Advertisement

ދުނިޔެ 2023: ފާހަގަކުރެވޭ މުހިއްމު އުސްއަލިތައް

1 ޖަނަވަރީ 2024 - 07:31 0

ގާޒާއިން 20،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައި. -- ފޮޓޯ: ގެޓީ


ދުނިޔެ 2023: ފާހަގަކުރެވޭ މުހިއްމު އުސްއަލިތައް

1 ޖަނަވަރީ 2024 - 07:31 0

ސީރިއާ އާއި ތުރުކީއަށް އައި ބާރުގަދަ ބިންހެލުމުން ފެށިގެން ރަޝިއާގައި ހިންގަން އުޅުނު އަސްކަރީ ބަގާވާތާއި ފަލަސްތީނުގެ ގާޒާގައި ހިންގަމުންދާ ގަތުލުއާއްމު ހިމެނޭ ގޮތަށް 2023 ވަނަ އަހަރަކީ ހަނދާނުގައި ބިންވަޅު ނެގިފައި ހުންނާނެ ފަދަ އެތަކެއް ޝައުގުވެރި އަދި ހިތްދަތި ހާދިސާތަކެއް ދުނިޔޭގައި ހިނގި އަހަރެކެވެ.

ތިރީގައި އެ ވަނީ ފާއިތުވި އަހަރުގެ ތެރޭގައި ހިނގި ބައެއް ފާހަގަކުރެވޭ ހަބަރުތަކުގެ އުސްއަލިތަކެވެ.

ބްރެޒިލްގެ ވެރިކަމަށް އަލުން ލޫލާ

ނިމުނު އަހަރުގެ ޖެނުއަރީ އެއް ވަނަ ދުވަހު ބްރެޒިލްގެ ވައާތު ފިޔައިގެ ކުރީގެ ރައީސް ލޫލާ ޑަ ސިލްވާ އަލުން ވެރިކަމަށް ވަޑައިގެންނެވި އެވެ. އެމަނިކުފާނު ކުރި ހޯއްދެވީ ކަނާއަތު ފިޔައިގެ ރައީސް ޖެއާ ބޮލްސޮނާރޯގެ މައްޗަށް ހަނި ގޮތަކަށް ކުރި ހޯއްދަވައިގެންނެވެ.

މީގެ ކުރިން 2003 އިން 2010 އަށް ވެސް ބްރެޒިލްގެ ރައީސްކަން ކުރެއްވީ ލޫލާ އެވެ. އޭރު އިގުތިސާދީ އަދި އިޖުތިމާއީ ބޮޑު ކުރިއެރުންތަކެއް ގައުމަށް ގެނެސްދެއްވި އެވެ. އެތައް ބަޔަކު ފަގީރުކަމުން އަރައިގަތުމަށް މާލީ އެހީ ފޯރުކޮށްދިނުމުގެ މަގުސަދުގައި ލޫލާ ފެއްޓެވި ޕްރޮގްރާމް އަސްލަކަށް ބަލައިގެން، ދުނިޔޭގެ 20 ގައުމަކުން ފަގީރުންނަށް ހާއްސަ ޕްރޮގްރާމްތައް ހިންގި އެވެ.

ލޫލާ ޑަ ސިލްވާ


އެހެން ނަމަވެސް ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ ކުށުގައި 2018 ވަނަ އަހަރު ލޫލާ ޖަލުގައި ބަންދުކުރި އެވެ. ޖަލުގައި ދޮޅު އަހަރު ހޭދަކުރެއްވުމަށް ފަހު މިނިވަންވީ އެ ހުކުމަކީ ނުހައްގުން ކޮށްފައިވާ ހުކުމެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމުންނެވެ.

ތުރުކީ އާއި ސީރިއާއަށް އައި ބިންހެލުން

ސީރިއާއާ ގުޅޭ ބޯޑަރު ކައިރިން ތުރުކީގެ އެންމެ ދެކުނަށް 7.8 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އައީ ފެބްރުއަރީ ހަ ވަނަ ދުވަހު އެވެ. އޭގެ ގަޑިއިރުތަކެއް ފަހުން އަނެއްކާވެސް 7.5 މެގްނިޓިއުޑްގެ މާރުގަދަ ލޮޅުމެއް ކުރިމަތިވި އެވެ. އިނގިރޭސި ރެޑް ކްރޮސްގެ އެންމެ ފަހުގެ ތަފާސްހިސާބު ދައްކާ ގޮތުން އެ ހާދިސާގައި 55،000 އަށް ވުރެ ގިނަ މީހުން މަރުވެ، 100،000 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެ، އެތަް ލައްކަ ބަޔެއްގެ ގެދޮރު ގެއްލުނެވެ.

