Advertisement

ކޯޓުގެ ހުކުމް އާޒިމާ ސިފަކުރެއްވީ ޒާތީ ހަމަލާއެއްގެ ގޮތުގައި

2 ޖަނަވަރީ 2024 - 22:50 4

އަހުމަދު އާއިދު

އަހުމަދު އާއިދު

އާޒިމާ ޝަކޫރު : ދަރަނީގެ ހުކުމް އާޒިމާ ސިފަކުރެއްވީ ޒާތީ ހަމަލާއެއްގެ ގޮތުގަ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ކޯޓުގެ ހުކުމް އާޒިމާ ސިފަކުރެއްވީ ޒާތީ ހަމަލާއެއްގެ ގޮތުގައި

2 ޖަނަވަރީ 2024 - 22:50 4

މޯލްޑިވްސް އިސްލާމިކް ބޭންކާއި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރުއާ ދެމެދު ގާއިމުކޮށްފައިވާ "މުޝާރަކާ އެގްރިމެންޓް" އެއްގެ ދަށުން އެ ބޭންކަށް އާޒިމާ ދައްކަން ޖެހޭ ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުދައްކާ އޮތުމުން އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ސިވިލް ކޯޓުން މިއަދު ކުރި ހުކުމަކީ ޒާތީ ހަމަލާއެއްގެ ގޮތުގައި އޭނާ ސިފަ ކުރައްވައިފި އެވެ.

މި ޖެނުއަރީ 13، ގައި އޮންނަ މާލެ ސިޓީ މޭޔަރު އިންތިހާބުގައި ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓުގެ ގޮތުގައި ހުންނެވި އާޒިމާ، މިރޭ ކުރިއަށް ގެންދެވި ކެމްޕޭނު ޖަލްސާއެއްގައި ވިދާޅުވީ އެ ހުކުމް ކުރީ އޭނާގެ ގައިރު ހާޒިރުގައި ކަމަށާއި އޭނާއަކީ އަމިއްލަ މަސައްކަތުން މި ހިސާބަށް އައިއްސަހުރި މީހެއް ކަމަށެވެ.

"މިއަދު އަޅުގަނޑު ޒާތީ ދެ ހަމަލާއެއް ތަހައްމަލު ކޮށްފިން. އޭރުވެސް އަޅުގަނޑު ހުރީ ޑޯޓުޑޯ ގަ ދެ ވަޒީރުން އަރިހުގަ އިނގޭތޯ، އަޅުގަނޑަކާ ނުކުޅެވޭނެ،" އާޒިމާ ވިދާޅުވި އެވެ.

"މިއަދު އަޅުގަނޑު ހަމަ ޒާތީވެލަން ބޭނުން އެ ވަނީ. އަޅުގަނޑާ ދެކޮޅަށް މިއަދު ހުކުމެއް ކުރެވުނު، މަދަނީ މައްސަލައެއްގަ ހުކުމެއް ކުރެވުނު އަޅުގަނޑުގެ ޣައިރު ހާޒިރުގައި."

އެ ހުކުމުގެ ސަބަބުން ސާފު ވަނީ އޭނާ ކުރިން އަދާކުރެއްވި ދައުލަތުގެ އިސް މަގާމުތަމުގެ ނާޖާއިޒު ފައިދާ ނުނަގާކަން ކަމަށާއި އޭނާ އުޅުއްވަނީ އަމިއްލަ މަސައްކަތުން ކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ.

އެ މައްސަލާގައި އާޒިމާ މިރޭ ބަޔާނެއް ވެސް ނެރުއްވާފައިވާއިރު، އެ ބަޔާނުގައި ވިދާޅުވެފައިވަނީ ކޯޓުން ހުކުމް ކޮށްފައިވަނީ އެ ލޯނު އަނބުރާ ދެއްކުން ރީސްޓްރަކްޗާ ކުރުމަށް ބޭންކަށް އޭނާ އިސްވެ ހުށަހަޅާފައި ވަނިކޮށް ކަމަށެވެ. އަދި މިދިޔަ މަހު އެކަމާ ގުޅިގެން ބޭންކާއެކު މަޝްވަރާ ކުރި ކަމަށް ވެސް ބަޔާނުގައި އާޒިމާ ވިދާޅުވެފައިވެ އެވެ.

މިރޭގެ ޖަލްސާގައި އާޒިމާ ވަނީ އޭނާއަށް މިއަދު ޒާތީ ދެ ހަމަލާ އަމާޒުވި ކަމަށް ވިދާޅުވެ، މި ހުކުމާއި އޭނާގެ ދަރއަކާ ގުޅޭ ވާހަކަތަކެއް ފަތުރަމުންދާކަން ފާހަގަކުރައްވާފަ އެވެ. ނަމަވެސް އެފަދަ ކަންކަމާ ގުޅިގެން އޭނާގެ އަޒުމު ނުގުޑާނެ ކަމަށާއި "ޒާތީވާ ނަމަ، ޒާތީ ވާން އިނގޭނެ ކަމަށް" ވެސް އާޒިމާ ވިދާޅުވި އެވެ.