Advertisement

ސްރީ ލަންކާ މުބާރާތުން ސްވިމިން ޓީމަށް 15 މެޑަލް

31 ޑިސެންބަރު 2023 - 16:40 0


ސްރީ ލަންކާ މުބާރާތުން ސްވިމިން ޓީމަށް 15 މެޑަލް

31 ޑިސެންބަރު 2023 - 16:40 0

ސްރީ ލަންކާގެ ކެންޑީގައި ކުރިއަށްދިޔަ އެ ގައުމުގެ ގައުމީ މުބާރާތުގައި ވާދަކޮށް ރާއްޖޭގެ ސްވިމިން ޓީމުން ވަނީ 15 މެޑަލް ހޯދައިފި އެވެ.

ކެންޑީގެ ހިލްވުޑް ކޮލެޖް ސްވިމިންގް ޕޫލުގައި މި މަހުގެ 26 އިން 30 އަށް ކުރިއަށްދިޔަ މި މުބާރާތުގައި ރާއްޖޭން ވަނީ އެއް ރަން މެޑަލް, ހަ ރިހި މެޑަލް އަދި އަށް ލޯ މެޑަލް ހޯދައިފަ އެވެ.

ރަން މެޑަލް ހޯދީ 100 މީޓަރު ބަޓަފްލައި އިވެންޓުގައި ވާދަކޮށް މެރާލް އައިން ލަތީފް އެވެ. މެރާލް ވަނީ 50 މީޓަރު ބަޓަފްލައި އިވެންޓުން ރިހި މެޑަލް އަދި 100 މީޓަރު ފްރީސްޓައިލް އިވެންޓުން ލޯ މެޑަލް ހޯދައިފަ އެވެ.

ޖޫނިއާ ފެތުންތެރިޔާ، ލޫތު މުހައްމަދު ހުސައިން ވަނީ 200 މީޓަރު ބްރެސްޓް ސްޓްރޯކް އިވެންޓުން ލޯ މެޑަލް ހޯދައިފަ އެވެ. މީގެ އިތުރުން ސީނިއާ ފެތުންތެރިޔާ، މުހައްމަދު ރިހާން ޝިހާމް ވަނީ 400 މީޓަރު އިންޑިވިޖުއަލް މެޑްލީން ލޯ މެޑަލް ހޯދައިފަ އެވެ.

މީގެ އިތުރުން، މުހައްމަދު އާން ހުސައިން ވަނީ 50 މީޓަރު ބަޓަފްލައި އިވެންޓުގައި ވާދަކޮށް ލޯ މެޑަލް ހޯދައިފަ އެވެ.

ދެން ރާއްޖެއިން މެޑަލް ހޯދީ ޓީމު އިވެންޓު ތަކުންނެވެ. އެ ގޮތުން ޖޫނިއާ ފިރިހެން ޓީމުން ވަނީ ހަތަރެއް ގުނަ 100 މީޓަރު މެޑްލީ އިވެންޓުން ރިހި މެޑަލް ހޯދައިފަ އެވެ. އަދި ހަތަރެއް ގުނަ 100 މީޓަރު އިވެންޓުން ރާއްޖޭގެ ސީނިއާ ރިލޭ ޓީމުން ވަނީ ލޯ މެޑަލް ހޯދައިފަ އެވެ.

ޖޫނިއާ ފިރިހެން ޓީމުން ވަނި ހަތަރެއް ގުނަ 100 މީޓަރު ފްރީސްޓައިލް އިވެންޓުން ވެސް ރިހި މެޑަލް ހޯދާފަ އެވެ. އަދި ސީނިއާ ފިރިހެން ޓީމުން ވަނީ ހަތަރެއް ގުނަ 50 މީޓަރު އިވެންޓުން ލޯ މެޑަލް ހޯދައިފަ އެވެ. ސީނިއާ ފިރިހެން ރިލޭ ޓީމުން ވަނީ ހަތަރެއް ގުނަ 200 މީޓަރު ފްރީސްޓައިލް ރޭހުންވެސް ލޯ މެޑަލް ހޯދައިފަ އެވެ. އަދި ޖޫނިއާ ޓީމުން ހަތަރެއް ގުނަ 50 މީޓަރު ރިލޭ އިން ރިހި މެޑަލް ހޯދި އެވެ.

ރާއްޖޭން ދެން ހޯދި މެޑަލް އަކީ ފިރިހެން ރިލޭ ޓީމު ހަތަރެއް ގުނަ 50 މީޓަރު މެޑްލީން ހޯދި ރިހި މެޑަލް އެވެ. އަދި އަންހެން ޓީމުން ވަނީ ހަތަރެއް ގުނަ 50 މީޓަރު މެޑްލީ އިވެންޓުން ރިހި މެޑަލް ހޯދައިފަ އެވެ.

މި މުބާރާތުގެ ދެވަނައަށް އެންމެ ކާމިޔާބު ފިރިހެން ޓީމަކީ ރާއްޖޭގެ ސީނިއާ ޓީމެވެ.