Advertisement

ވިއްސާރާގައި މާލެ އާއި ފަސް ރަށަކަށް އެކި ވަރުގެ ގެއްލުން، ފެން ހިންދަން ސިފައިން ނުކުމެއްޖެ

31 ޑިސެންބަރު 2023 - 12:07 0

މިންހާ އަބްދުﷲ

މިންހާ އަބްދުﷲ

މާލޭ މަގުތަކުގައި ފެން ބޮޑުވެފައި، ރެއިން ފެށިގެން ހުއްޓައި ނުލައި މާލެއަށް ކުރަމުންދާ ވިއްސާރާގައި މާލޭގެ ގިނަ މަގުތަކެއްގައި ފެން ބޮޑުވެފައިވޭ -- ފޮޓޯ: އެންޑީއެމްއޭ


ވިއްސާރާގައި މާލެ އާއި ފަސް ރަށަކަށް އެކި ވަރުގެ ގެއްލުން، ފެން ހިންދަން ސިފައިން ނުކުމެއްޖެ

31 ޑިސެންބަރު 2023 - 12:07 0

ރެއިން ފެށިގެން މުޅި ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި މާލޭގެ އިތުރުން ފަސް ރަށަކަށް އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

އެންޑީއެމްއޭ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ މިހާރު ކުރަމުންދާ ވިއްސާރާގައި ފ. ނިލަންދޫ، ކ. ގުރައިދޫ، ލ. ގަން އަދި ފޮނަދޫ އާއި އައްޑޫ ސިޓީގެ މަރަދޫ އަށް އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ.

"ކ. ގުރައިދޫ ގެ 20 ގެއެއްގައި ފެންބޮޑުވެ 3 ގެއަކުން މީހުން ބަދަލުވެފައިވޭ،" އެންޑީއެމްއޭ އިން ބުނެފައިވެ އެވެ.

ރެއިން ފެށިގެން ހުއްޓައި ނުލައި މާލެއަށް ކުރަމުންދާ ވިއްސާރާގައި މާލޭގެ ގިނަ މަގުތަކެއްގައި ފެން ބޮޑުވެފައިވެ އެވެ.

މަގުތަކުގެ އިތުރުން މާލޭގެ ބައެއްގޭގައި ފެންބޮޑުވެފައި ވާތީ، ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ސިޓީ ކައުންސިލާއި ސިފައިންނާއި ފުލުހުން ގުޅިގެން ކުރަމުން އަންނަ ކަމަށް އެންޑީއެމްއޭ އިން ބުނެ އެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ، ނ އަތޮޅުން ފެށިގެން ވ އަތޮޅަށް އޮތީ މިއަދު މެންދުރު 13:00 އާ ހަމައަށް ރީނދޫ އެލާޓު ވެސް ވަނީ ނެރެފަ އެވެ.

މިއަދު ހެނދުނު ސ. މަރަދޫ, ފަޒާ, ގޭގެ ފުރާޅު މައްޗަށް ބަނބުކެޔޮ ގަހެއް ވެއްޓިގެން، ގަސްކަނޑައި، އެ ސަރަހައްދު ސާފުކުރުމުގައި އެމްއެންޑީއެފުން ވަނީ ހަރަކާތްތެރިވެފަ އެވެ. މި ހާދިސާގައި އެ ގޭގައި ދިރިއުޅޭ އެއްވެސް މީހަކަށް އަނިޔާވެފައި ނުވެ އެވެ.

މީގެ ކުރިން އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގެ މަގުތަކުގައި ފެން ބޮޑުވެ. ބައެއް ގެތަކަށް ގެއްލުން ލިބުމާއި ގުޅިގެން އެ ދެރަށުގެ ގެތަކަށާއި އާއިލާތަކަށް އެންޑީއެމްއޭ އާއި އެކި އިދާރާތަކުން އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.