Advertisement

ހައުސިން ލޯނުތަކުގެ އިންތިޒާމު ދާދި އަވަހަށް ހަމަޖައްސާނަން: ރައީސް

18 ޑިސެންބަރު 2023 - 17:51 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ފުށިދިއްގަރުފަޅު ހިއްކަން ފެށުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް


ހައުސިން ލޯނުތަކުގެ އިންތިޒާމު ދާދި އަވަހަށް ހަމަޖައްސާނަން: ރައީސް

18 ޑިސެންބަރު 2023 - 17:51 0

ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ވައުދުވެވަޑައިގެންފައިވާ ގޮތަށް ބޯހިޔާވަހިކަމަށް ދޫކުރާ ލޯނުތައް ތައާރަފް ކުރުމުގެ އިންތިޒާމް ދާދި އަވަހަށް ހަމަޖައްސަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ފުށިދިއްގަރުފަޅު ހިއްކުމުގެ ބިޔަ މަޝްރޫއު ފަށަން، އެ ފަޅުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ބޯހިޔާވަހިކަމަށް ދޫކުރާ އެކި ބާވަތުގެ ލޯނު ތައާރަފުކުރުމަށް ޓަކައި ބޭންކިން ނިޒާމުގެ ތެރެއިން ފަހިކުރަންޖެހޭ ކަންތައްތައް ހަމަޖައްސައި އެކަންތައް އިއުލާނުކުރައްވާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ފަސް ޕަސެންޓަށް ވުރެ ކުޑަ އިންޓަރެސްޓެއްގައި ދޫކުރާ އެ ލޯނުތައް ތައާރަފްކުރުމަށްޓަކައި ކުރަން ޖެހޭ އިދާރީ މަސައްކަތްތައް ސަރުކާރުން މިހާރު ވަނީ ފަށައިފަ އެވެ.

"އެކަންކަން ވެސް [އިދާރީ ކަންތައްތައް ވެސް] ފުރިހަމަކޮށްފައި އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް، އެ ރައްޔިތުންނަށް ބޭނުންވާ އެކި ކަހަލަ ލޯނުތައް ދޫކުރުމުގެ މަސައްކަތް ފެށިގެން ދާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި މާލެ ސަރަހައްދުން ދޫކުރި ގޯތިތަކުގައި ގެދޮރު ބިނާކުރަން ދޫކުރައްވާނެ ކަމަށް ވައުދުވެފައިވާ ލޯނުތައް ވެސް ހިމެނޭނީ އަލަށް ތައާރަފްކުރާ ސްކީމްގަ އެވެ.

ކުރީގެ ސަރުކާރުން ހިންގި "ބިންވެރިޔާ ސްކީމް" އިން ދޫކުރި ގޯތިތައް ދޫކުރުން ލަސްވާތީ އޮތް ކަންބޮޑުުވުމަށް ރައީސް މިއަދު ވެސް ޖަވާބު ދެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ ގޯތިތަކާއި ފްލެޓްތައް ލިބޭނެ ކަމަށް ކަނޑައަޅާފައިވާ ރައްޔިތުންނަށް ގޯތިތަކާއި ފްލެޓްތައް ލިބޭނެ ކަމަށެވެ.

"ރަސްމީކޮށް ގެޒެޓްކުރެވިފައި އޮތް އެއްވެސް ބޭފުޅެއްގެ އެއްވެސް ހައްގެއް އަޅުގަނޑުމެން އުންޏެއް ނުކުރާނަން. އޭގެ ބަދަލުގައި ވައުދުވީ ގޮތަށް ފުރިހަމަކޮށްދޭނީ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ގޯތިތައް ހަގީގަަތަކަށް ހަދާނީ ނުހިއްކައި އޮތް ފަޅުތައް ހިއްކައިގެން ކަމަށެވެ.

ބިންވެރިޔާ ސްކީމުން ހުޅުމާލެ، ގުޅިފަޅު، ގިރާވަރުން ވަނީ 9000 އަށް ވުރެ ގިނަ ގޯތި ދޫކޮށްފަ އެވެ.