Advertisement

އަޒްމީންގެ ނަމުގައި ފޭކް ސިޓީއެއް؛ އޭއެފްސީ އަށް ވެސް އޮޅުވާލުމެއް!

4 ޖަނަވަރީ 2024 - 13:44 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު


އަޒްމީންގެ ނަމުގައި ފޭކް ސިޓީއެއް؛ އޭއެފްސީ އަށް ވެސް އޮޅުވާލުމެއް!

4 ޖަނަވަރީ 2024 - 13:44 0

ކްލަބް ވެލެންސިއާ އިން އެފްއޭއެމް އިންތިހާބުގައި ތާއީދުކުރާނެ ކެންޑިޑޭޓެއް ނިންމިއިރު، ވާދަކުރާ ދެ ކެންޑިޑޭޓުންނަށް ވެސް ތާއީދު ސިޓީ ދިން މައްސަލައިގައި، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އޭޝިއާގެ މައި ފުޓްބޯޅަ އިދާރާ، އޭއެފްސީ އަށް، ވެލެންސިއާގެ ޗެއާމަން، އަބްދުﷲ އަޒްމީން، މަގާމުން އިސްތިއުފާ ދިންކަމުގެ "ފޭކް ސިޓީ" އަކާ ގުޅުވައިގެން ސައްހަ ނޫން މައުލޫމާތެއް ދިން ކަމުގެ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

އެފްއޭއެމްގެ ރައީސް ކަމަށް ކުރިމަތިލާ ކޮންމެ ކެންޑިޑޭޓަކު އަތުގައި ވެސް ފަސް ކްލަބެއްގެ ތާއީދު އޮންނަން ޖެހޭއިރު، އޭގެ ތެރޭގައި ފުރަތަމަ ޑިވިޝަނުގެ އަށް ކްލަބްގެ ތެރެއިން ތިން ކްލަބެއްގެ ތާއީދު އޮންނަން ލާޒިމްކުރެ އެވެ.

މި މަހު 31 ވަނަ ދުވަހު ބާއްވަން ތާވަލުކޮށްފައި އޮތް، އެފްއޭއެމް އިންތިހާބު މަޑުޖައްސާލަން ކޮމިޝަނާ އޮފް ސްޕޯޓްސް، މުހައްމަދު ތޮލާލް އަންގަވާފައިވީ ނަމަވެސްް އެ އަށް އެފްއޭއެމް އިން އަމަލު ކުރާތަނެއް ނުފެނެ އެވެ.

އިއުލާނުކޮށްފައިވާ އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރާ ދެ ކެންޑިޑޭޓުން، އެފްއޭއެމްގެ ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) އާއި ކްލަބް އީގަލްސްގެ ވައިސް ޗެއާމަން، މުފާވިޒް ހާޝިމް (މުފާ) އަތުގައި ވެސް ކްލަބް ވެެލެންސިއާގެ ތާއީދު ސިޓީ އެބައޮތެވެ.

މުފާ އަކީ މިދިޔަ ދެ ދައުރުގައި ވެސް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ހިންގާ ބޯޑުގެ މެމްބަރެކެވެ.

ވެލެންސިއާ އިން ރަސްމީކޮށް، އެފްއޭއެމް އިލެކްޓޯރަލް ކޮމިޓީ އަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ، މި ފަހަރުގެ އިންތިހާބުގައި އެ ކްލަބްގެ ތާއީދު އޮތީ ތޯރިގަަށް ކަމަށެވެ. އަދި ދެން އޮތް ސިޓީ (މުފާ އަތުގައި އޮތް ސިޓީ)ގެ މައްސަލަ ފުލުހުންނާއި ކޮމިޝަނާ އޮފް ސްޕޯޓްސް އަށް ހުށަހަޅާފައިވާ ކަމަށެވެ.

އެކަމަކު، ފުލުހުން ރޭ ބުނީ އެ ފަދަ ސިޓީއެއްގެ މައްސަލަ އަދި ހުށަހަޅާފައި ނެތް ކަމަށެވެ.

މިކަމާ ގުޅޭގޮތުން، ތޯރިގު ވިދާޅުވީ، މުފާގެ ޓީމުން، ވެލެންސިއާގެ ސިޓީ ހޯދީ ފޯޖު ކޮށްގެން ކަމަށެވެ. އެ ތުހުމަތަށް އިންކާރުކުރައްވައި، މުފާ ވިދާޅުވީ، ވެލެންސިއާ ނުލައި ވެސް އޭނާ އަށް ފުރަތަމަ ޑިވިޝަނުގެ ފަސް ކްލަބެއްގެ ތާއީދު އެބައޮތް ކަމަށެވެ.