ބިންހެލުން އައީ ސީރިއާގެ ދާހިލީ ހަނގުރާމައިން ސަލާމަތްވުމަށް ގިނަ އަދަދެއްގެ ރެފިއުޖީން ދިރިއުޅޭ ހިސާބެއްގަ އެވެ. އެ ކާރިސާއާ ގުޅިގެން މީހުން ސަލާމަތް ކުރުމަށާއި އެހީ ފޯރުކޮށްދިނުމަށް ބައިނަލްއަގުވާމީ ކެމްޕެއިނެއް ހިންގި އެވެ. އެހެން ނަމަވެސް ތުރުކީ ސަރުކާރުން އެކަށީގެންވާ މަސައްކަތް ނުކުރާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ނުރުހުން ފާޅުކުރި އެވެ.

އޭގެ އިތުރުން އިމާރާތް ކުރުމުގައި ގެންގުޅުން ޖެހޭ އުސޫލުތައް ފުރިހަމައަށް ތަންފީޒު ނުކުރުމާއި އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ނެތް ކަމަށް ބުނެ ވެސް ބައެއް ފަރާތްތަކުގެ ފާޑުކިޔުން ތުރުކީގެ ސަރުކާރަށް އަމާޒުވި އެވެ. އެކަމާ ގުޅިގެން ތުރުކީގެ އިދާރާތަކުން ތަހުގީގުތައް ހިންގުމަށް ފަހު 100 އަށް ވުރެ ގިނަ މީހުން ހައްޔަރު ކުރި އެވެ.

ސައުދީ އަރަބިއްޔާ އާއި އިރާނުގެ ގުޅުން ރަނގަޅުވުން

ފާއިތުވި ދިޔަ އަހަރުގެ ތެރޭގައި މެދުއިރުމަތީގެ ގުޅުންތައް ވަރަށް ބޮޑަށް ބަދަލުވި އެވެ. ޑިޕްލޮމެޓިކް ގޮތުން ކުރިއެރުންތަކެއް ހޯދައި، މެދުއިރުމަތީގެ ސުލްހައަށް ފިޔަވަޅުތަކެއް އެޅި އެވެ. ސަރަހައްދީ ދެ ހަތުރުން ކަމުގައިވާ ސައުދީ އަރަބިއްޔާ އާއި އިރާނުން އަހަރުތަކަކަށް ފަހު އަލުން ގުޅުން ގާއިމްކުރަން އެއްބަސްވީ މާޗް 10 ވަނަ ދުވަހު އެވެ.

އެ އެއްބަސްވުމާ ހަމައަށް ދެވުނީ ޗައިނާ މެދުވެރިވެގެން ބޭއްވި މަޝްވަރާތަކަށް ފަހު އެވެ. ދުނިޔޭގައި ހިނގަމުންދާ ބޮޑެތި ހަމަނުޖެހުންތަކުގައި ސައުދީ އަރަބިއްޔާ އާއި އިރާނުން ތާއީދުކުރަނީ ދެ ފަޅިއަށެވެ. ވަކިން ހާއްސަކޮށް ފާހަގަކުރެވެނީ ޔަމަނުގައި ހިންގަމުންދާ ދާހިލީ ހަނގުރާމަ އެވެ.

އެހެންކަމުން ސައުދީ އަރަބިއްޔާ އާއި އިރާނުގެ ގުޅުން ރަނގަޅުވުމުގެ ފައިދާ އެތައް ގޮތަކުން ކުރި އެވެ. އޭގެ އިތުރުން ބޮޑެތި މައްސަލަތަކުގައި އެމެރިކާ ފަދައިން މެދުވެރިއެއްގެ ދައުރު އަދާކުރަން ކެތްމަދުވެފައި ހުރި ޗައިނާއަށް ވެސް މިކަމުން އުއްމީދު އާވި އެވެ.

