަހަތު އޮންނަ ފަރާތްތަކުން އެންގިގޮތަށް، ތޯރިގަށް ތާއީދު ކުރަން ނިންމައި ތާއީދު ސިޓީ ދީފައިވާނީ އަޅުގަނޑުގެ ޖެނެރަލް ސެކްރެޓަރީ ކަމުގައި 26 ޑިސެމްބަރ 2023 ގެ ތާރީހުގަ އެވެ،" އަޒްމީންގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

އަޒްމީން ވިދާޅުވީ، ވެލެންސިއާގެ މަސްލަހަތު އޮންނަ ބައެއް ފަރާތްތަކުން ކުރިން އެ ކްލަބުން ނިންމި ނިންމުން ބަދަލުކުރުމަށް ބާރު އަޅައި ކުލަބުގެ ބޯޑަށް ނޭނގި ތާއީދު ސިޓީއެއް އުފައްދައި އެކްސްކޯ މެމްބަރަކު ލައްވައި ސޮއިކުރުވި ކަމަށެވެ.

އެ ގޮތުން، ވެލެންސިއާ އިން ތޯރިގަށް ދިން ސިޓީގައި ސޮއިކުރީ ވެލެންސިއާގެ ޗެއާމަން، އަޒްމީން، ނައިބް މައު، ސްޕޯޓްސް ޑައިރެކްޓަރު އިސްމާއީލް އާސިފް (ކުޑަހީނާ) އަދި ބޯޑުގެ ދެ މެމްބަރުން ކަމަށްވާ މުހައްމަދު ރާފިއު އާއި ޔޫސުފް ރަމީޒް އެވެ.

އަޒްމީން ވިދާޅުވީ އޭގެ ފަހުން، ވެލެންސިއާގެ އިތުރު ސިޓީއެއް ދޭން މަސައްކަތް ކުރާކަން ފާހަގަވުމުން އެކަމަށް އިންކާރުކޮށްފައިވާނެ ކަމަށެވެ.

"އަޅުގަނޑަކީ ގެ އެއް ދެ މީހަކަށް ހިބަކޮށްދޭނެ މީހެއްނޫން، ކަމުގައި ވެސް ބުނީމެވެ. ނަމަވެސް އިތުރު ސިޓީއެއް އުފައްދައި ބޯޑުގެ ފަސް މެމްބަރަކު ލައްވައި ސޮއިކުރުވީ ތޯރިގަށް ސިޓީ ދިންފަހުންނެވެ. މި ދެންނެވި ފަހުން އުފެއްދި ސިޓީގައި ސޮއިނުކުރަނީ އަޅުގަނޑާއި ކުޑަހީނާ އަދި ރާފިއު އެވެ. މިހެންވެ އަޅުގަނޑު ސޮއިކޮށް ދެ ފަރާތަކަށް ސިޓީއެއް ދީފައިނުވާނެ އެވެ. އަދި ހުރިހާ ކަމެއް ވެސް ކޮށްފައިވާނީ ވެލެންސިއާގެ ބޯޑުގައި މަޝްވަރާކޮށް ނިންމާފައިވާ ގޮތަށެވެ،" އަޒްމީން ވިދާޅުވި އެވެ.

އަޒްމީން ވިދާޅުވީ ވެލެންސިއާގެ ބޯޑް މެމްބަރެއްގެ ގޮތުގައި 2015-2018 އަށް އޭގެ ފަހުން، ޖެނެރަލް ސެކްރެޓަރީގެ މަގާމުން ގޮސް، ކްލަބްގެ ޗެއާމަންގެ މަގާމުގައި ހުރެ ވެސް ނާޖާއިޒު އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށެވެ.

"އެފްއޭއެމުގެ އިންތިޚާބާ ދިމާކޮށް މިފަދަ ވާހަކަތައް ގަސްތުގައި ފަތުރަމުންދަނީ ބަޔަކު ބޭނުންހާ ގޮތަކަށް ކަންކަން ނުކުރުމުން، ގަސްތުގައި އަޅުގަނޑު ނަން ހަޑިކޮށްލުމަށް ކަމަށްވާތީވެ މިކަން ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. އަދި ވެލެންސިއާގެ އާއްމު މެމްބަރުންގެ ތާއީދުނެތް ހާލަތުގައި ކުލަބުގައި ދެމިހުރުމަކީ އަޅުގަނޑު ކުރާނެކަމެއްނޫން ކަމުގައި ވެސް ދަންނަވެމެވެ،" އަޒްމީން ބަޔާނުގައި ހާމަކޮށްފައިވެ އެވެ.

