Advertisement

މިހާރު ރާއްޖޭގައި ތިބި ބިދޭސީން ހަ މަސް ދުވަހުގެ ތެރޭގައި ޗެކް އަޕް ހަދަންޖެހޭނެ

25 ޑިސެންބަރު 2023 - 11:58 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

އައިޖީއެމްއެޗް -- ފޮޓޯ: އަދަދު


މިހާރު ރާއްޖޭގައި ތިބި ބިދޭސީން ހަ މަސް ދުވަހުގެ ތެރޭގައި ޗެކް އަޕް ހަދަންޖެހޭނެ

25 ޑިސެންބަރު 2023 - 11:58 0

މިހާރު ރާއްޖޭގައި ތިބި ބިދޭސީންގެ ތެރެއިން ވޭތުވެދިޔަ އަހަރުގައި މެޑިކަލް ޗެކްއަޕް ހަދާފައިނުވާ މީހުން، ކުރިއަށް އޮތް ހަ މަހުގެ ތެރޭގައި މެޑިކަލް ޗެކްއަޕް ހަދަންޖެހޭނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުالله ނާޒިމް ވިދާޅުވީ ރާއްޖޭއިން ނައްތާލާފައިވާ ބަލިތައް ބިދޭސީންގެ ފަރާތުން ފެންނާތީ މިގޮތަށް ނިންމީ އިއްޔެ އޮތް ކެބިނެޓު ބައްދަލުވުމުގައި ކަމަށެވެ.

ނާޒިމް ވިދާޅުވީ، މިހާރު ރާއްޖޭގައި ތިބި ބިދޭސީންގެ ތެރެއިން ވޭތުވެދިޔަ އެއް އަހަރު ތެރޭގައި މެޑިކަލް ޗެކްއަޕެއް ހަދާފައި ނުވާ މީހުން، ހަ މަސް ދުވަހުގެ ތެރޭގައި ޗެކްއަޕް ހަދައި ނިންމަންޖެހޭނެ ކަމަށެވެ.

މެޑިކަލް ޗެކްއަޕްގެ ނިޒާމު މިހާރަށް ވުރެ ހަރުދަނާކޮށް، ރާއްޖެއަށް ދިގު މުއްދަތަކަށް އަންނަ ބިދޭސީން ރާއްޖެ އަންނަ އިރު، އޮން އެރައިވަލް އަދި މަދުވެގެން އަހަރަކު އެއްފަހަރު މެޑިކަލް ޗެކްއަޕް ހަދަންޖެހޭ ގޮތަށް ނިންމާފައިވާ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

ރާއްޖެ އައުމަށްފަހު މެޑިކަލް ޗެކްއަޕް ހެދުމަށް ބިދޭސީންނަށް މިހާރު ދީފައިވާ 30 ދުވަހުގެ މުއްދަތު 15 ދުވަހަށް ކުޑަ ކުރުމަށް ވެސް ކެބިނެޓުން ވަނީ ނިންމާފަ އެވެ. އަދި ހާއްސަކޮށް އެންޑެމިކް ސަރަހައްދުތަކުން އަންނަ ބިދޭސީން ވިސާ އެކްސްޓެންޑް ކުރަން ބޭނުންވާނަމަ ނުވަތަ އައު ކުރާ ނަމަވެސް، މެޑިކަލް ޗެކްއަޕް ހަދަންޖެހޭ ގޮތަށް ކަނޑައަޅާފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

"މި 15 ދުވަހުގެ ތެރޭގަ ރާއްޖެ އަންނަ ކޮންމެ މީހަކު މެޑިކަލް ހަދާ އެ އޮންނަ އުސޫލުގެ މަތިން ހެލްތް މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެ،" ނާޒިމް ފާހަގަކުރެއްވި އެވެ.

އޭރެއްގެ ހާލަތަށް ރިއާޔަތްކޮށް، ޗެކްއަޕްއަށް ޓެސްޓުތަށް އިތުރުކުރުމުގެ ބާރު ހެލްތް މިނިސްޓްރީއަށް ދިނުމަށް ވެސް އިއްޔެގެ ކެބިނެޓް ބައްދަލުވުމުގައި ވަނީ ފާސްކޮށްފަ އެވެ. އޭގެ އިތުރުން ޗެކްއަޕްތަށް ހެދޭނީ ސަރުކާރުން ކަނޑައަޅާ މިންގަނޑުތަކަށް ފެތޭ ތަންތަނުން ކަމަށް ވެސް ވަނީ ނިންމައިފަ އެވެ.

މީގެ އިތުރުން ރާއްޖޭގައި ގަވާއިދާއި ހިލާފަށް ތިބި ބިދޭސީން ރެގިއުލައިޒް ކުރާއިރު ވެސް ޗެކްއަޕް ހެދުމަށް ލާޒިމްކުރުމަށް ކެބިނެޓުން ނިންމާފައިވާކަމަށް ނާޒިމް ވިދާޅުވި އެވެ.