Advertisement

އިސްލާހާ އެކު ވެސް، ޝަރުއީ ދާއިރާގެ އެންމެ އިސް ވެރިޔާގެ މުސާރައަށް ވުރެ މަޖިލިސް މެމްބަރެއްގެ މުސާރަ ބޮޑު!

20 ޑިސެންބަރު 2023 - 12:11 1

މިންހާ އަބްދުﷲ

މިންހާ އަބްދުﷲ

މަޖިލިސް މެމްބަރުންތަކެއް، މަޖިލިސް މެމްބަރެއްގެ މުސާރަ އެއް ލައްކަ ރުފިޔާއަށް ބޮޑު ކުރުމަށް ކޮމެޓީން ފާސްކޮށްފައިވޭ - ފޮޓޯ؛ މަޖިލިސް


އިސްލާހާ އެކު ވެސް، ޝަރުއީ ދާއިރާގެ އެންމެ އިސް ވެރިޔާގެ މުސާރައަށް ވުރެ މަޖިލިސް މެމްބަރެއްގެ މުސާރަ ބޮޑު!

20 ޑިސެންބަރު 2023 - 12:11 1

އިސްލާހުތަކާ އެކު ވެސް، އުއްތަމަ ފަނޑިޔާރުގެ މުސާރަ މަޖިލީހުގެ މެމްބަރެއްގެ މުސާރަ ބޮޑުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ފާސްކޮށްފި އެވެ.

އިއްޔެ ބޭއްވި މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި ދައުލަތުގެ ތިން ބާރުގެ މުސާރަ ބޮޑު ކުރުމަށް ފާސްކޮށްފައިވެ އެވެ. އެގޮތުން ރައީސާއި ނައިބު ރައީސް، މަޖިލީހުގެ މެމްބަރުން އަދި ފަނޑިޔާރުންގެ މުސާރަ ބޮޑު ކުރުމަށް ނިންމި އެވެ.

މަޖިލިސް މެމްބަރުންގެ މުސާރަ ބޮޑު ކުރުމަށް ނިންމީ މިހާރު މުސާރައިގެ ގޮތުގައި ލިބޭ 62،500 ރުފިޔާ 80،000 ރުފިޔާއަށް ބަދަލު ކުރުމަށެވެ. އަދި، މިހާރު ލިބޭ 80،000 ރުފިޔާގެ މުސާރައިގެ ބަދަލުގައި ކޮމެޓީ އެލަވަންސްގެ ގޮތުގައި ދޭ 20،000 ރުފިޔާ އާއެކު ކޮންމެ މެމްބަރަކަށް އެއް ލައްކަ ރުފިޔާ ލިބޭނެ އެވެ.

ފަނޑިޔާރުންގެ މުސާރަ ބޮޑު ކުރި އިރު، ޝަރުއީ ދާއިރާގެ އެންމެ އިސް ވެރިޔާ ނުވަތަ އުއްތަމަ ފަނޑިޔާރަށް ލިބޭ ގޮތަށް ފާސްކުރީ 91،000 ރުފިޔާ އެވެ. މިއީ މަޖިލީސް މެމްބަރެއްގެ މުސާރައަށް ވުރެ 9،000 ރުފިޔާ ކުޑަ އަދަދެކެވެ.

މަޖިލިސް މެމްބަރަކާއި އުއްތަމަ ފަނޑިޔާރަކަށް ވުމަށް ހުންނަން ޖެހޭ ޝަރުތުތައް އަޅާ ކިޔާއިރު އާދައިގެ ފަނޑިޔާރެއްގެ ޝަރުތުތައް މާ ގިނަ ވެފައި ބޮޑުކަން ފާހަގަކުރެވެ އެވެ.

މަޖިލިސް މެމްބަރަކަށްވުމުގެ ޝަރުތުތަކުގެ ތެރޭގައި ތައުލީމާއި ތަޖުރިބާއަށް ބެލުމެއް ނޯވެ އެވެ. އެހެންނަމަވެސް، އާދައިގެ ފަނޑިޔާރަކަށް ވުމަށް ވެސް، އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު، ނުވަތަ ގާނޫނާއި ޝަރީއަތުގެ ރޮނގުން ދަށްވެގެން ޑިޕްލޮމާ ހާސިލުކޮށްފައިވުމާއެކު ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި ނުވަތަ ޝަރުއީ ކޯޓެއްގެ ލީގަލް މަގާމެއްގައި މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައި ހުންނަން ޖެހޭ ކަމަށް ފަނޑިޔާރުން ހޯދުމަށް ކުރާ އިއުލާނުތަކުގައި ހުރެ އެވެ.

