26 ޑިސެންބަރު 2023 - 10:08 1
ރައްޔާން މުހައްމަދު
26 ޑިސެންބަރު 2023 - 10:08 1
ދުނިޔޭގެ އެންމެ ބޮޑު އެއް، ޗިޕް އުފައްދާ އެމެރިކާގެ ކުންފުނި އިންވިޑިއާ އިން އިޒްރޭލަށް 15 މިލިއަން ޑޮލަރު ހަދިޔާކޮށްފި އެވެ.
އިންވިޑިއާ ކުންފުނީގެ އިސްވެރިންނާއި މުވައްޒަފުންގެ ފަރާތުން މި ފައިސާ ހަދިޔާކޮށްފައި ވަނީ އިޒްރޭލު ސަރުކާރުގެ އިތުރުން އިޒްރޭލަށް އެހީތެރިވެދޭ އެންޖީއޯ ތަކަށެވެ. މިއީ އެ ކުންފުނީގެ 30 އަހަރުގެ ތާރީހުގައި މިފަދަ ކަމަކަށް ހަދިޔާކުރި އެންމެ ބޮޑު އަދަދުކަމަށް އިންވިޑިއާއިން ބުނެ އެވެ.
އިންވިޑިއާއިން ފުރަތަމަ ވަނީ 30 ގައުމެއްގެ މުވައްޒަފުން މެދުވެރިކޮށް ފަސް މިލިއަން ޑޮލަރު ފަންޑްރައިޒްކޮށްފަ އެވެ. އެއަށްފަހު އެ ކުންފުނިން ހިންގި ހާއްސަ ޕްރޮގްރާމެއްގެ ދަށުން ވަނީ އިތުރު 10 މިލިއަން ހޯދައިފަ އެވެ.
މީގެ އިތުރުން އިޒްރޭލުގެ އުތުރާއި ދެކުނުން އިވެކުއޭޓް ވެފައިވާ މީހުންނަށް އެތައް ސަތޭކަ ކޮމްޕިއުޓަރެއް ވެސް ހަދިޔާކޮށްފައިވާ ކަމަށް އިންވިޑިއާ އިން ވަނީ ބުނެފަ އެވެ. އަދި އެ މީހުންނަށް ކާނާ ވެސް ފޯރުކޮށްދީފައި ވާނެ ކަމަށް ބުނެ އެވެ.
ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި ބޭނުންކުރަމުންދާ ޓެކްނޮލޮޖީތަކުގައި ބޮޑު ދައުރެއް އަދާކުރާ އިންވިޑިއާ އަކީ އިޒްރޭލާ ވަރަށް ގާތް ގުޅުމެއް ބާއްވާ ކުންފުންޏެއްކެވެ. އެގޮތުން އިންވިޑިއާއިން ވަނީ އިޒްރޭލުގެ ކުންފުންޏެއް 2019 ގައި 6.9 ބިލިއަން ޑޮލަރަށް ގަނެފަ އެވެ.
ހަމާސްއިން އޮކްޓޯބަރ 7 ގައި އިޒްރޭލަށް ހަމަލާދީފައި ވަނީ އެ ގައުމުގައި އޮތް އޭއައި ސަމިޓަކަށް އިންވިޑިއާގެ ސީއީއޯ ޖެންސެން ހުއަންގެ ދިޔުމަށް ރާވާފައި ވަނިކޮށެވެ. ނަމަވެސް ހަމަލާއާ އެކު އެ ދަތުރު ކެންސަލްކޮށް ހުއަންގް ވަނީ އިޒްރޭލަށް ތާއީދުކުރާކަން ހާމަކޮށްފަ އެވެ.
އިޒްރޭލުގެ ސަރުކާރުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތައް އިތުރަށް ވަރުގަދަ ކުރުމަށް އިންވިޑިއާއިން "ސުޕަ ކޮމްޕިއުޓާ" އެއް ތައްޔާރުކޮށްދޭކަމުގެ އަޑުތަކެއް ވެސް މި ފަހުން ވަނީ ފެތުރިފަ އެވެ. މި ހުރިހާ ސަބަބުތަކާ ހުރެ އެ ކުންފުނި ބޮއިކޮޓްކުރުމަށް ފަލަސްތީނަށް ތާއީދުކުރާ ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment