21 ޑިސެންބަރު 2023 - 08:20 0
ގައުމީ ބަނޑުފިލާ ޗެލެންޖުގެ ހީޓެއްގައި ބައިވެރިއެއް ރާޅާ އަޅަނީ - ފޮޓޯ: އެމްބީބީއޭ
21 ޑިސެންބަރު 2023 - 08:20 0
ގައުމީ ބަނޑުފިލާ ޗެލެންޖުގެ ފިރިހެެން އޯޕަން ބައިގެ ތިން ވަނަ ބުރުގައި އަލީ ޚުޝްރުވާން އަހުމަދު (ކުޑަ އައްޔަ)، އަލީ ޝާމް ރާފިއު އަދި އިޔާން އަހުމަދު ވާދަކުރަން ޖެހިއްޖެ އެވެ.
ގައުމީ ބޮޑީބޯޑިން ލީގުގެ ފަހު މުބާރާތުގެ އިވެންޓުތައް މިދިޔަ އަންގާރަ ދުވަހު ފެށިއިރު، ފިރިހެން އޯޕަން ބައިގައި ފުރަތަމަ ދެ ބުރުގެ ހީޓުތައް ވަނީ ނިމިފަ އެވެ. ފުރަތަމަ ދެ ބުރުން ފަސް ބައިވެރިއަކު ވަނީ ތިންވަނަ ބުރަށް ކޮލިފައިވެފަ އެވެ.
މި ބައިވެރިންގެ އިތުރުން ދެން ތިން ވަނަ ބުރުގައި ވާދަކުރާނީ ސީޑުކޮށްފައިވާ ގަދަ އަށް ބައިވެރިންނެވެ.
ޖުމްލަ އެކު، 18 ބައިވެރިން ވާދަކުރަމުން އަންނަ ފިރިހެން އޯޕަން ބައިގައި އެންމެ ފޯރިގަދަ އެއް ހީޓުގެ ގޮތުގައި ފާހަގަކުރެވެނީ މިދިޔަ އަހަރުގެ ޗެމްޕިއަން ކުޑަ އައްޔަ އާއި ޝާމް އަދި އިޔާން ވާދަކުރާ ހީޓެވެ. މި ދެ ބައިވެރިންގެ ތެރެއިން ކުޑަ އައްޔަ އާއި ޝާމް ވަނީ މިދިޔަ އަހަރުގެ ބަނޑުފިލާ ޗެލެންޖުގެ ތިން ވަނަ ބުރުގައި ވާދަކޮށްފަ އެވެ. އެ ފަހަރު ޝާމް ވަނީ ކުޑަ އައްޔަ ބަލިކޮށްފަ އެވެ.
ތިން ވަނަ ބުރުގެ ފުރަތަމަ ހީޓުގައި ވާދަކުރާނީ މިދިޔަ އަހަރުގެ ދެ ވަނަ ހޯދި، އަހުމަދު ނަޒްމީން އާއި މި އަހަރުގެ ފުރަތަމަ މުބާރާތް ކަމަށްވާ ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖު ކާމިޔާބުކުރި އަޝްރަފް ހަސަން އާއި މުހައްމަދު އަޒާން އަހުމަދު އެވެ.
ތިންވަނަ ބުރުގެ އަނެއް ދެ ހީޓަށް ބަލާއިރު، ގައުމީ ޓީމްގެ އަލީ ޖާވިދު (ޖާއްޓެ) ނުކުންނާނީ އަސްވާން އަހުމަދު އާއި ދާވޫދު ފަޒީހު އެވެ. ފަހު ހީޓުގައި ޖޫނިއާ ޗެމްޕިއަން އާމިން އުމަރު މޫސާ އާއި ދެކޮޅަށް ނުކުންނާނީ މުހައްމަދު ޖަރީޝް ޖިހާދު އާއި އިޖާޒް ޝަރީފް އެވެ.
ގައުމީ ބަނޑުފިލާ ޗެލެންޖުގައި ކުރިއަށްދާ ޑްރޮޕް ނީ ބަޔަށް ބަލާއިރު، ކުއާޓާ ފައިނަލުގައި ވާދަކުރާ ބައިވެރިން މިހާރު ވަނީ ކަށަވަރުވެފަ އެވެ.
ކުއާޓާ ފައިނަލް ފުރަތަމަ ހީޓުގައި މި ފަހަރު ވެސް ނުކުންނާނީ ޝާމް އާއި ކުޑަ އައްޔަ އެވެ. ދެ ވަނަ ހީޓުގައި އާމިން އުމަރު މޫސާ އާއި އިޖާޒު ޝަރީފް ވާދަކުރާއިރު، ތިން ވަނަ ހީޓުގައި ދާވޫދު ފަޒީހު ނުކުންނާނީ ނޫހު މުހައްމަދު ދުނައިމް އިރުޝާދުއާ ދެކޮޅަށެވެ. ކުއާޓާ ފައިނަލް ފަހު ހީޓުގައި އަލީ ޖާވިދު ނުކުންނާނީ ޔާސިން އަހުމަދު ނާޝިދުއާ ދެކޮޅަށެވެ.
މުބާރާތުގެ ފައިނަލް ހީޓުތަކާއި، އިނާމް ދިނުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާ ހަވީރު އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment