Advertisement

ލެވަކޫސަން އަށް ހުއްޓުމެއް ނެތް، ކޭންގެ ވިދުން ފަނޑެއްނުވެ

21 ޑިސެންބަރު 2023 - 10:32 0


ލެވަކޫސަން އަށް ހުއްޓުމެއް ނެތް، ކޭންގެ ވިދުން ފަނޑެއްނުވެ

21 ޑިސެންބަރު 2023 - 10:32 0

މިއުނިކް (ޑިސެމްބަރު 21) - ޖަރުމަނު ލީގުގެ އެއް ވަނައިގައި އޮތް ބަޔާ ލެވަކޫސަނުން ރޭ ކުޅުނު މެޗުގައި ބޮކުމް އަތުން 4-0 އިން މޮޅުވެ މަގާމު ދެމެހެއްޓިއިރު، ހެރީ ކޭންގެ ގޯލާ އެކު ބަޔާން މިއުނިކުން 2-1 އިން ވުލްފްސްބާގު ބަލިކޮށްފި އެވެ.

މި އަހަރަށް ޖަރުމަނު ލީގުގެ ކުޅުން މެދުކަނޑާލިއިރު، މެޗަކުން ބަލިނުވެ އޮތް ލެވަކޫސަން އެއް ވަނައިގައި އޮތީ 16 މެޗުން 42 ޕޮއިންޓާ އެކު އެވެ. ލެވަކޫސަން އަކީ ޖަރުމަނު ފުޓްބޯލަ ތާރީހުގައި ވެސް އާ ސީޒަނެއްގެ ފުރަތަމަ 25 މެޗުން ބަލިނުވެ ނިންމާލި ފުރަތަމަ ޓީމެވެ. އެ ގޮތުން، ޒަބީ އަލޮންސޯގެ ކޯޗުކަމުގައި ކުޅޭ ލެވަކޫސަން އަކީ މި ވަގުތު ޔޫރަޕްގެ ވަރުގަދަ ފަސް ލީގުގެ ތެރެއިން އެންމެ ފޯމުގައި އޮތް ޓީމެވެ.

ލީގުގެ ދެ ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން، ބަޔާނަށް 15 މެޗުން ލިބިފައިވަނީ 38 ޕޮއިންޓެވެ.

ރަށުންބޭރުގައި ކުޅުނު ބަޔާނަށް ރޭގެ މެޗުގެ 33 ވަނަ މިނިޓްގައި ލީޑުނަގައިިދިނީ ތޯމަސް މުލާ ދިން ބޯޅައަކުން ޖަމާލް މުސިއާލާ އެވެ. އޭގެ 10 މިނިޓް ފަހުން، ކޭން، ބަޔާންގެ ދެ ވަނަ ލަނޑު ޖެހީ ވެސް މުލާ ދިން ބޯޅައަކުންނެވެ.

މިއީ މި ސީޒަނުގައި ބަޔާނަށް ބަދަލުވި ކޭން، އެ ޓީމަށް ހުރިހާ މުބާރާތެއްގައި ކުޅުނު 22 މެޗުން ޖެހި 25 ވަނަ ލަނޑެވެ. މީގެ ތެރެއިން، ލީގުގައި ވަނީ 15 މެޗުން 21 ލަނޑު ޖަހައިފަ އެވެ. ކޭން ވަނީ މިހާތަނަށް ވެސް ޖަރުމަނު ލީގުގައި ލަނޑު ޖެހުމުގެ ރެކޯޑްތަކެއް ހަދައިފަ އެވެ. ކޭންގެ އަމާޒުހުރީ ޖަރުމަނު ލީގުގެ އެއް ސީޒަނުގައި 41 ގޯލު ޖަހައިގެން، ރޮބަޓް ލެވަންޑޯސްކީ ހަދާފައިވާ ރެކޯޑް މުގުރާލުމަށެވެ.

ބަޔާންގެ ކޯޗު ތޯމަސް ޓުޗެލް ބުނީ މި ސީޒަނުގައި އެ ޓީމަށް ކޭންގެ ފަރާތުން ހަމައެކަނި ފައިދާކުރަނީ ލަނޑު ޖެހުމުން އެކަނި ނޫން ކަމަށާއި ޑިފެންސް ކުރުމުގައި ވެސް ކޭން ތަފާތު ދައްކަމުން އަންނަ ކަމަށެވެ.

ރޭގެ މެޗުގައި ވުލްފްސްބާގްގެ ހަމައެކަނި ލަނޑު ޖެހި މެކްސިމިލިއަން އާނޯލްޑް އެވެ.

ބޮކުމް ކޮޅަށް ލެވަކޫސަންގެ ޕެޓްރިކް ޝިކް ވަނީ ހެޓްރިކެއް ހަދައިފަ އެވެ. މި މެޗުގައި ލެވަކޫސަންގެ އަނެއް ލަނޑު ޖެހީ ވިކްޓާ ބޮނީފޭސް އެވެ.