ޗައިނާ ވައްޓާލުމަށް ފަހު އެންމެ އާބާދީ ބޮޑު ގައުމަކަށް އިންޑިއާ

ޗައިނާ ފަހަތަށް ވައްޓާލުމަށް ފަހު ދުނިޔޭގެ އެންމެ ގިނަ މީހުން ދިރިއުޅޭ ގައުމުގެ ލަގަބު އިންޑިއާއިން ހޯދީ އެޕްރީލް މަހުގެ ތެރޭގަ އެވެ. އެ މަހު ރިކޯޑު ކުރި އިންޑިއާގެ އާބާދީއަކީ 1.429 ބިލިއަން މީހުންނެވެ. އޭރު ޗައިނާގެ އާބާދީއަކީ 1.426 މިލިއަން މީހުންނެވެ.

އދ. އިން އަންދާޒާ ކުރާ ގޮތުގައި ކުރިއަށް އޮތް ތަނުގައި ވެސް އިންޑިއާގެ އާބާދީ ދާނީ އިތުރުވަމުންނެވެ. އެގޮތުން 2064 ވަނަ އަހަރު އާބާދީ އެންމެ މަތިވުމަށް ފަހު ދަށްވާން ފަށާނެ ކަމަށް ލަފާކުރެވެ އެވެ.

ތުރުކީގެ ރައީސްކަމަށް އަނެއްކާވެސް އުރުދުގާން

ހަނި ގޮތަކަށް އިންތިހާބުން ކުރި ހޯއްދަވައިގެން ތުރުކީގެ ރައީސް ތައްޔިބް އުރުދުގާން މަގާމު ދެމެހެއްޓީ މޭ މަހުގެ ތެރޭގަ އެވެ. އުރުދުގާންއަށް މަގާމު ގެއްލޭނެ ކަމަށް ހުޅަނގުގެ އެނެލިސްޓުން ބުނަމުން ދިޔަ ނަމަވެސް، އިންތިހާބުގެ ދެ ވަނަ ބުރުން ކުރި ލިބުނީ ތިން ވަނަ ކެންޑިޑޭޓުގެ ތާއީދާ އެކު އެވެ.

ރަޝިއާ އާއި ޔޫކްރެއިންގެ ހަނގުރާމަ

ރަޝިއާ އާއި ޔޫކްރެއިނުން ކުރަމުންދާ ހަނގުރާމައިގައި ޔޫކްރެއިނަށް ގެއްލުނު ސަރަހައްދުތަކުގެ ކޮންޓްރޯލް އަނބުރާ ހޯދުމަށް ޖޫން މަހުގެ ތެރޭގައި އޮޕަރޭޝަނެއް ފެށި އެވެ. ބަހްމޫތުގެ ކޮންޓްރޯލް ހޯދާފައިވާ ކަމަށް ރަޝިއާގެ ވާގްނާ ގްރޫޕުން އިއުލާން ކުރިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް ކާކޯވްކާ ޑޭމް ފަޅައިގެން ގޮސް ފެންބޮޑުވުމުން އެތައް ހާސް ބަޔަކު އެ ސަރަހައްދު ދޫކޮށް ދާން ޖެހުނެވެ. އޭގެ ސަބަބުން ޒަޕޮރިއްޒިޒިއާ ނިޔުކްލިއާ ޕްލާންޓަށް ބޭނުންވާ ފެން ލިބުމަށް ހުރަސް އެޅި، އެއް ބިލިއަން ޔޫރޯގެ ގެއްލުން ކުރިމަތިވި އެވެ.

ވޮލޮޑިމިރް ޒެލެންސްކީ


ހަނގުރާމައިގައި މަރުވި މީހުންގެ ސައްހަ އަދަދެއް އެއްވެސް ފަރާތަކަށް ނޭނގެ އެވެ. ދެ ގައުމުން ވެސް އެ އަދަދުތައް ގެންގުޅެނީ ސިއްރުކޮށްގެންނެވެ. އެހެން ނަމަވެސް ޔޫކްރެއިންގެ މަދަނީ ގްރޫޕަކުން ބުނީ އެ ގައުމުގެ 30،000 ސިފައިން މަރުވެފައިވާ ކަމަށެވެ. އެމެރިކާގެ މަސްދަރުތަކުން ބުނަނީ ފެބްރުއަރީ 2022 ގައި ހަނގުރާމަ ފެށި ފަހުން ޔޫކްރެއިންގެ 70،000 ސިފައިންނާއި ރަޝިއާގެ 120،000 ސިފައިން މަރުވެފައިވާ ކަމަށެވެ.