އިލެކްޓޯރަލް ކޮމިޓީން އަށް ސިޓީއާ މެދު ސީދާ ގޮތެއް ނުނިންމުނު

އިލެކްޓޯރަލް ކޮމިޓީން ބޭއްވި ފުރަތަމަ ބައްދަލުވުމަށް ފަހު، ވެލެންސިއާގެ ދެ ސިޓީގެ މައްސަލައިގައި ހައްލެއް ހޯދަން ގާނޫނީ ލަފައެއް ބޭނުންވާ ކަމަށް ނިންމި އެވެ.

އެ ކަމަށް، އެފްއޭއެމްގެ އިލެކްޓޯރަލް ކޮމިޓީގެ ޗެއާޕާސަން، އަބްދުﷲ އަލީ ވަނީ މިދިޔަ މަހު 31 ވަނަ ދުވަހު، އޭއެފްސީ އަށް ސިޓީއެއް ފޮނުވައިފަ އެވެ. މި ސިޓީ ވަނީ ފީފާ އަށް ވެސް ކޮޕީކޮށްފަ އެވެ.

އޭއެފްސީގެ ޖެނެރަލް ސެކްރެޓަރީ، ދަތުކް ވިންޑްސޯ ޖޯން އަށް، އިލެކްޓޯރަލް ކޮމިޓީގެ ޗެއާޕާސަން، އަބްދުﷲ އަލީ ފޮނުއްވާފައިވާ ސިޓީގައި ބުނެފައިވަނީ، މިދިޔަ މަހުގެ 27 ގައި އެފްއޭއެމް އިންތިހާބަށް ކުރިމަތިލާން މުއްދަތު ހަމަވުމުގެ ކުރިން، ކެންޑިޑެސީ ހުށަހެޅި ދެ ފަރާތް އަތުގައި ވެސް ވެލެންސިއާގެ ތާއީދު ސިޓީއެއް އެބައޮތް ކަމަށެވެ.

އެފްއޭއެމް އިލެކްޓޯރަލް ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި، ވެލެންސިއާގެ މި ސިޓީގެ ކަންކަމުގައި ފާހަގަކުރެވުނު މައްސަލައިގެ ގާނޫނީ ލަފާ ހޯދަން ބޭނުންވާ ކަމަށް ވެސް އިލެކްޓޯރަލް ކޮމިޓީގެ ޗެއާޕާސަން، އަބްދުﷲ އަލީ ވަނީ ސިޓީގައި ހިމަނައިފަ އެވެ.

އެ ގޮތުން، 27 ޑިސެމްބަރު ވަަނަ ދުވަހު، ވެލެންސިއާގެ ބޯޑު މެމްބަރުންގެ ރިޒޮލިއުޝަނަކުން، އެފްއޭއެމް އިންތިހާބުގައި ތޯރިގަށް ތާއިދުކުރަން ނިންމާފައިވާ ކަމަށް، ވެލެންސިއާގެ ޗެއާމަން، އަބްދުﷲ އަޒްމީން ސޮއިކޮށްފައިވާ ސިޓީއެއް އެބައޮތް ކަމަށެވެ.

އެކަމަކު، 26 ޑިސެމްބަރު ދުވަހުގެރޭ، 23:32 ގައި ވެލެންސިއާގެ ޗެއާމަން ކަމުން އަޒްމީން އިސްތިއުފާ ދިން ސިޓީއެއް (ދިވެހިން ލިޔެފައިވާ ސިޓީއެއް) ވެލެންސިއާގެ އީމެއިލުން، އެފްއޭއެމް އެކްޓިން ޖެނެރަލް ސެކްރެޓަރީ، ޖައުޝަން ޝަރީފް (ޖައު) އަށް ލިބިފައިވާ ކަމަށް އިލެކްޓޯރަލް ކޮމިޓީގެ ޗެއާޕާސަން، އަބްދުﷲ އަލީ ވަނީ އޭއެފްސީ އަށް ފޮނުވި ސިޓީގައި ބަޔާންކޮށްފަ އެވެ.

ވެލެންސިއާގެ ޗެއާމަން، އަޒްމީން ސޮއިކޮށް، ވެލެންސިއާ ބޯޑުގެ މެޖޯރިޓީން ނިންމައިގެން، ތާއީދު ސިޓީ ދިން ތޯރިގު، މިއަދު ވިދާޅުވީ، އަޒްމީން، ވެލެންސިއާގެ ޗެއާމަން ކަމުން އިސްތިއުފާ ދިން ކަމަށް ބުނެ، އެފްއޭއެމުން ގެންގުޅެނީ، "ފޭކް ސިޓީއެއް" ކަމަށެވެ.

