Advertisement

ޗާގޯސް މައްސަލައިގައި ކުރީ ސަރުކާރުން އަމަލު ކުރި ގޮތް ބަލަން ކޮމީޓީއެއް އެކުލަވާލައި ރިޕޯޓެއް ތައްޔާރު ކުރަނީ

19 ޑިސެންބަރު 2023 - 18:24 0

ބަންޑާރަ ނައިބު އަހުމަދު އުޝާމް: އިން ކަނޑައެޅުމުގައި ރާއްޖެއިން އަމަލު ކުރި ބަލަން އެކުލަވާލެއްވި ކޮމިޓީއަށް އައްޔަނު ކުރީ ތިން ބޭފުޅުން -- ފޮޓޯ: އަދަދު ފައިލް


ޗާގޯސް މައްސަލައިގައި ކުރީ ސަރުކާރުން އަމަލު ކުރި ގޮތް ބަލަން ކޮމީޓީއެއް އެކުލަވާލައި ރިޕޯޓެއް ތައްޔާރު ކުރަނީ

19 ޑިސެންބަރު 2023 - 18:24 0

ދިވެހިރާއްޖެ އާއި ޗާގޯސްއާ ދެމެދު އިން ކަނޑައެޅުމުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަމަލު ކުރީ "ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ގެއްލޭ ގޮތަށް" ކަމަށް ބުނެ އެ މައްސަލަ ބަލަން މި ސަރުކާރުން ކޮމިޓީއެއް އެކުލަވާލައިފި އެވެ.

އިން ކަނޑައެޅި މައްސަލައިގައި ސަރުކާރުން އަމަލު ކުރި ގޮތް ބަލަން ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ވަނީ ތިން ބޭފުޅުންގެ ކޮމިޓީއެއް އެކުލަވާލައިފަ އެވެ. އެ ކޮމިޓީގެ ރިޕޯޓު ރައީސް ޑރ. މުހައްމަދު މުއިއްޒާއި ރައްޔިތުންގެ މަޖިލީހަށް އަރުވާނެ ކަމަށް ސަރުކާރުން ބުނެ އެވެ.

"ނިމިދިޔަ ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ފުށުއަރާ ގޮތަށް އަދި ދިވެހިރާއްޖޭގެ އެންމެ މަތީ މަސްލަހަތު ގެއްލޭ ގޮތަށް ގެންގުޅުއްވާފައިވާ ގާނޫނީ ޕޮޒިޝަން އާއި އަމަލު ކުރައްވާފައިވާ ގޮތާ ގުޅޭ ގޮތުން ރިޕޯޓެއް އެކުލަވާލައި، ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމަށް ބަންޑާރަ ނައިބު ވަނީ ނިންމާފައި،" ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ކުރީގެ ބަންޑާރަ ނައިބު މުހައްމަދު އަނިލް އާއި ޑިފެންސް މިނިސްޓްރީގެ ފަރާތުން ކާނަލް އަހުމަދު މުޖުތަބާ އާއި ފޮރިން މިނިސްޓްރީގެ ފަރާތުން އަހުމަދު ޝިއާން އެވެ. އެ ކޮމިޓީ ލީޑު ކުރައްވަނީ އަނިލް އެވެ.

ސަރުކާރުން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ ރާއްޖޭގެ ގާނޫނުތަކުން ކަނޑައަޅާފައިވާ އީއީޒެޑް "ފުރިހަމަ ގޮތުގައި ދެމެހެއްޓުމަށްޓަކައި" ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.

"ދިވެހިރާއްޖޭގެ ގާނޫނުތަކުގައި ކަނޑައަޅާފައިވާ ދިވެހިރާއްޖޭގެ އެކްލޫސިވް އިކޮނޮމިކް ޒޯން ފުރިހަމަ ގޮތުގައި ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތަކެއް ކުރާނެ ކަމުގެ ޔަގީންކަން ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަރުވަން،" އެ ބަޔާނުގައިވެ އެވެ.

އިން ކަނޑައެޅި މައްސަލައިގައި އިޓްލޮސް އިން ނިންމާފައިވާ ނިންމުން ބަދަލު ކުރަން ސަރުކާރުން މަސައްކަތް ފަށާފައިވާ ކަމަށް މިއަދު ބުންޏެވެ. އެ މަސައްކަތް ކުރުމުގައި އެއްވެސް ނުފޫޒެއް ނެތި އިސް ކުރަނީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ކަމަށް ވެސް ސަރުކާރުން ބުނެ އެވެ.

"މިކަމުގައި މިއޮފީހުންނާއި ދިވެހި ދައުލަތުން ފުރިހަމަ މާނައިގައ،ި އެއްވެސް ނުފޫޒެއް ނެތ،ި އިސްކުރާނީ، ދިވެހިރާއްޖޭގެ އެންމެ މަތީ މަސްލަހަތު ކަމުގައި ވެސް ދަންނަވަން،" ރައީސް އޮފީހުން ބުންޏެވެ.