Advertisement

ގަމުގައި އެޅުމަށް ނިންމި ކެންސަރު ހޮސްޕިޓަލް މާލެއަށް ބަދަލު ކުރަން ނިންމުމުން ވިސާމްގެ ކަންބޮޑުވުން

27 ޑިސެންބަރު 2023 - 09:52 2

މިންހާ އަބްދުﷲ

މިންހާ އަބްދުﷲ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް، ގަމުގައި ކެންސަރު ހޮސްޕިޓަލެއް އެޅުމަށް ނިންމައި އެކަމުގެ ބައެއް މަސައްކަތްތައް ނިމިދިޔަ ސަރުކާރުން ކޮށްފައިވޭ - ފޮޓޯ: ރައީސް އޮފީސް


ގަމުގައި އެޅުމަށް ނިންމި ކެންސަރު ހޮސްޕިޓަލް މާލެއަށް ބަދަލު ކުރަން ނިންމުމުން ވިސާމްގެ ކަންބޮޑުވުން

27 ޑިސެންބަރު 2023 - 09:52 2

ކުރީ ސަރުކާރުން ލ. ގަމުގައި އިމާރާތް ކުރަން ނިންމި ކެންސަރު ހޮސްޕިޓަލު މާލެއަށް ބަދަލު ކުރަން ނިންމުމުން، އެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު ވިސާމް އެކަން ކުށްވެރިކޮށްފި އެވެ.

އެކަން ކުށްވެރިކޮށް ވިސާމް ނެރުއްވި ބަޔާނުގައި ވިދާޅުވީ ގަމުގައި އަޅަން ނިންމި ކެންސަރު ހޮސްޕިޓަލު މާލެއަށް ބަދަލު ކުރުމަކީ އަތޮޅު ތެރޭގެ ތަރައްގީއަށް ސަރުކާރުން އިސްކަން ނުދިނުމުގެ ނިޝާނެއް ކަމަށެވެ.

"[ގަމުގައި ހޮސްޕިޓަލް އެޅުމުގެ] ހުރިހާ ކަމެއް ހަމަޖެހިފައިވާ މި ޕްރޮޖެކްޓު މާލެއަށް ބަދަލު ކުރުމަކީ އަތޮޅުތެރެ އާއި ރަށްތަކުގެ ތަރައްގީއަށް މި ސަރުކާރުން އިސްކަން ނުދޭކަން ހާމަވާ ކަމެއް،" ވިސާމް ވިދާޅުވި އެވެ.

ކެންސަރު ހޮސްޕިޓަލް މާލެއަށް ބަދަލު ކުރަން ނިންމިއިރު ގަމުގައި އެ ހޮސްޕިޓަލް އަޅަން ކުރަންޖެހޭ މަސައްކަތްތައް ނިމިފައިވާ ކަމަށް ވެސް ވިސާމް ވިދާޅުވި އެވެ.

"އެ ނިންމުމާއެކު އިންޑިއާގެ ޓާޓާ މެމޯރިއަލް ސެންޓަރުގެ މަންދޫބުން ގަމަށް ވަޑައިގެން ހޮސްޕިޓަލް ގާއިމް ކުރުމަށް ހުރަހެއް އޮތްތޯ ބެލުމަށް ފީސިބިލިޓީ ރިޕޯޓާއި ޑީޕީއާރު ރިޕޯޓު ހަދައި އިންޑިއާގެ ފޮރިން މިނިސްޓްރީން ފާސްކޮށްފައިވޭ،" ވިސާމް ވިދާޅުވި އެވެ.

ކެންސަރު ހޮސްޕިޓަލް ބަދަލު ކުރަން މި ސަރުކާރުން ނިންމީ ޓާޝަރީ ފަރުވާ ނުލިބޭ ސަރަހައްދެއްގައި ކެންސަރު ހޮސްޕިޓަލް އަޅަން ޖެހުމުން ކަމަށް ސަރުކާރުން ބުނެ އެވެ. އެ ވާހަކަ ދޮގުކޮށް، ވިސާމް ބުނީ، އެ ހޮސްޕިޓަލް ގަމުގައި އެޅުމުގެ ބޭނުމުގައި ނިމިދިޔަ ސަރުކާރުން 130 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް ގަމުގައި އެޅުމަށް ޖުލައި 16، 2023 ގައި އެމްޓީސީސީއާ ހަވާލުކޮށްފައިވާ ކަމަށެވެ.

"ގަމުގައި ޓާޝަރީ ހޮސްޕިޓަލް އެޅުމަށް ހަވާލުކޮށްފައި އޮއްވައި އެ ހިދުމަތް ނުލިބޭ ކަމަށް ބުނެ ކެންސަރު ހޮސްޕިޓަލް ބަދަލު ކުރުމުން ސަރުކާރުން ދައްކާ ވާހަކަ ދެކޮޅު ނުޖެހޭ ކަން ހާމަވޭ، މިކަމުގެ ސަބަބުން ގަމުގައި އެޅުމަށް ހަވާލުކޮށްފައިވާ ޓާޝަރީ ހޮސްޕިޓަލް ވެސް އެހެން ރަށަކަށް ބަދަލުކޮށްފާނެ ބިރު އެބައޮތް،" ވިސާމް ވިދާޅުވި އެވެ.

ލ. އަތޮޅު ކަންސިލާއި ގަމު ކައުންސިލާ މަޝްވަރާނުކޮށް މިފަދަ ނިންމުމެއް ސަރުކާރުން ނިންމާފައި ވާތީ އެކަން ވެސް ވިސާމް ކުށްވެރި ކުރެއްވި އެވެ. އެއީ ރައްޔިތުންގެ އެއްވެސް ހިޔާލެއް އަދި މަޝްވަރާއެއް ހޯދަން ބޭނުން ނުވާ ކަމުގެ އަލިގަދަ ހެއްކެއްގެ ގޮތުގައި ވިސާމް ސިފަ ކުރެއްވި އެވެ.

ކެންސަރު ހޮސްޕިޓަލް މާލެއަށް ބަދަލު ކުރުމަކީ ވެރިކަން ކުރާ ރަށަށް ހުރިހާ ބާރެއް މަރުކަޒު ކުރުމުގެ ސަގާފަތް އަލުން އިއާދަ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތެއް ކަމަށް ވެސް ވިސާމް ވިދާޅުވި އެވެ. އަދި ގަމުގައި އަޅަން ނިންމާފައި އޮތް ކެންސަރު ހޮސްޕިޓަލް، މާލޭގައި އަޅަން ނިންމި ނިންމުން ބަދަލު ކުރުމަށް އޭނާ ގޮވާލެއްވި އެވެ.