"ވެލެންސިޔާގެ ޗެއާމަންކަމުން އިސްތިއުފާ ނުދެނިސް، ދިން ކަމަށް ދެއްކުމަށް ސިޓީއެއް އުފެއްދި މައްސަލަ މިއަދު ވަނީ ކޭސް ޕޮލިސް އަށް ހުށަހަޅާފައި. ކުލަބުތަކުގެ ރައީސުންގެ އިސްތިއުފާ ސިޓީ އެފްއޭއެމަށް ހުށަހަޅަންޖެހޭ ކަމަށް ދެކި އަމިއްލަ އަށް ޑޮކިއުމަންޓް އުފައްދައިގެން އުޅުމަކީ ލަތުވެތިކަމެއް،" ތޯރިގު އޭނާގެ ފޭސްބުކް އެކައުންޓްގައި ލިޔުއްވައިފައިވެ އެވެ.

އޭއެފްސީ އަށް ފޮނުވި ސިޓީގައި، އިލެކްޓޯރަލް ކޮމިޓީގެ ޗެއާޕާސަން، އަބްދުﷲ އަލީ، ވަނީ ވެލެންސިއާގެ ބޯޑު މެމްބަރުންގެ ރިޒޮލިއުޝަނަކުން ތާއީދުކޮށް، ވައިސް ޗެއާމަން، އިލްމާއު ހުސެއިން (މައު)، 27 ޑިސެމްބަރުގައި ސޮއިކޮށްފައިވާ، ތާއީދު ސިޓީއެއް، މުފާ އަތުގައި ވެސް އެބައޮތް ކަމަށް ފާހަގަކޮށްފަ އެވެ.

މި މައްސަލައިގައި އިލެކްޓޯރަލް ކޮމިޓީން އަމަލުކުރާނެ ގޮތެއް، ކަނޑައަޅަން އޭއެފްސީން ލަފަޔަކަށް އެދިފައިވަނީ މި މަހުގެ ނުވަ ވަނަ ދުވަހުގެ ކުރިންނެވެ.

މިދިޔަ މަހު 28 ވަނަ ދުވަހު، ކޮމިޝަނާ އޮފް ސްޕޯޓްސް، ތޮލާލް ވަނީ އެފްއޭއެމް އިން ގަވާއިދާ ހިލާފަށް ކަންތައްތަކެއް ކުރަމުން އަންނާތީވެ، އެ ކަންކަން ބެލުމުގެ ގޮތުން، މި މަހު 31 ވަަނަ ދުވަހު ބާއްވަން ތާވަލުކޮށްފައިވާ އެފްއޭއެމްގެ އިންތިހާބުގެ ކަންކަން މަޑުޖައްސާލަން އަންގައިފަ އެވެ.

އެއީ، އެފްއޭއެމްގެ އިންތިހާބުގެ ކަންކަން އޮޅުންފިލުވަން، ކޮމިޝަނާ އޮފް ސްޕޯޓްސް އިން ފޮނުވި ސިޓީ އަށް ދިން ވަގުތުގެ ތެރޭގައި ޖަވާބުދާރީވެފައިނުވާތީ އައި އެންގުމެކެވެ.

އެފްއޭއެމުން ވެލެންސިއާގެ މި ސިޓީގެ ކަންކަމުގައި ވެސް އަދި އަޒްމީންގެ މި އިސްތިއުފާގެ ސިޓީގެ ކަންކަމުގައި ވެސް ސްޕޯޓްސް ކޮމިޝަނަރު ތޮލާލް، އަރިހުން ފުރިހަމަ އަށް ކަންކަން ސާފުކޮށްފައިނުވެ އެެވެ.

މީގެ އިތުރުން، އެފްއޭއެމް އިންތިހާބުގެ ކަންކަން މަޑުޖައްސާލަން ސްޕޯޓްސް ކޮމިޝަނަރު އެންގި ކަމަށް ވެސް އޭއެފްސީ އަދި ފީފާ އަށް އެފްއޭއެމުން މައުލޫމާތު ދީފައިވާކަން އަދި އެނގިފައިނުވެ އެވެ.

އެހެން ނަމަވެސް، "އަދަދު" އަށް އެނގިފައިވާ ގޮތުގައި ވެލެންސިއާ ތާއީދު ސިޓީގެ މައްސަލަ ހޫނުވެގެން އުޅޭ އެންމެ ބޮޑު މައްސަލަ އަކީ، އެ ކްލަބްގެ ތާއީދު ސިޓީގެ މައްސަލައިގައި ތޯރިގާ ދެކޮޅަށް ނިންމަައިފިނަމަ އޭނާގެ ކެންޑިޑެސީ ބާތިލުކުރުމުގެ ބޭނުމެއް އޮތުމެވެ.

އެ ގޮތުން، އަޒްމީންގެ ނަމުގައި، ވެލެންސިއާގެ ޗެއާމަން ކަމުން، އޭނާ އިސްތިއުފާ ދިން ކަމަށް ސިޓީ ތައްޔާރުކޮށްފައިވަނީ ވެލެންސިއާގެ އީމެއިލް އެކްސަސް އޮންނަ ފަރާތެއްކަން ވެސް ވަނީ އެނގިފަ އެވެ.