Advertisement

ކެންޑިޑޭޓުންނަށް ޕާޓީ ދުރުކޮށް، ރައްޔިތުން އިސްކުރަން ކެރޭނެތޯ ރައީސް ސުވާލު ކުރައްވައިފި

5 ޖަނަވަރީ 2024 - 23:07 0

ނިމާ ހަސަން

ނިމާ ހަސަން

އާޒިމާގެ ކެމްޕޭން ޖަލްސާގައި ރައީސް މުއިއްޒު ވާހަކަ ދައްކަވަނީ -- ފޮޓޯ: އިޔާން/ އަދަދު


ކެންޑިޑޭޓުންނަށް ޕާޓީ ދުރުކޮށް، ރައްޔިތުން އިސްކުރަން ކެރޭނެތޯ ރައީސް ސުވާލު ކުރައްވައިފި

5 ޖަނަވަރީ 2024 - 23:07 0

ޕާޓީގެ ފިކުރު އެއްފަރާތްކޮށް, ރައްޔިތުންނަށް ހިދުމަތް ކުރުން އިސް ކުރެއްވޭނެތޯ މާލެ މޭޔަރު ކަމަށް ކުރިމަތިލާފައިވާ އިދިކޮޅު ޕާޓީތަކުގެ ކެންޑިޑޭޓުންނާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސުވާލު ކުރައްވައިފި އެވެ.

ޕީއެންސީގެ ފަރާތުން މާލޭ މޭޔަރު ކަމަށް ކުރިމަތިލައްވާ އައިޝަތު އާޒިމާ ޝަކޫރުގެ މެނިފެސްޓޯ އިފްތިތާހުކުރަން ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަަމުން ރައީސް ވަނީ, އެމަނިކުފާނުގެ މޭޔަރު ކަމުގައި ކުރައްވަން ބޭނުންވެވަޑައިގެން, ނަމަވެސް ސަރުކާރުން އެއްބާރުލުން ނުދިނުމުގެ ސަބަބުން ނުކުރެވި ހުރި ކަންކަމަށް އަލިއަޅުއްވާލައްވާފަ އެވެ.

ހާސިލުނުކުރެވުނު ކަންކަން ފާހަގަކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން އައި ލާމަރުކަޒީ ނިޒާމު ޗެމްޕިއަންކޮށް އެ ނިމާޒުގެ ތެރެއިން ކަންކަން ކުރަން ކަމަށެވެ. އެހެންކަމުން, ސަރުކާރަށް ޖެއްސުންކުރަން, ސަރުކާރުގެ ވިސްނުމުގައި ކަންކަން ނުކުރާނެ ކެންޑިޑޭޓަކު މޭޔަރު ކަމަށް އިންތިހާބު ކުރުމަކީ މާލެ ރައްޔިތުންނަށް ބުއްދިވެރި ގޮތް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ތަރައްގީގެ މަޝްރޫއުތައް ކައުންސިލް މެދުވެރިކޮށް ކުރަން ތިއްބާ, ސަރުކާރަށް ޖެއްސުންކުރަން ނުވަތަ އެކުގައި މަސައްކަތް ކުރުމުގެ ވިސްނުން ނެތް ޕާޓީއަކުން މީހަކު މޭޔަރަކަށް ހޮވައިފިއްޔާ ކިހިނެތްތޯ ވާނީ." ރައީސް ވިދާޅުވި އެވެ.

މާލޭ މޭޔަރު ކަމަށް ކުރިމަތިލާފައިވާ ފަސް ކެންޑިޑޭޓުންގެ ތެރޭގައި ހިމެނެނީ ސިޔާސީ ޕާޓީތަކުން ކުރިމަތިލި ތިން ކެންޑިޑޭޓުންނާއި އަމިއްލަގޮތުން ކުރިމަތިލި ދެ ކެންޑިޑޭޓުންނެވެ. ޕީއެންސީގެ އިތުރުން ދެން އިންތިހާބަށް ކުރިމަތިލީ އެމްޑީޕީ އަދި ޑިމޮކްރެޓްސް އެވެ.

އެމްޑީޕީ އަދި ޑިމޮކްރެޓްސްގެ ފަރާތުން ކުރިމަތިލީ ކެންޑިޑޭޓުން ހޮވިއްޖެ ހާލަތަކަށް ވިސްނަވާ ރައީސް ވަނީ ޕާޓީގެ ވިސްނުމާ, މޭޔަރަށް ދެކޮޅުވެވޭނެތޯ ސުވާލު އުފައްދަވާފަ އެވެ. އަދި ސަރުކާރުގެ މާލޭގައި ހިންގަން އުޅޭ މަޝްރޫއަކަށް އެއްބާރުލުން ނުދޭން ޕާޓީން އަންގައިފި ހާލަތެއްގައި މޭޔަރު ކުރައްވާނީ ކީއްތޯ އެމަނިފާނު ސުވާލު އުފެއްދެވި އެވެ.

"ކެރިވަޑައިގަންނަވާނެތޯ ބާކީ މިއޮތް ހައެއްކަ ދުވަސް ތެރޭގައި ރައްޔިތުން ގާތަށް ވަޑައިގެން ދަންނަވަން, ތިމަންނަމެން ޕާޓީ ލައިނުން ކުރިމަތިލައިގެން ތިއްބަސް ޕާޓީ ބުނާ ގޮތެއް ނަހަދާނަމޭ. ރައްޔިތުންނަށް ހިދުމަތް ކުރުމުގައި އިސް ކުރާނީ ތިމަންނަގެ އަމިއްލަ ޝަހްސިއްޔަތޭ. ޕާޓީއަކާ ތިމަންނައަކާ ގުޅުމެއް ނޯންނާނޭ. އެހެން ބުނަން ކެރޭނެތޯ." ރައީސް ސުވާލު ކުރެއްވި އެވެ.

މި މޭރުމުން ވާހަކަ ދައްކަވަމުން ރައީސް ވަނީ ރައްޔިތުންގެ މަޖިލީސް ތެރެއިން ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކަށް އިޝާރާތް ކުރައްވާފަ އެވެ.

"މިއަދު ބައްލަވާ އެމްޑީޕީން މަސައްކަތް ކުރަމުންދާ ގޮތް މަޖިލީހުގައި. ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން ރައްޔިތުން އިންތިހާބު މިކުރަނީ ސަރުކާރެއް. ސަރުކާރުން މަސައްކަތްތައް މިދަނީ ކުރަމުން. އެކަމަކު އަތުގައި މެޖޯރިޓީ އޮތީމައި އަދި ދެން އޮތް ޕާޓީއާ ވެސް ގުޅިގެން ނިޒާމު ފުނޑުފުނޑު ކޮށްލަން މަސައްކަތް މިކުރަނީ." ރައީސް ވިދާޅުވި އެވެ.

އެހެން ނަމަވެސް ރައީސް މުއިއްޒު އަޒުލުކޮށް މަގާމުން ވަކި ކުރަން އިދިކޮޅު އެމްޑީޕީން ނިންމާފައި ނުވާ ކަމަށާއި, އެ ވާހަކަ ގިނައިން ދައްކަނީ ވެސް ސަރުކާރާ ގުޅުން ހުރި ބޭފުޅުން ކަމަށް އެމްޑީޕީން މީގެ ކުރިން ވަނީ ބުނެފަ އެވެ.