Advertisement

އުރީދޫ ކަލަންޑަރު 2024: މިފަހަރު ގެނެސްދެނީ ރާއްޖޭގެ އުތުރުން ދެކުނަށް ދުވާ ގޭމެއް!

28 ޑިސެންބަރު 2023 - 14:09 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

ުއުރީދޫ ކަލަންޑަރު 2024 އިފްތިތާހު ކުރުން، މި ކަލަންޑަރުން ގެނެސްދެނީ ރާއްޖޭގެ އުތުރުން ދެކުނަށް ދުވާ ގޭމެއް--


އުރީދޫ ކަލަންޑަރު 2024: މިފަހަރު ގެނެސްދެނީ ރާއްޖޭގެ އުތުރުން ދެކުނަށް ދުވާ ގޭމެއް!

28 ޑިސެންބަރު 2023 - 14:09 0

ރާއްޖޭގެ އުތުރުން ދެކުނަށް ދުވާ ގޭމެއް ހިމަނައިގެން އުރީދޫ މޯލްޑިވްސްއިން އަންނަ އަހަރަށް ތައްޔާރުކުރި ކަލަންޑަރު އިފްތިތާހުކޮށްފި އެވެ.

އުރީދޫ ހެޑްކުއާޓާސް ގައި އިއްޔެ ބޭއްވި ހަފްލާއެއްގައި މި އާ ކަލަންޑަރު އިފްތިތާހު ކޮށްދެއްވީ ދިވެހި ބަހާއި ތާރިހާއި ސަގާފަތާ ބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހީމް އެވެ.

އަންނަ އަހަރަށް އުރީދޫއިން ތައްޔާރުކުރި ކަލަންޑަރާއެކު "އަތޮޅު ދުވުން" ނަމުގައި ހާއްސަ ދުވާ ގޭމެއް ވަނީ ތައާރަފުކޮށްފަ އެވެ. މި ގޭމަކީ، ހުރިހާ އުމުރުފުރާއަކަށް ބައިވެރިވެވޭ ގޮތަށް ރާއްޖޭގައި ތައްޔާރުކުރެވިފައިވާ ފުރަތަމަ "އެންޑްލަސް ރަނާ ޖޯންރާ"ގެ ގޭމެވެ.

އުރީދޫ މޯލްޑިވްސްގެ އެންމެ ފުރަތަމަ އިސްތިހާރު ކަމަށްވާ، "ހަސަނަށް ފޯނެއް"ގެ ދަތުރުގައި މިފަހަރު ރާއީ ދުވެފައި މިދަނީ ރާއްޖޭގެ އުތުރުން ދެކުނަށް ކަމަށްވާއިރު، ކޮންމެ މަހަކު ރާއްޖޭގެ އެއް ރަށް ނުވަތަ ލެވަލެއް އަންލޮކް ވެގެން ދާނެ އެވެ.

މިގޭމުގައި 12 ލެވެލް ހިމެނޭއިރު، ކޮންމެ މަހަކު އާލެވެލެއްގައި އާ ރަށަކަށް ދަތުރުކުރެވޭނެއެވެ. އުރީދޫގެ 2024ގެ ކަލަންޑަރުގައި ސިއްރު އާޓްވޯކް ހިމެނިފައިވާއިރު، މި އާޓްވޯކް ގޭމްގެ ތެރެއިން ހޯދައިގެން ބޯނަސް ލެވެލްއެއް ކުޅުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. މިއަހަރުގެ އުރީދޫ ކަލަންޑަރު އަދި ގޭމް ތައްޔާރުކުރައްވާފައިވަނީ ލޫޕްކްރާފްޓްގެ ހުނަރުވެރި ޓިމުންނެވެ.

