ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް؛ މައުމޫން ވިދާޅުވީ އެއްވެސް ސަބަބަކާ ހުރެ ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް -- ފޮޓޯ: އިޔާން/އަދަދު
މަރުގެ އަދަބަށް ތާއީދުކޮށް ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ފަރާތުން މާލޭގެ މޭޔަރުގެ މަގާމަށް ވާދަ ކުރައްވާ އާޒިމާ ޝުކޫރު ވާހަކަ ދެއްކެވުމުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އޭނާއަށް ރައްދު ދެއްވައިފި އެވެ.
މޭޔަރުގެ މަގާމަށް ވާދަ ކުރާ ކެންޑިޑޭޓުންގެ މެދުގައި ރޭ ބޭއްވި ބަހުސުގައި "މަރުގެ އަދަބު ތަންފީޒު ކުރުމަކީ އަޅުގަނޑުމެން ވިސްނަން ޖެހޭ ކަމެއް" ކަމަށް އާޒިމާ ވިދާޅުވުމުން، ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި މައުމޫން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެއީ ތައުލީމީ މީހަކު ދައްކަންވާވަރުގެ ވާހަކައެއް ނޫން ކަމަށެވެ.
"އެއްވެސް ސަބަބަކާހުރެ ރާއްޖޭގައި މަރުގެ އަދަބު ދޭން ފެށުމަކީ ފެންނަ ކަމެއް ނޫން. އަދި އާންމުންގެ ތާއީދު ހޯދުމަށް ތިޔަ ވާހަކަ ދެއްކުމަކީ ތައުލީމީ މީހަކު ކޮށްގެންވާނެ ކަމެއް ވެސް ނޫން،" މައުމޫން ވިދާޅުވި އެވެ.
ރޭގެ ބަހުސްގައި ވާހަކަ ދައްކަވަމުން އާޒިމާ ވިދާޅުވީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާ މީހުންނަށް މަރުގެ އަދަބު ދިނުމުގެ ވިސްނުން ސަރުކާރުން ގެންގުޅެންޖެހޭ ކަމަށާއި މަރުގެ އަދަބު ތަންފީޒު ކުރަން ސަރުކާރުތަކުން ވިސްނަންޖެހޭ ކަމަށެވެ.
"އަޅުގަނޑުމެންގެ ހައްލުތަކަށް ވާނީ ކުށުގެ ވެއްޓާ އެއްގޮތަށް މައްސަލަތައް ހައްލު ކުރުން. ރާއްޖެއަށް ބޮޑެތި އަދަދުތަކުން މަސްތުވާތަކެތި އެތެރެ ކުރާ މީހުންނާ ދޭތެރޭ މަރުގެ އަދަބު ދިނުމުގެ ވިސްނުން ސަރުކާރުތަކުން ވެސް ގެންގުޅެން ޖެހޭ އަދި ހަމައެއާއެކު ބޮޑެތި މައްސަލަތަކުގައި މަރުގެ އަދަބު ތަންފީޒު ކުރުމަކީ އަޅުގަނޑުމެން ވިސްނަން ޖެހޭ ކަމެއް،" އާޒިމާ ވިދާޅުވި އެވެ.
ޑިސެމްބަރު 20، ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މަރުގެ ހުކުމް ތަންފީޒުކުރާނެ ކަމަށް ސަރުކާރުން ވެސް ވަނީ އިއުލާނުކޮށްފަ އެވެ.
"އަޅުގަނޑުމެން އެކަމާ ގުޅޭ ގޮތުން ކުރަންޖެހޭ ކަންކަން އަދި ބަލަންޖެހޭ ކަންކަން ބަލާފައި ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދާއި އިމުގެ ތެރޭގައި އެކަން ކުރާނަން،" ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވި އެވެ.
ސަރުކާރުގެ މި ނިންމުމަށް މައުމޫނު އޭރު ވެސް ފާޑު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ މަރުގެ ހުކުމް ތަންފީޒު ކުރުމަކީ ތަރައްގީގެ އުސް ލަނޑުދަނޑިއެއް ކަމެއް ނުދެނަހުންނެވި ކަމަށެވެ.
މައުމޫނުގެ އެ ވާހަކަތަކާއި ގުޅިގެން ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިންނާއި އާންމުންވެސް އެމަނިކުފާނަށް ފާޑުކިޔާފައިވެ އެވެ.
