20 ޑިސެންބަރު 2023 - 10:15 0
20 ޑިސެންބަރު 2023 - 10:15 0
ލަންޑަން (ޑިސެމްބަރު 20) - ޕެނަލްޓީ ޖަހައިގެން 4-2 އިން ނިއުކާސަލް ޔުނައިޓެޑް ބަލިކޮށް، ޗެލްސީން އިނގިރޭސި ލީގު ކަޕްގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.
ޗެލްސީ ދަނޑުގައި ރޭ ކުޅުނު މެޗުގެ 16 ވަނަ މިނިޓްގައި ނިއުކާސަލްގެ ކަލުމް ވިލްސަން ވަނީ ލަނޑެއް ޖަހައި އެ ޓީމަށް ލީޑުނަގައިދީފަ އެވެ. އެ ލީޑުގައި ނިއުކާސަލް އިން މެޗު ނިންމާލާނެ ކަމަށް ބެލެވިފައިވަނިކޮށް، އިތުރު ވަގުުތުގެ ދެ ވަނަ މިނިޓްގައި ޗެލްސީ އަށް އެއްވަރުކޮށްދިނީ މިކައިލޯ މުޑްރިކް ޖެހި ގޯލުންނެވެ.
ނަތީޖާ ނެރެން ޕެނަލްޓީ ޖަހަން ޖެހުނުއިރު، ޗެލްސީން ހަަތަރު ޕެނަލްޓީ ވެސް ކާމިޔާބުކުރި އެވެ. އެ ޓީމުން ޕެނަލްޓީތައް ފޮނުވާލީ، މުޑްރިކްގެ އިތުރުން ކޮނާ ގެލަގާ، ކޯލް ޕާމާ އަދި ދާދި ފަހުން އަނިޔާއިން ރަނގަޅުވެގެން ކުޅުމަށް އައި، ކްރިސްޓޮފާ އެންކުންކޫ އެވެ.
ނިއުކާސަލްގެ ކިއެރަން ޓްރިޕިއޭ ޖެހި ޕެނަލްޓީ ގޯލާ ސީދާނުވިއިރު، އެ ޓީމުގެ މެޓް ރިޗީ ޖެހި ޕެނަލްޓީ ޗެލްސީގެ ގޯލުގައި ހުރި ކީޕަރު، ޖޯޖޭ ޕެޓްރޮވިޗް ވަނީ މަތަކޮށްފަ އެވެ. ނިއުކާސަލް އިން ޕެނަލްޓީ ކާމިޔާބުކުރީ ވިލްސަން އާއި ބްރޫނޯ ގިމާރޭސް އެވެ.
ލީގު ކަޕް ސެމީ ފައިނަލުން ފުރުސަތު ލިބުމަކީ ޗެލްސީން މި ސީޒަނުގައި މައުރީސިއޯ ޕޮޗެޓީނޯގެ ކޯޗުކަމުގައި ތަށްޓެއް ހޯދަން ކުރާ މަސައްކަތުގައި ލިބުނު ހިތްވަރެެކެވެ.
ލީގު ކަޕް ކުއާޓާ ފައިނަލުގައި ރޭ އެވަޓަން އާއި ފުލަމް ކުޅުނު މެޗު 1-1 އިން އެއްވަރުވިއިރު، ޕެނަލްޓީގައި 7-6 އިން މޮޅުވީ ފުލަމް އެވެ. މިޑްލްސްބަރާ އިން ވަނީ 3-0 އިން ޕޯޓް ވޭލް ބަލިކޮށްފަ އެވެ.
Comment