މި ހަފްލާގައި ވާހަކަ ދައްކަމުން މިނިސްޓަރު ވިދާޅުވީ އުރީދޫއިން މިފަހަރު ތައާރަފުކުރީ ދިވެހިވަންތަ ގޮތަކަށް ދިވެހި ޒުވާނުންތަކެއް ފަރުމާކޮށް އުފައްދާފައިވާ ކަލަންޑަރު އަދި ގޭމެއް ކަމަށެވެ. އަދި މުނިފޫހިފިލުވުމުގެ މިފަދަ ގޭމުތަކުންވެސް އެކަކު އަނެކަކާ އޮންނަ ގުޅުން ބަދަހިވާ ކަމަށާއި އޭގެ އިތުރުން ކަލަންޑަރު މެދުވެރިކޮށް މި ގޭމުގައި ހިމެނިފައިވާ ރަށްތަކުގެ މައުލޫމާތު ބޭރުގެ އިތުރު ފަރާތްތަކަށް ފޯރުކޮށްދިނުމަށް އެހީވެދޭނެ ކަމަށް ވިދާޅުވި އެވެ.

"އުރީދޫ އަކީ ދިވެހިން އަދި ދިވެހި ބަސް ކުރިއެރުވުމަށްޓަކައި ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏެއް. ދިވެހި ބަހުން އެންމެ ފުރަތަމަ ފަހަރަށް ވައިބާ ސްޓިކާ ތައްޔާރުކޮށް، އުރީދޫގެ ހާއްސަ ރަސްމީ ފޮންޓެއް ވެސް ވަނީ ތައްޔާރު ކޮއްފަ. އެދެނީ ދިވެހިން ކުރިއެރުވުމަށ އަދި ފަންނިއްޔާތު ކުރިއެރުވުމަށް އޫރީދޫ ކުރާ މަސައްކަތުގައި އިތުރު ކުރިއެރުންތައް ލިބުމަށް،" އާދަމް ނަސީރު ވިދާޅުވި އެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވި ގޮތުގައި މި ކަލަންޑަރު އަދި ގޭމަކީ ޒުވާނުންނަށާއި ދިވެހިން ކުރިއެރުވުމަށް އަދި އީޖާދީ ޓެކްނޮލޮޖީ ކުރިއެރުވުމަށް އުރީދޫ މޯލްޑިވްސްއިން ދޭ އަހުމިއްޔަތުކަން ވަރުގަދަ ކުރުމުގެ ހެއްކެކެވެ.

އަދި މި ގޭމަކީ ރާއްޖޭގެ އުތުރުން ދެކުނަށް 12 ރަށުގެ ރީތިކަން ދައްކުވައިދީ، ހުރިހާ އުމުރު ފުރާއަކަށް އަމާޒުކޮށް ތައްޔާރުކުރެވިފައިވާ ގޭމެއް ކަމަށާއި މިއީ ދިވެހިންގެ ފަރާތުން ދިވެހިންނަށް ތައްޔާރުކޮށް ދިވެހިންގެ ހުނަރުވެރިކަށް ފެނިގެންދާނެ ގޭމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ 2024 ގެ ކަލަންޑަރާއި ގޭމްގެ ސަބަބުން އެކަކު އަނެކަކާއި އޮންނަ ގުޅުން ބަދަހިވެ، ގޭމެއްގެ ތެރެއިން ރާއްޖޭގެ ރައްތަށް ބަލާލެވި އިތުރު ރަށްތަކެއްގެ މައުލޫމާތު ފެތުރިގެންދާނެކަމަށް އުއްމީދު ކުރަން." ހާލިދު ވިދާޅުވި އެވެ.

ކަލަންޑަރު ތައްޔާރުކުރި ލޫޕްކްރާފްޓްގެ ސީއީއޯ، މުހައްމަދު ޝަމްހީލްް ބުނިގޮތުގައި އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ކުންފުނީގެ އޯޑިއަންސް ޝައުގުވެރިވާ ކަހަލަ މަސައްކަތެއް ކުރުމަށެވެ. އަދި މިގޭމުގެ ޒަރީއާއިން އުރީދޫ މޯލްޑިވްސްގެ އުފާވެރިކަމާ އެކުވެރިކަން ރަމްޒުކޮށްދެވޭނެ ކަމަށް އުއްމީދުކުރާ ކަމަށް އޭނާ ބުންޏެވެ.