ބައެއް މީހުންގެ ޕޯސްޓުތަކުގައި ބުނެފައި ވަނީ މިހާރު މިއޮތް ވަރަށް ރާއްޖޭގައި މީހުން މެރުން އާންމުވެފައި މިއޮތީ ވެސް މަރުގެ ހުކުމް ތަންފީޒު ނުކުރާތީ ކަމަށާއި މިތަނުގައި 30 އަހަރު ވެރިކަން ކުރެއްވިއިރު ވެސް އެކަން ނުކުރައްވައި އޮތުމުން މައުމޫންގެ ޒިންމާއެއް ވެސް އެކަމުގައި އެބަ އޮތް ކަމަށެވެ.
ސިލޯނުގެ ޕީޕަލްސް ލިބަރޭޝަން އޮގަނައިޒޭޝަން އޮފް ޓެމިލް އީލާމް (ޕްލޯޓް) ޖަމާއަތުގެ ހަނގުރާމަވެރިންތަކަކާ ގުޅިގެން ނޮވެމްބަރު 3، 1988 ގައި ތަމަޅައިގެން ހަނގުރާމަވެރި ޖަމާއަތަކާ ގުޅިގެން ރާއްޖޭގެ ވެރިކަން ވައްޓާލަން ދިން އުދުވާނީ ހަމަލާގެ އިސް މޭސްތިރީންގެ ގޮތުގައި ތިބި އަބްދުﷲ ލުތުފީ އާއި ސަގަރު އަހުމަދު ނާސިރުގެ މައްޗަށް އޭރު އިއްވި މަރުގެ ހުކުމަށް ރައީސް މައުމޫން ލުއި ދެއްވައި އޭރު ވަނީ 25 އަހަރުގެ ޖަލު ހުކުމަކަށް ބަދަލު ކުރައްވައިފަ އެވެ.
މިވަގުތު މަރުގެ ހުކުމް ތަންފީޒު ކުރުމުގެ މަރުހަލާގައި ހަތަރު މީހަކު އެބަ ތިއްބެވެ. އޭގެ ތެރޭގައި އޮކްޓޯބަރު 1، 2012، ގައި ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގައި މަރުގެ ހުކުމް އިއްވާފައިވާ ހުސެއިން ހުމާމް އަހުމަދު ހިމެނެ އެވެ.
މަރުގެ ހުކުމް ތަންފީޒު ކުރާ މަރުހަލާގައި ދެން ތިބީ ގ. ރީފް، މާލެ، މުހައްމަދު ނަބީލް އާއި މ. މަސްރޫރާ އަހުމަދު މުއްރަތާއި ދަފުތަރު ނަމްބަރު 3912، މުހައްމަދު ޝައިފަން އެވެ.
ނަބީލްއަކީ، ސ. ހުޅުދޫ، ލިލީމާގޭ، އަބްދުﷲ ފަރުހާދު މާޗް 8، 2009، ގައި މަރާލި މައްސަލައިގައި މަރުގެ ހުކުމް އިއްވާފައިވާ މީހެކެވެ. މުއްރަތަށް މަރުގެ ހުކުމް އިއްވީ ވަކީލު އަހުމަދު ނަޖީބު ޖުލައި 1، 2012، ގައި މަރާލި މައްސަލައިގަ އެވެ. ޝައިފަން މަރަން ހުކުމް ކުރީ އޭޕްރީލް 1، 2012، މ. ފެއާރީކޯނާ، އަލީ ޝިފާން މަރާލި މައްސަލައިގަ އެވެ.
ރާއްޖޭގައި އެންމެ ފަހުން މަރުގެ ހުކުމެއް ތަންފީޒު ކުރީ މީގެ 70 އަހަރު ކުރިން 1953 ވަނަ އަހަރެވެ. މަރުގެ ހުކުމް ތަންފީޒު ކުރެވުނީ ހަކީމް ދީދީގެ މައްޗަށެވެ. އޭނާގެ މައްޗަށް ސާބިތުވީ ސިހުރު ހަދައި، ވިހަ ހިކައެއް ލައިގެން ސައި ކައްކައި ހުވަދު އަތޮޅު އަތޮޅުވެރިޔާ ވީރު އަލިދީދީ އަށް އެރުވި ކަމުގެ ކުށެވެ. ހުކުމް ކުރެއްވީ އަބްދުﷲ ޖަލާލުއްދީނެވެ.
Comment