ރަޝިއާގައި ހިންގަން އުޅުނު އަސްކަރީ ބަގާވާތާއި ޕްރިގޯޝިން މަރުވުން

ޖޫން މަހުގެ ފަހުކޮޅު މުޅި ދުނިޔެ ސިއްސުވާލީ ކުލީ ސިފައިންގެ ގްރޫޕް ވާގްނާގެ ވެރިޔާ ޔެވްގެނީ ޕްރިގޯޝިން އާއި އޭނާގެ ސިފައިން މޮސްކޯ ހިފަން އުޅޭކަމުގެ ހަބަރުތަކާ އެކު އެވެ. ރަޝިއާ ސަރުކާރުގެ ސިފައިންނާ މެދު ހިތްހަމަނުޖެހި ޕްރިގޯޝިންގެ ފައުޖުން މަގުމައްޗަށް ނިކުމެ މޮސްކޯއާ ދިމާލަށް މިސްރާބު ޖެހި އެވެ.

ބޮޑު އަސްކަރީ ބަގާވާތެއްގެ ފެށުމުގެ ތެރެއިން ރައީސް ލެޑިމިއަ ޕުޓިންގެ ވެރިކަމަށް ޕްރިގޯޝިން ގޮންޖަހަން ފެށުމުން، ރަޝިއާގެ ދާހިލީ ސުލްހައާ މެދު ސުވާލު އުފެދުނެވެ. އެކަމަކު ޕްރިގޯޝިންގެ އެ މަސައްކަތް ފެށިތާ ގަޑިއިރުތަކެއް ތެރޭގައި އަމާން ދީ އަލުން ސަރުކާރަށް ބައިއަތު ހިފި އެވެ. ޕްރިގޯޝިން އާއި އޭނާގެ ސިފައިން ބެލަރޫސްއަށް ދާން ނިންމުމުން، އެ މީހުންނާ ދެކޮޅަށް ދައުވާ ނުކުރާނެ ކަމަށް ސަރުކާރުން ބުންޏެވެ.

އެކަން ހިނގިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް ޕްރިގޯޝިން ދަތުރުކުރަމުން ދިޔަ މަތިންދާބޯޓު ވެއްޓި އޭނާ މަރުވި އެވެ. އޯގަސްޓު 23 ވަނަ ދުވަހު މަތިންދާބޯޓު ވެއްޓުނީ ރަޝިއާގެ ހިސާބަކަށެވެ. ޕުޓިންއާ ދެކޮޅުވެރިވާ ފަރާތްތަކުގެ ނިމުން އަންނަނީ އެކަހަލަ ގޮތަކަށް ކަމަށް ބުނެ، ބައެއް ފަރާތްތަކުން ތުހުމަތު ކުރަނީ ޕްރިގޯޝިންގެ މަރުގެ ފަހަތުގައި ވެސް ހުރީ ޕުޓިން ކަމަށެވެ. އެކަމަކު ރަޝިއާއިން އެ ތުހުމަތު ދޮގުކުރެ އެވެ.

ޓްރަމްޕްއާ ދެކޮޅަށް 91 ދައުވާ

އެމެރިކާގެ ތާރީހުގައި ވެސް ޖިނާއީ ތުހުމަތަކާ ގުޅިގެން ދައުވާއެއް ކުރިމަތިވި އެންމެ ފުރަތަމަ ކުރީގެ ރައީސްގެ ގޮތުގައި ޑޮނަލްޑް ޓްރަމްޕް ވެގެން ދިޔައީ މާޗް މަހު އެވެ. ނިއު ޔޯކްގެ ކޯޓެއްގައި ޖުރީއިން ނިންމީ ވިޔަފާރިއާ ގުޅުން ހުރި ސައްހަ ނޫން ލިޔުންތައް އުފެއްދި ކަމަށާއި ވާހަކަތަކެއް ސިއްރުކުރަން މީހަކަށް ފައިސާ ދިން ކަމަށް ބުނާ މައްސަލައިގައި ދައުވާ ކުރެވޭނެ ކަމަށެވެ.

އޭގެ ފަހުން ޖޫން މަހުގެ ތެރޭގައި ފްލޮރިޑާގައި އިތުރު 40 ދައުވާ ކުރިމަތިވި އެވެ. އެއީ ސަރުކާރުގެ ސިއްރު ލިޔެކިޔުންތަކާ މެދު ފަރުވާކުޑަކޮށް އަމަލުކުރި ކަމަށް ބުނެ އެވެ. ޑިމޮކްރަސީއާ ދެކޮޅު އަމަލު ހިންގި ކަމަށް ބުނެ ވޮޝިންޓަނާއި ޖޯޖިއާގައި ވެސް ޓްރަމްޕާ ދެކޮޅަށް ދައުވާ ކުރަން ނިންމި އެވެ.