ވެލެންސިއާގެ ބޯޑް މެމްބަރު، ދޮނާ، މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ އަޒްމީން ވަނީ ވެލެންސިއާގެ އީމެއިލް، "ހިސޯރުކޮށްފައި" ކަމަށެވެ. އަޒްމީން ވަނީ އެކަން ދޮގުކޮށް، ކަންކަން ހިނގާދިޔަ ގޮތް އޮޅުންފިލުވައިދީފަ އެވެ.

އެ ގޮތުން، އަޒްމީން ވިދާޅުވީ، އޭނާ އަށް ވެލެންސިއާގެ އީމެއިލްގެ އެކްސަސް ލިބުނީ 2022 ވަނަ އަހަރުގެ އޭއެފްސީ ކަޕްގެ ކޮލިފައިން ބުރުގައި ބަންގްލަދޭޝަށް މެޗު ކުޅެން ވެލެންސިއާ ޓީމަށް ނުފުރުނު ހިސާބުން ކަމަށެވެ،. އެއީ ވެލެންސިއާގެ އެޑްމިނިސްޓްރޭޓިވް ކަންކަން ކުރާނެ ފަރާތެއް ނެތިގެން، ކްލަބް ލައިސަންސްގެ ކަންކަން ފުރިހަމަ ނުވެއްޖެނަމަ، އެ ޓީމަށް ލީގު ނުކުޅެވިދާނެތީވެ، ކަންކަން ރަނގަޅުކުރުމަށް ކަމަށެވެ.

"އަޅުގަނޑަށް މެއިލްގެ އެކްސެސް ލިބުނުއިރު ވެސް މިއީ ކުލަބުގެ ވަރަށް ގިނަ ބައެއްގެ އަތުގައި ޕާސްވޯޑް އޮންނަ މެއިލް އެކެވެ. ޕާސްވޯޑް ބަދަލުކުރީ އަޅުގަނޑު އިސްތިއުފާ ދިންކަމަށް މެއިލްއެއް ފޮނުވައި އެ މެއިލް ޑިލީޓްކުރިކަމުގެ މައުލޫމާތު ލިބުމުން 31 ޑިސެމްބަރ 2023ގަ އެވެ. އޭގެ ކުރިން ޕާސްވޯޑް ބަދަލުނުކުރީ އަޅުގަނޑާއި ހިންގާ ކޮމިޓީގެ ދެން ތިބި މެމްބަރުންނަކީ ވެސް ކުލަބަށް ހުސްވެގެން ތިބި ބަޔަކަށް ނުވުމުން ކުލަބުގެ މަސައްކަތްތަކުގައި ލުއިފަސޭހަކަން ބޭއްވުމަށް ހުރިހާ މެމްބަރުން ވެސް ބޭނުން ވުމުންނެވެ،" އަޒްމީން ވިދާޅުވި އެވެ.

ވެލެންސިއާ އިން ތާއީދު ދެ ސިޓީއެއް ދެ ކެންޑިޑޭޓުންނަށް ދިން މައްސަލައިގައި، އަމަލުކުރާނެ ގޮތެއް ކަނޑައަޅަން، ގާނޫނީ ލަފާ ހޯދަން އެފްއޭއެމްގެ އިލެކްޓޯރަލް ކޮމިޓީން ވަނީ އޭއެފްސީ އަށް ހުށަހަޅައިފަ އެވެ. އަދި އެކަމުގައި އިލެކްޓޯރަލް ކޮމިޓީން ޖަވާބަކަށް އެދިފައިވަނީ މި މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށެވެ. ކޮމިޝަނާ އޮފް ސްޕޯޓްސް، މުހައްމަދު ތޮލާލް ވަނީ އެފްއޭއެމްގެ އިންތިހާބުގެ ކަންކަން މަޑުޖައްސާލަން އަންގައިފަ އެވެ. އެކަމަކު، އެ އަށް އަމަލުނުކޮށް، އެފްއޭއެމް އިން އަންނަނީ އިންތިހާުބުގެ ކަންކަން ކުރިއަށް ގެންދަމުންނެވެ.