Advertisement

ލޭބާ ރިޕޯޓު ޑިލީޓުކުރީ "އަންގައިގެނެއް ނޫން"، މައްސަލަ ތަހުގީގުކުރަން ވާނީ އަންގާފަ: މިނިސްޓަރު ސައީދު

18 ޑިސެންބަރު 2023 - 12:52 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު : ވިދާޅުވީ ލޭބާ ރިޕޯޓު ޑިލީޓުކުރީ އަންގައިގެނެއް ނޫން ކަމަށާއި މައްސަލަ ތަހުގީގުކުރަން ވަނީ އަންގާފަ ކަމަށް - ފޮޓޯ: ރައީސް އޮފީސް


ލޭބާ ރިޕޯޓު ޑިލީޓުކުރީ "އަންގައިގެނެއް ނޫން"، މައްސަލަ ތަހުގީގުކުރަން ވާނީ އަންގާފަ: މިނިސްޓަރު ސައީދު

18 ޑިސެންބަރު 2023 - 12:52 0

ރާއްޖޭގައި ތިބި ބިދޭސީ މަސައްކަތްތެރިންގެ އަދަދުތައް އެނގެން ހުރި އިކޮނޮމިކް މިނިސްޓްރީގެ އެންމެފަހުގެ ރިޕޯޓުތައް އެ މިނިސްޓްރީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުން ޑިލީޓުކުރީ އޭނާގެ އެންގުމަކަށް ނޫން ކަަމަށާއި އެ މައްސަލަ މިހާރު ތަހުގީގުކުރަން އަންގާފައިވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

"އިކްނޮމިކް މިނިސްޓްރީގެ ރަސްމީ އެއްވެސް ޓުވީޓެއް އަޅުގަނޑު އަންގައިގެން ޑިލީޓްކޮށްފައެއް ނުވާނެ. އެކަންކުރި ސަބަބު ތަޙްޤީޤްކުރަން މިހާރުވާނީ އަންގާފައި،" މިއަދު އެކްސްގައި ކުރެއްވި ޕޯސްޓުގައި ސައީދު ލިޔުއްވި އެވެ.

މިނިސްޓްރީން އެ ރިޕޯޓު ޑިލީޓު ކޮށްފައިވަނީ ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ އަދަދާ ހިލާފަށް ބަންގްލަދޭޝް އިން ރާއްޖެއަށް އަންސްކިލްޑް ލޭބަރުން އަލުން ގެނެވޭ ގޮތަށް އިއްޔެ ނިންމާފައި އޮއްވަ އެވެ. އެ މިނިސްޓްރީގެ ވެބްސައިޓުން ވެސް އެ ރިޕޯޓު ވަނީ ފޮހެލާފަ އެވެ.

ވަޒީފާއާބެހޭ ގާނޫނުގައި 65 ވަނަ މާއްދާގެ ހ. ގައި ބަޔާންކޮށްފައިވާ ގޮތުން އެއް ގައުމަކުން ރާއްޖެއަށް އެންމެ ގިނައިން ގެނެވޭނީ 100,000 މީހުންނެވެ. އިކޮނޮމިކް މިނިސްޓްރީން އެންމެފަހުން ހާމަކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ރާއްޖޭގައި 139,220 ބަންގްލަދޭޝް މީހުން މަސައްކަތްކުރެ އެވެ.

ނަމަވެސް ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން "އަދަދު" އަށް ވިދާޅުވީ އެ ރިޕޯޓުން ފެންނަނީ އެކްޓިވް ވޯކްޕާމިޓުތަކުގެ އަދަދުތައް ކަމަށާއި އެއީ މިވަގުތު ރާއްޖޭގައި ތިބި މަސައްކަތްތެރިންގެ އަދަދު ނޫން ކަމަށެވެ. އަދި އެ ރިޕޯޓު ފުހެލަން ޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"މިވަގުތު ތިބި ކަމަށް އިމިގްރޭޝަންގެ ބޯޑާ ކޮންޓްރޯލް ސިސްޓަމުން ދައްކަނީ 90،624 ބަންގްލަދޭޝް މަސައްކަތްތެރިން ކަމަށް،" އިހުސާން ވިދާޅުވި އެވެ.

ބަންގްލަދޭޝް ލޭބަރުން ރާއްޖެ ގެނައުން މަނާކުރީ 2019 ވަނަ އަހަރެވެ. އެއީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެކުލަވައިލެއްވި ޓާސްކުފޯހުގެ ނިންމުމެކެވެ. އެއާއެކު ލިޔެކިޔުން ނެތި ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ގަވާއިދުގެ ތެރެއަށް ފައްތަން ރެގިއުލަރައިޒޭޝަން ޕްރޮގްރާމެއް ވެސް ސަރުކާރުން ކުރިއަށްގެންދިޔަ އެވެ.