ގާޒާގައި ހިންގަމުންދާ ގަތުލުއާއްމު

ގާޒާގައި ވެރިކަން ކުރާ ހަމާސް ޖަމާއަތުގެ އަސްކަރީ ގޮފިން އިސްނަގައިގެން އިޒްރޭލަށް ހަމަލާތަކެއް ދެިނީ އޮކްޓޯބަރު ހަތް ވަނަ ދުވަހު އެވެ. ދެކުނު އިޒްރޭލުގައި މީހުން ދިރިއުޅޭ ހިސާބުތަކަށް ހަމާސްގެ ހަނގުރާމަވެރިން ވަނީ ވަޔާއި، އެއްގަމާއި، ކަނޑުގެ މަގުން ފެށި ބޮޑު އޮޕަރޭޝަނެއްގެ ތެރެއިންނެވެ. އިޒްރޭލުގެ ޖާސޫސީ އިދާރާތައް ފެއިލްވެ، 240 މީހުން ވަނީ ހަމާސްގެ ރަހީނުންގެ ގޮތުގައި ގާޒާއަށް ގެންގޮސްފަ އެވެ.

ގާޒާގެ ގެތައް ބިމާ ހަމަވެފައި


އެ ހަމަލާއަށް ރައްދު ދިނުމަށް ކަމަށް ބުނެ، އިޒްރޭލުގެ ކަނާއަތު ފިޔައިގެ ހަރުކަށި ސަރުކާރުން ނިންމީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތައް ހަރުކަށި ކުރުމަށެވެ. ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ހަނގުރާމަ އިއުލާންކޮށް، ގާޒާގެ ރައްޔިތުންނަށް ސީދާ ހަމަލާތައް ދޭން ފެށި އެވެ.

ގާޒާގެ ރައްޔިތުން އުތުރުން ދެކުނަށް ދިޔުމަށް އެންގުމަށް ފަހު، ގިނަ ބަޔަކު ދެކުނުގެ ރެފިއުޖީ ކޭމްޕަތަކުގައި އުޅެން ފަށާފައި ވަނިކޮށް އެ ސަރަހައްދަށް ވެސް އިޒްރޭލުން ހަމަލާ ދިނެވެ. ގާޒާގެ ހޮސްޕިޓަލްތަލާއި ޔުނިވާސިޓީތަކަށް ގަސްދުގައި ހަމަލާތައް އަމާޒުކުރަމުން ދިޔަ އެވެ.

ކުށެއް ނެތް އެތައް ހާސް ބަޔެއްގެ ލޭއޮހޮރުވަމުން ދިޔަ އިރު، އިޒްރޭލުގެ ގިނަ ބަޔަކު ދިޔައީ އެކަމާ އުފާ ފާޅުކުރަމުންނެވެ. ފަލަސްތީނުގެ ރައްޔިތުންނަށް ހަޖޫ ޖަހައި، އެ މީހުން މަރަން ޖެހޭނެ ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ޕޯސްޓުކުރަމުން ދިޔަ އެވެ. އެކަމުގެ ސަބަބުން ދުނިޔޭގެ ގިނަ ބަޔެއްގެ ނުރުހުން އިޒްރޭލް ރައްޔިތުންނަށް ވެސް އަމާޒުވާން ފެށި އެވެ.

އިޒްރޭލުން ހަމަލާތައް މެދުކަނޑާލަން އެއްބަސްވުމުން ގާޒާއަށް ބޭނުންވާ އިންސާނީ އެހީ ކޮންމެވެސް ވަރަކަށް ފޯރުކޮށްދެވުނެވެ. އަދި ރަހީނުކޮށްފައި ތިބި 100 މީހުން މިނިވަން ކުރުމުން އިޒްރޭލްގެ ޖަލުތަކުގައި ނުހައްގުން ގައިދުކޮށްފައި ތިބި 240 ފަލަސްތީން މީހުން މިނިވަން ކުރި އެވެ. އޭގެ ފަހުން އިޒްރޭލުން އަނެއްކާވެސް ޑިސެމްބަރު އެއް ވަނަ ދުވަހު އަލުން ހަމަލާތައް ފެށި އެވެ.