Advertisement

ހުލާސާކޮށް އިއްޔެ: މަރުގެ ހުކުމް ތަންފީޒުކުރަން ނިންމުން

21 ޑިސެންބަރު 2023 - 07:42 2

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ރާއްޖޭން ބޭރު ގައުމެއްގައި މަރުގެ ހުކުމް ތަންފީޒުކުރަން ތައްޔާރުކޮށްފައިވާ ރޫމެއް. -- ފޮޓޯ: ގެޓީ އިމޭޖު


ހުލާސާކޮށް އިއްޔެ: މަރުގެ ހުކުމް ތަންފީޒުކުރަން ނިންމުން

21 ޑިސެންބަރު 2023 - 07:42 2

މި ސަރުކާރުން މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމަށް ހޯމް ލޭންޑް މިނިސްޓަރު އަލީ އިހުސާން އިއްޔެ އިއުލާނު ކުރެއްވި އެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އިހުސާން ވިދާޅުވީ މި ސަަރުކާރަކީ މަރުގެ ހުކުމް ތަންފީޒު ކުރަން ނިންމާފައިވާ ސަރުކާރެއް ކަމަށެވެ.

"އަޅުގަނޑުމެން ދިވެހި ސަރުކާރަކީ މިހާރުގެ ސަރުކާރަކީ މަރުގެ ހުކުމް ތަންފީޒު ކުރަން އަޅުގަނޑުމެން ވެސް ހަމަ ނިންމާފައި އޮތް ސަރުކާރެއް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، މަރުގެ ހުކުމް ތަންފީޒު ކުރާނީ ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ގާނޫނާއި ގަވާއިދުގެ އިމުގެ ތެރެއިން ކަމަށެވެ.

"އަޅުގަނޑުމެން އެކަމާ ގުޅޭ ގޮތުން ކުރަންޖެހޭ ކަންކަން އަދި ބަލަންޖެހޭ ކަންކަން ބަލާފައި ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދާއި އިމުގެ ތެރޭގައި އެކަން ކުރާނަން،" އިހުސާން ވިދާޅުވި އެވެ.

މިވަގުތު މަރުގެ ހުކުމް ތަންފީޒު ކުރުމުގެ މަރުހަލާގައި ހަތަރު މީހަކު އެބަ ތިއްބެވެ. އޭގެ ތެރޭގައި އޮކްޓޯބަރު 1، 2012، ގައި ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގައި މަރުގެ ހުކުމް އިއްވާފައިވާ ހުސެއިން ހުމާމް އަހުމަދު ހިމެނެ އެވެ.

މަރުގެ ހުކުމް ތަންފީޒު ކުރާ މަރުހަލާގައި ދެން ތިބީ ގ. ރީފް، މާލެ، މުހައްމަދު ނަބީލް އާއި މ. މަސްރޫރާ އަހުމަދު މުއްރަތާއި ދަފުތަރު ނަމްބަރު 3912، މުހައްމަދު ޝައިފަން އެވެ.

ނަބީލްއަކީ، ސ. ހުޅުދޫ، ލިލީމާގޭ، އަބްދުﷲ ފަރުހާދު މާޗް 8، 2009، ގައި މަރާލި މައްސަލައިގައި މަރުގެ ހުކުމް އިއްވާފައިވާ މީހެކެވެ. މުއްރަތަށް މަރުގެ ހުކުމް އިއްވީ ވަކީލު އަހުމަދު ނަޖީބު ޖުލައި 1، 2012، ގައި މަރާލި މައްސަލައިގަ އެވެ. ޝައިފަން މަރަން ހުކުމް ކުރީ އޭޕްރީލް 1، 2012، މ. ފެއާރީކޯނާ، އަލީ ޝިފާން މަރާލި މައްސަލައިގަ އެވެ.

ރާއްޖޭގައި އެންމެ ފަހުން މަރުގެ ހުކުމެއް ތަންފީޒު ކުރީ މީގެ 70 އަހަރު ކުރިން 1953 ވަނަ އަހަރެވެ. މަރުގެ ހުކުމް ތަންފީޒު ކުރެވުނީ ހަކީމް ދީދީގެ މައްޗަށެވެ. އޭނާގެ މައްޗަށް ސާބިތުވީ ސިހުރު ހަދައި، ވިހަ ހިކައެއް ލައިގެން ސައި ކައްކައި ހުވަދު އަތޮޅު އަތޮޅުވެރިޔާ ވީރު އަލިދީދީ އަށް އެރުވި ކަމުގެ ކުށެވެ. ހުކުމް ކުރެއްވީ އަބްދުﷲ ޖަލާލުއްދީނެވެ.

މަރުގެ އަދަބު ތަންފީޒުކުރުމުގެ މަސައްކަތް ފަހުގެ ތާރީހުގައި އެންމެ ބޮޑަށް ކުރިޔަށް ގެންދެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. ނަމަވެސް އެ ވެރިކަމުގައި ވެސް މަރުގެ ހުކުމެއް ތަންފީޒުނުކުރެ އެވެ.

އެ ވެރިކަން ނިމުމަށް ފަހު ޔާމީން ވިދާޅުވީ މަރުގެ އަދަބު ތަންފީޒުކުރުމަކީ ތާއީދުކުރައްވާ ކަމެއް ކަމަށާއި އެހެން ނަމަވެސް ރާއްޖޭގެ ޝަރުއީ ނިޒާމުގައި ކަންތައްތައް ވަމުން އަންނަ ގޮތަކީ އެކަމަށް އޮތް ހުރަހެއް ކަމަށް ކަމަށެވެ.