Advertisement

އަނިޔާއާ ހެދި ނަޑާލް އޮސްޓްރޭލިއަން އޯޕަންގައި ނުފެންނާނެ

7 ޖަނަވަރީ 2024 - 17:36 0


އަނިޔާއާ ހެދި ނަޑާލް އޮސްޓްރޭލިއަން އޯޕަންގައި ނުފެންނާނެ

7 ޖަނަވަރީ 2024 - 17:36 0

ސިޑްނީ (ޖެނުއަރީ 7) - ބްރިސްބޭން އިންޓަނޭޝަނަލް މުބާރާތުގައި ކުޅެނިކޮށް އުނަގަނޑަށް އަނިޔާވެ، ސްޕެއިންގެ މަޝްހޫރު ޓެނިސް ތަރި، ރަފެއަލް ނަޑާލް، އޮސްޓްރޭލިއަން އޯޕަން މުބާރާތުން ވަކިވެއްޖެ އެވެ.

ނަޑާލް، 37, މިދިޔަ އަހަރެއްހާ ދުވަހު ކުޅުމާއި ދުރުގައި ހުރީ އަނިޔާގެ ސަބަބުންނެވެ. އަނިޔާއިން ސަލާމަތްވެ, ނަޑާލް ކުޅުމުގެ ތެރެއަށް އެނބުރި އައީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ. އަދި އަނިޔާއިން ސަލާމަތްވެ ނަޑާލް ބްރިސްބޭން އިންޓަނޭޝަނަލްގައި ކުޅުނު ދެ މެޗު ވެސް ސީދާ ދެ ސެޓުން ވަނީ ކާމިޔާބު ކޮށްފަ އެވެ.

ނަޑާލް ބުނީ އެންމެ ފަހުން ހެދި ޓެސްޓުތަކުން ދައްކާ ގޮތުގައި އުނަގަނޑު ކައިރިން މަސްގަނޑެއް އިރައިގެން ގޮސްފައިވާ ކަމަށެވެ. އަދި އެއީ ކުރިން އޭނާ އަށް އަނިޔާވި މައްސަލައާ ގުޅުންހުރި ކަމެއް ނޫން ކަމަށް ވެސް ނަޑާލް ބުނެފައިވެ އެވެ.

އަނިޔާގެ ސަބަބުން 349 ދުވަހު ކުޅުމާއި ދުރުގައި ހުރުމަށް ފަހު ދާދި ފަހުން އެނބުރި އައި، ނަޑާލް ބުނީ، "އަދިވެސް އެންމެ މަތީ ފަންތީގައި ކުޅުމަށް ތައްޔާރެއް" ނޫން ކަމަށެވެ.

"މިއީ ވަރަށް ހިތާމަވެރި ހަބަރެއް. އަހަރެން އަބަދުވެސް ބޭނުން އެންމެ މަތީ ފަންތީގައި ވާދަކުރަން އަދި އޮސްޓްރޭލިއަން އޯޕަން މުބާރާތަކީ އަހަންނަށް މުހިންމު މުބާރާތެއް" ދެ ފަހަރެއްގެ މަތިން އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކުރި ނަޑާލް ބުންޏެވެ.

މި އަނިޔާގެ ސަބަބުން ނަޑާލަށް އޮސްޓްރޭލިއަން އޯޕަން ގެއްލޭނެކަން މިހާރު ޔަގީންވެފައިވާއިރު, އޭނާގެ މިހާރުގެ އަމާޒަކީ އަންނަ މެއި މަހުގެ 20 ވަނަ ދުވަހު ފަށާ ފްރެންޗް އޯޕަން މުބާރާތުގައި ވާދަކުރުމެވެ. އެ މުބާރާތުގެ ތަށި ނަޑާލް ވަނީ 14 ފަހަރު ކާމިޔާބު ކޮށްފަ އެވެ.

ޖުމްލަ އެކު، 22 ގްރޭންޑް ސްލޭމް ޓެނިސް މުބާރާތުގެ ތަށި އުފުލާލާފައިވާ، ނަޑާލް އަކީ ފްރެންޗް އޯޕަންގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ އެވެ.