Advertisement

ރައީސް ވިދާޅުވެފައި އޮތް ގޮތާ ހިލާފަށް ނައިބު ރައީސް ޗައިނާ، ޖެނީވާއަށް ވަޑައިގެންނެވީ ފަސްޓް ކްލާހުގައި

28 ޑިސެންބަރު 2023 - 13:35 2

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު : ނައިބު ރައީސް ފުރަތަމަ ދަތުރުކުރެއްވީވެސް ފަސްޓު ކްލާހުގައި - ފޮޓޯ: ރައީސް އޮފީސް


ރައީސް ވިދާޅުވެފައި އޮތް ގޮތާ ހިލާފަށް ނައިބު ރައީސް ޗައިނާ، ޖެނީވާއަށް ވަޑައިގެންނެވީ ފަސްޓް ކްލާހުގައި

28 ޑިސެންބަރު 2023 - 13:35 2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގައި، ޗައިނާއިން ސުވިޒަލޭންޑުގެ ވެރިރަށް ޖެނީވާއަށް ވަޑައިގެންނެވީ ފަސްޓު ކްލާހުގައި ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ފަސްޓް ކްލާހުގައި ނައިބު ރައީސް ދަތުރު ކުރައްވާފައި މި ވަނީ އެ ފެންވަރުގައި ދަތުރު ނުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިތާ ހަ ދުވަސް ފަހުންނެވެ. ނައިބު ރައީސް ފަސްޓް ކްލާހުގައި ދަތުރު ކުރެއްވީ 353،750ރ. ހަރަދު ކުރައްވައިގެންނެވެ.

ރައީސް ޑރ. މުއިއްޒުގެ ދެކަނބަލުން ތުރުކީއަށް ކުރެއްވި ރަސްމީ ދަތުރު ނިންމާލެއްވުމަށްފަހު ޑިސެމްބަރު 3، ގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ "އަޅުގަނޑު އަދި ނައިބު ރައީސް ވެސް" ފަސްޓް ކްލާހުގައި ދަތުރު ކުރައްވަން ބޭނުންވެވަޑައިނުގަންނަވާ ކަމަށެވެ.

"'ޗީފް އޮފް ސްޓާފް އަދި މިނިސްޓަރަށް ވެސް ދަންނަވާފައި ވާނީ އަޅުގަނޑު އަދި ނައިބު ރައީސް ވެސް ބޭނުމެއް ނޫނޭ ފަސްޓް ކްލާހުގައި ދަތުރު ކުރާކަށެއް. އެކަމަކު މިފަހަރު ބިޒްނަސް ކްލާހަކުން ޓިކެޓެއް ނުލިބުނު. އެހެންވެ މި ބޭފުޅުން ވިދާޅުވެއްޖެ، ތިމަންނަމެންނަކަށް ނެތޭ އިތުރު އެއްވެސް ގޮތެއް، އަޅުގަނޑާ ސެކިއުރިޓީ އޮފިސާ އާއި އެބަ ލާން ޖެހެއޭ ފަސްޓް ކްލާހަށް،" ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ.

ރައީސް އޮފީހުން މިއަދު ހާމަކުރި މައުލޫމާތަށް ބަލާއިރު ނައިބު ރައީސް "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ގައި ބައިވެރިވެވަޑައިގަތުމަށް ޗައިނާއަށް އަދި "ހިއުމަން ރައިޓްސް 75" ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ޖެނީވާއަށް ކުރެއްވި ދަތުރުފުޅަށް ޖުމްލަ 3،189،544.58 ރުފިޔާ ވަނީ ހަރަދުވެފަ އެވެ.

އެގޮތުން ނައިބު ރައީސް އަދި އެމަނިކުފާނުގެ ޑެލިގޭޝަނުގެ ޓިކެޓު ހަރަދަށް ދެ މިލިއަން ހަތަރު ލައްކަ އަށްވުރެ ގިނަ ރުފިޔާ، ޗައިނާ ދަތުރުގެ ހަރަދު ތަކަށް އެއްލައްކަ އަށްޑިހަ ހާސް ރުފިޔާ، އަދި ޖެނިވާ ދަތުރަށް ފަސް ލައްކަ ނުވަދިހަ ފަސް ހާހަށްވުރެ ގިނަ ރުފިޔާ ވަނީ ހަރަދުވެފަ އެވެ.