Advertisement

ނައީޝް ހޯދަން ހިންގާ އޮޕަރޭޝަނުގައި ޑޯނިއާ ބޭނުންނުކުރާ ސަބަބު އެމްއެންޑީއެފުން ނުބުނި

24 ޑިސެންބަރު 2023 - 13:10 1

އަހުމަދު އާއިދު

އަހުމަދު އާއިދު

އިންޑިއާ އިން ހަދިޔާކޮށްފައި އޮންނަ ޑޯނިއާ މަތިންދާ ބޯޓު : ނާއިޝް ހޯދަން ހިންގާ އޮޕަރޭޝަނުގައި ޑޯނިއާ ބޭނުންނުކުރާ ސަބަބު އެމްއެންޑީއެފުން ނުބުނި - ފޮޓޯ: އެމްއެންޑީއެފް


ނައީޝް ހޯދަން ހިންގާ އޮޕަރޭޝަނުގައި ޑޯނިއާ ބޭނުންނުކުރާ ސަބަބު އެމްއެންޑީއެފުން ނުބުނި

24 ޑިސެންބަރު 2023 - 13:10 1

އައްޑޫ ސިޓީގައި އިހި ނަގަން މޫދަށް ފައިބާ އުޅެނިކޮށް ގެއްލުނު މުހައްމަދު ނައީޝް ހޯދަން ހިންގަމުންދާ އޮޕަރޭޝަނުގައި އިންޑިއާ އިން ހަދިޔާކޮށްފައި އޮންނަ ޑޯނިއާ މަތިންދާ ބޯޓު ބޭނުންނުކުރާ ސަބަބު ބުނެވެން ނެތް ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެ އޮޕަރޭޝަނުގައި ވައިގެ މަގުން ބޭނުން ކުރަމުން ދަނީ އައްޑޫގައި ހުންނަ އޭވިއޭޝަން އެކަޑަމީގެ މަތިންދާ ބޯޓެކެވެ. އޮޕަރޭޝަނުގައި އެ ބޯޓު އުދުހުނު ގޮތް ދައްކައިދޭ ގްރާފެއް ސޯޝަލް މީޑިއާގައި ޕޯސްޓުކުރުމުން ބައެއް މީހުން ދަނީ އެ ބޯޓުގައިި މިފަދަ އޮޕަރޭޝަނަކަށް ބޭނުންވާ ވަސީލަތްތައް ހުރި ކަމާމެދު ސުވާލު އުފައްދާފަ އެވެ.

އެ އޮޕަރޭޝަނުގައި ޑޯނިއާ އަދި ހެލިކޮޕްޓަރު ބޭނުން ނުކުރަނީ ކީއްވެތޯ ސުވާލު ކުރުމުން އެމްއެންޑީއެފް އިން ބުނީ އެކަމާމެދު ބުނާނެ އެއްޗެއް ނެތް ކަމަށެވެ.

އޭވިއޭޝަން އެކަޑަމީއިން ބޭނުންކުރި ބޯޓުން އުދުހުނު ގޮތް -


އޭވިއޭޝަން އެކަޑަމީގެ ބޯޓުގައި 'ސާޗް އެންޑު ރެސްކިއު' އޮޕަރޭޝަނަކަށް ބޭނުންވާ ފަދަ ވަސީލަތްތައް ހުރިތޯ އެހުމުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެކަން ޖެހޭނީ "ޗެކް ކޮށްލަން" ކަމަށެވެ.

އެ އޮޕަރޭޝަނުގައި ޑޯނިއާ ބޭނުން ކުރަމުން ނުދާއިރު އިންޑިއާ ސިފައިންގެ ހެލިކޮޕްޓަރު އޮޕަރޭޝަންތަކާއި ޑޯނިއާ މަތިންދާބޯޓުގެ އޮޕަރޭޝަންތައް ހުއްޓާލުމަށް މިހާތަނަށް ސަރުކާރުން އަންގާފައި ނުވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބު ވަނީ މި މަހުގެ 17 ގައި ވިދާޅުވެފަ އެވެ.

އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން ޝަހީބު ވިދާޅުވީ ހެލިކޮޕްޓަރާއި ޑޯނިއާ ބޭނުން ނުކުރަން "އަންގާފައި ނުވޭ" ކަމަށެވެ.

އިންޑިއާއިން ހަދިޔާކޮށްފައިވާ ޑޯނިއާ އަކީ މިފަދަ އޮޕަރޭޝަންތަކަށް ބޭނުންވާ ގިނަ ވަސީލަތްތަކެއް ހިމެނޭ އަދި އެކަމަށް ހާއްސަ ކްރޫއުންގެ ޓީމެއް ހިމެނޭ ބޯޓެކެވެ. މީގެ ކުރިން މިފަދަ އޮޕަރޭޝަންތަކުގައި ބޭނުންކުރަމުން ދިޔައީ އެ ބޯޓެވެ.

އިހި ހިފަން އުޅެނިކޮށް ނައީޝް ގެއްލުނީ މި މަހުގެ 21 ގެ ރޭ 10:45 ހާއިރު އެވެ.

އެމްއެންޑީއެފުން ރޭ ބުނީ މި އޮޕަރޭޝަނުގައި ވައިގެމަގުން 23.46 ސްކޮޔަރ ނޯޓިކަލް މޭލު، ކަނޑުމަގުން 490 ސްކޮޔަރ ނޯޓިކަލް މޭލު އަދި ޑައިވްކޮށްގެން 1 ސްކޮޔަރ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.