މިހާރުގެ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނަކީ ވެސް ގާނޫނީ ދާއިރާ އިން މަތީ ތައުލީމް ފުރިހަމަ ކުރައްވާފައިވާ އަދި ޝަރުއީ ދާއިރާ އާއި ގުޅުން ހުރި ދާއިރާތަކުގައި ކުރިން ވެސް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

މުއުތަސިމް ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަން 2010 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ހަމައަށް ކުރައްވާފަ އެވެ. އޭގެ ކުރިން އޭނާ ވަނީ ލޯ ކޮމިޝަންގެ މެމްބަރު ކަމާއި އެޗްއާރުސީއެމްގެ މެމްބަރު ކަމާއި ފޮރިން އިންވެސްޓްމަންޓް ބޯޑުގެ މެމްބަރު ކަމާއި ފޮރިން މިނިސްޓްރީގެ ލީގަލް އެފެއާޒްގެ ޑިރެކްޓަރު ކަން ވެސް ކުރައްވައިފަ އެވެ.

އެހެންނަމަވެސް، މަޖިލިސް މެމްބަރުންގެ ތެރެއިން ގިނަ މެމްބަރުންނަކީ މާ ބޮޑު ތައުލީމީ ކޮލިފިކޭޝަނެއް ނެތް ބޭފުޅުންނެވެ. އަދި މަޖިލިސް މެމްބަރުން މަސައްކަތް ކުރައްވަނީ ވެސް، ފަނޑިޔާރުންނަށް ވުރެ މަދު ދުވަސްކޮޅެއްގައި ކަން ފާހަގަކުރެވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އަހަރަކު ދެ ފަހަރު، ދެ މަސް ދުވަހުގެ ޗުއްޓީއެއް ނަންގަވަ އެވެ. އެހެންނަމަވެސް، ފަނޑިޔާރުން އާންމު ގޮތެއްގައި ޗުއްޓީއަށް ދަނީ ގާތް ގަނޑަކަށް އެއް މަސް ދުވަހުގެ "ރިސެސް" އެއްގަ އެވެ.

އެހެންނަމަވެސް، ކްރިމިނަލް ކޯޓުގެ ޖާގައިގެ ދަތިކަމާއި އިމާރާތަށް ދިމާވެފައި ހުރި އެކި ގެއްލުންތަކުގެ ސަބަބުން މައްސަލަތައް ނުނިމި، ފުނިޖެހިފައި ހުރުމުން މި އަހަރު ވެސް، ކްރިމިނަލް ކޯޓު ޗުއްޓީއަށް ނުދިޔުމަށް ނިންމި އެވެ.

ކުރިމިނަލް ކޯޓުގެ ނިންމުމެއް ހައި ކޯޓުގައި އަދި ފަހުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަމުންދާ މައްސަލަތަކުގެ ޝަރީއަތް ބާއްވަން މަތީ ދެ ކޯޓުގެ ފަނޑިޔާރުން މަސައްކަތަށް ނުކުމެފައިވެ އެވެ. އެއީ ގާނޫނުގައި ވަކި މުއްދަތެއްގެ ތެރޭގައި ނިންމަން ކަނޑައަޅާފައިވާ އިސްތިއުނާފްގެ މައްސަލަތަކުގަ އެވެ.

މަޖިލިސް މެމްބަރުންނަކީ އާންމު ގޮތެއްގައި ވެސް، ހާޒިރީ ދަށް ބައެއްކަން ފާހަގަކުރެވެ އެވެ. މި އަހަރު ތެރޭގައި ވެސް ކޯރަމް ހަމަ ނުވުމުގެ ސަބަބުން، މަޖިލީހުގެ ޖަލްސާތައް ފެށުން ލަސްވެ، ބައެއް ކަންކަމުގައި ވޯޓަށް އެހުން ވެސް މަޑު ޖައްސާލާފައިވެ އެވެ.

ކޮމެޓީން މި ގޮތަށް ފާސް ކުރުމަށް ނިންމި ނަމަވެސް، އެ ބަދަލާއި އެއްގޮތަށް އަމަލު ކުރަން ފަށާނީ ކޮމިޓީގެ ނިންމުން ތަޅުމުން ފާސް ކުރަމުންނެވެ.