Advertisement

މެމްބަރުންނާއި އިސް މަގާމުތަކުގެ މުސާރަ ބޮޑުކުރަން ވޯޓު ނުދޭން ޓްރާންސްޕޭރެންސީން ގޮވާލައިފި

25 ޑިސެންބަރު 2023 - 09:37 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ: މެންބަރުންނާއި އިސް މަގާމުތަކުގެ މުސާރަ ބޮޑުކުރަން ނިންމުމުން ނިޔަތާ މެދު ސުވާލު އުފެދޭކަމަށް ޓްރާންސްޕޭރެންސީއިން ބުނޭ -- ފޮޓޯ: މަޖިލިސް


މެމްބަރުންނާއި އިސް މަގާމުތަކުގެ މުސާރަ ބޮޑުކުރަން ވޯޓު ނުދޭން ޓްރާންސްޕޭރެންސީން ގޮވާލައިފި

25 ޑިސެންބަރު 2023 - 09:37 0

މަޖިލިސް މެންބަރުން ހިމެނޭހެން އިސް މަގާމުތަކުގެ މުސާރަ ބޮޑުކުރަން ފާސްކުރި ނިންމުމަށް ވޯޓު ނުދޭން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ގޮވާލައިފި އެވެ.

މަޖިލިސް މެމްބަރުންނާއި އިސް މަގާމުތަކުގެ މުސާރަ ބޮޑުކުރުމަށް މި މަހުގެ 19 ގައި މާލިއްޔަތު ކޮމެޓީން ފާސްކުރުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ރޭ ނެރުނު ބަޔާނުގައި ބުނީ، މިގޮތަށް ފާސްކުރުމުން މެންބަރުންގެ ނަޒާހަތްތެރިކަން އަދި ނިޔަތާ މެދު ސުވާލު އުފެދޭ ކަމަށެވެ.

ރާއްޖޭގައި ތިބި މަސައްކަތްތެރިންގެ އުޖޫރައަށް އަދިވެސް އެދެވޭ ހެޔޮ ބަދަލެއް ނުގެނެވޭކަން ފާހަގަކޮށް، އެކަންކަން ރަނގަޅުކުރުމަށް އިންތިހާބުކޮށްފައި ތިބި މެމްބަރުން އަމިއްލައަށް އެ މެމްބަރުންގެ މުސާރަ ބޮޑުކުރަން ނިންމުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޓްރާންސްޕޭރެންސީން ބުނެ އެވެ.

ޓްރާންސްޕޭރެންސީގެ ހުށަހެޅުންތައް:

  • މެންބަރުންގެ މުސާރައާއި އިނާޔަތް އަމިއްލައަށް ކަނޑަނޭޅޭ ގޮތަށް ގާނޫނު އިސްލާހުކުރުން
  • މާލީ އަދި އެހެނިހެން މަސްލަހަތުތައް ހާމަކުރުމުގެ ބިލު ފާސްކުރުން

މަޖިލީހުގެ މެމްބަރެއްގެ މުސާރައަކީ މިހާރު 62،500ރ. އެވެ. އަދި ކޮމިޓީތަކުގެ ބައްދަލުވުންތަކަށް ވަޑައިގަންނަވާ މެމްބަރުންނަށް 20،000ރ. ގެ އިނާޔަތެއް ލިބިވަޑައިގަންނަވަ އެވެ.

މާލިއްޔަތު ކޮމިޓީއިން ވަނީ މެމްބަރުންގެ މުސާރަ 80،000ރ. އަށް ބޮޑުކުރަން ފާސްކޮށްފަ އެވެ. މި ބަދަލާ އެކު މެމްބަރުންނަށް ކުރިއެކޭ އެއްގޮތަށް ކޮމިޓީ އެލަވަންސް ވެސް ލިބޭނެ އެވެ. ކޮމިޓީ އެލަވަންސާ އެކު މެމްބަރެއްގެ މުސާރައިގެ ގޮތުގައި އެއް ލައްކަ ރުފިޔާ ޖެހެ އެވެ.

މަޖިލިސް މެމްބަރުންގެ އިތުރުން ރައީސާއި ނައިބު ރައީސް އަދި ވަޒީރުންނާއި ކޯޓުތަކުގެ ފަނޑިޔާރުންނާއި ގާޒީންނާއި މެޖިސްޓްރޭޓުންނާއި ސަރުކާރު އިދާރާތަކުގެ ޑިރެކްޓަރުންނާއި ބޯޑު މެމްބަރުންނާއި ސިޓީ ކައުންސިލު މެމްބަރުންގެ އިތުރުން ރަށު ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމަށް ވެސް ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.

ކޮމިޓީން މުސާރަ ބޮޑުކުރަން ފާސްކުރި ގޮތް

  • ރައީސުލްޖުމްހޫރިއްޔާ 120،000ރ.
  • ރައީސުލްޖުމްހޫރިއްޔާގެ ނައިބު - 93،000ރ.
  • ވަޒީރުން - 72،000ރ.
  • ރައްޔިތުންގެ މަޖިލިސް މެންބަރުން - 80،000ރ.
  • މަޖިލީހުގެ ރައީސް - 90،000ރ.
  • މަޖިލީހުގެ ނައިބު ރައީސް - 88،000ރ.
  • އުއްތަމަ ފަނޑިޔާރު - 91،000ރ.
  • ގަވަރުނަރު - 74،000ރ.
  • އޮޑިޓާ ޖެނެރަލް - 74،000ރ.
  • ޕްރޮސެކިއުޓާ ޖެނެރަލް - 74،000ރ.
  • މޭޔަރު - 46،000ރ.
  • ޑެޕިއުޓީ މޭޔަރު- 40،500ރ.
  • ސިޓީ ކައުންސިލް މެންބަރުން 35،000ރ.
  • އަތޮޅު ކައުންސިލް ރައީސް 33،000ރ.
  • ރަށު ކައުންސިލް ރައީސް 25،500ރ.
  • ރަށު ކައުންސިލް ނައިބުން 20،000ރ.
  • ރަށު ކައުންސިލަރުން 18،000ރ.